Advertisement

ކޮވިޑް ވެކްސިންގެ 15 މިލިއަން ޑޯޒް އެމެރިކާއިން އިސްރާފުކޮށްފި

2 ސެޕްޓެންބަރު 2021 - 12:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރާއްޖޭގައި ހިންގާ ޕްރޮގްރާމުގެ ދަށުން މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އަދަދު/ ހުސެން ޝަޔާހް


ކޮވިޑް ވެކްސިންގެ 15 މިލިއަން ޑޯޒް އެމެރިކާއިން އިސްރާފުކޮށްފި

2 ސެޕްޓެންބަރު 2021 - 12:16 0

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 2) - މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމެރިކާ އިން ކޮވިޑް ވެކްސިންގެ 15.1 މިލިއަން ޑޯޒް އިސްރާފު ކުރި ކަމަށް އެންބީސީ ނިއުސް އިން ބުނެފި އެވެ.

އެންބީސީން އެކަން ރިޕޯޓު ކުރީ އާއްމު މައުލޫމާތު ހޯދުމަށް ފޮނުވި ހުށަހެޅުމަކަށް ފަހު އެވެ. އެ ތަފާސްހިސާބަކީ ފާމަސީތަކާއި، ސްޓޭޓުތަކާއި، އެހެން ޕްރޮވައިޑަރުންގެ ފަރާތުން ލިބުނު މައުލޫމާތެވެ.

ނަމަވެސް ހަތް ސްޓޭޓަކުން މައުލޫމާތު ލިބިފައި ނުވާއިރު، ބޮޑެތި ފެޑެރަލް އޭޖެންސީތަކުން ވެސް މައުލޫމާތު ލިބިފައެއް ނުވެ އެވެ. އެހެންވެ، އެންބީސީން ދެކެނީ ބޭކާރުވި އަސްލު އަދަދު އިތުރު ވާނެ ކަމަށެވެ.

ވެކްސިން ޑޯޒް އުކާލަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ފުޅީގައި ރެނދުލާފައި ހުރުމާއި، ވެކްސިން ޑިލިއުޓް ކުރުމުގައި ނުބައިކޮށް އަމަލު ކުރެވުމާއި، ފްރީޒަރު މަސައްކަތް ނުކުރުން ފަދަ ކަންކަމެވެ.

ވެކްސިން ފުޅިއެއް ކަނޑައިފި ނަމަ ވަކި ވަގުތެއް ހަމަވުމުގެ ކުރިން އެ ބޭނުން ކުރަން ޖެހެ އެވެ. ނަމަވެސް އެ ވަގުތުގެ ތެރޭގައި ފުޅި ހުސްވާ ވަރަށް ވެކްސިން ޖަހަން މީހުން ނައުމަކީ ވެސް އިސްރާފަށް މެދުވެރިވާ ސަބަބެކެވެ.

އެމެރިކާ އިން ވެކްސިން ޑޯޒްގެ ގިނަ އަދަދެއް އުކާލި ހަބަރު އައިސްފައި މި ވަނީ ސަޕްލައި ނެތުމުގެ ސަބަބުން ފަގީރު ގައުމުތަކަށް ވެކްސިން ޕްރޮގްރާމް ރަނގަޅަށް ނުހިންގިގެން އުޅެނިކޮށެވެ.

އެފްރިކާ ބައްރުގެ އާބާދީގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ކުރީ އެންމެ 2.8 ޕަސެންޓު މީހުން ކަމަށް އަވާ ވޯލްޑް އިން ޑޭޓާގެ ތަފާސްހިސާބުން ދައްކަ އެވެ.

އެއާ ހިލާފަށް އެމެރިކާ އިން އެކަނިވެސް 440 މިލިއަން ޑޯޒް ދީ، އާބާދީގެ 52 ޕަސެންޓު މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އޭގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ކަމަށް ބެލެވޭ މިލިއަނަކަށް ވުރެ ގިނަ އެމެރިކާ ރައްޔިތުންނަށް ވަނީ ތިން ވަނަ ބޫސްޓާ ޝޮޓެއް ވެސް ދީފަ އެވެ.

ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ކުރާތާ އަށް މަސް ފަހުން ތިން ވަނަ ބޫސްޓާ ޝޮޓު ލިބޭނެ ގޮތް މި މަހުގެ ފަހުކޮޅު ފެށިގެން އެމެރިކާގެ ހުރިހާ ރައްޔިތުންނަށް މަގުފަހިވާނެ އެވެ.

އެމެރިކާއިން ވައުދުވެފައި ވަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިންގެ 600 މިލިއަން ޑޯޒް ހަދިޔާކުރާނެ ކަމަށެވެ. އޯގަސްޓު މަސް ފެށުމާ ހަމައަށް އޭގެ 110 މިލިއަން ޑޯޒް ވަނީ ހަދިޔާކޮށްފަ އެވެ.