Advertisement

ޔޫއްޕެ އާއި ޝަފީގުގެ "ގިރިދަ" 7 ސެޕްޓެމްބަރުގައި

2 ސެޕްޓެންބަރު 2021 - 06:35 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

"ގިރިދަ" ސީރީޒްގެ ޝޫޓިންގެ ތެރެއިން--- ފޮޓޯ:ފޭސްބުކް


ޔޫއްޕެ އާއި ޝަފީގުގެ "ގިރިދަ" 7 ސެޕްޓެމްބަރުގައި

2 ސެޕްޓެންބަރު 2021 - 06:35 0

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކުރާ "ގިރިދަ", 7 ސެޕްޓެމްބަރުގައި މީޑިއާނެޓް މަލްޓިސްކްރީނަށް ރިލީޒްކުރުމަށް ނިންމައިފި އެވެ.

މި ކޮމެޑީ ވެބް ސީރީޒްގެ ޓްރެއިލާ ނެރެފައިވާ އިރު، މިއީ ހަމަގައިމުވެސް ބެލުންތެރިން ހެއްވާލަ ދޭނޭ ސީރީޒްއެއް ކަން އެނގިގެންދެ އެވެ.

"ގިރިދަ" ސީރީޒް ގެ ޓްރެއިލާ--


ގިރިދައާ ބެހޭ ގޮތުން ފިލްމްގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ މިއީ ސިޓްކޮމްއަކާއި އާންމު ކޮމިޑީގެ ބައެއް ސްޓައިލްތައް ފެނިގެންދާނެ ސީރީޒެއް ކަމަށެވެ. ގިނަ ތަރިންތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެންދެ އެވެ.

އޭގެތެރޭގައި އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ޒިޔާ އަދި ފާތިމަތު ނޫރާ ހިމެނެ އެވެ. މީގެ އިތުރުން ޓިކްޓޮކްގައި މަޝްހޫރު ވެފައިވާ ތަރިންތަކެއްވެސް މި ސީރީޒުން ފެންނާނެ ކަމަށް ޔޫއްޕެ ބުންޏެވެ.

"ގިރިދަ"އިގެ މާނައަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ ކަމުގައި ވާއިރު، ޓްރެއިލާ އިން ފެންނަ ބައެއް މަންޒަރުތަކުން ބޮޑަށް ދައްކުވައިދެނީ ފިލްމު ކުޅެން ޝައުގުވެރިކަން ހުރި ބައެއްގެ ތެރޭގައި ހިނގާ ތަފާތު ކަންތައްތަކެކެވެ.

މީޑިއާނެޓް މަލްޓިސްކްރީނުން މި ސީރީޒުގެ 15 އެޕިސޯޑެއް ދެއްކުމަށް ހަމަޖެހިފައި ވާއިރު، އިތުރު އެޕިސޯޑްތަކެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ޔޫއްޕެ ބުންޏެވެ.

"ވާހަކައިގެ ގޮތުން ގިނަ ސްޓާރުންތަކެއް ފިލްމުން ފެނިގެން މިދަނީ. ދެން އަދި ވާހަކަ ކުރިއަށް ލިޔަމުން އަޅުގަނޑުމެން ސީރީޒްވެސް މި ކުރިއަށް ގެންދަނީ. ކޮންމެހެން ސީޒަން ބްރޭކްތަކެއް ގެންނަނީކީއެއް ނޫން. އެކަމު ވާހަކައިގެ ގޮތުން 15 އެޕިސޯޑަށް ފަހުވެސް މި ކުރިއަށް ގެންދެވިދާނެ،" ޔޫއްޕެ ބުންޏެވެ.

މި ސީރީޒުގެ މަސައްކަތް ފެށުނީ ކޮވިޑް19ގެ ސަބަބުން ސިނަމާތައް ބަންދުވެފައި ވާތީކަމުގައި ޔޫއްޕެ ބުންޏެވެ. އަދި ފިލްމުގެ މަސައްކަތްކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައި ވާއިރު ދެ ވަނަ ކޮލްޑައުންގެ ސަބަބުން މަސައްކަތް މުޅީން ހުއްޓާލަންޖެހި ޝެޑިއުލް އަށް ލަސްތަކެއް އައި ކަމަށްވެސް އޭނާ ބުންޏެވެ.

"ގިރިދަ" ސީރީޒްގެ މަސައްކަތުގެ އިތުރަށް ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ދިވެހި ފިލްމު "ހެހެސް" ވެސް މި މަސް ތެރޭ މީޑިއާނެޓުގެ މަލްޓި ސްކްރީނުންނާއި އަދި އެމްއެސް ޓީވީ ވީއޯޑީއިން ދެއްކުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.