Advertisement

ކުޑަގިރި ހިއްކައިގެން ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ސެޕްޓެންބަރު 2021 - 13:58 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާ ކޮންސެޕްޓް: މި މަޝްރޫއުގެ ދަށުން ޕިކްނިކް ދާން ވަސީލަތްތައް ހިމެނޭ ދެ ރަށް ތަރައްގީކުރާނެ. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ކުޑަގިރި ހިއްކައިގެން ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

1 ސެޕްޓެންބަރު 2021 - 13:58 0

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އަންނަ އަހަރު ހުޅުވާ ގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 41.4 މިލިއަން ރުފިޔާއަށެވެ.

ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ބުނާ ގޮތުން، ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާނެ އެވެ. އެއް ރަށް ހިއްކަނީ އަށް ހެކްޓަރަށެވެ. އަނެއް ރަށް ހިއްކަނީ ފިނޮޅެއް ގޮތަށް 1.5 ހެކްޓަރަށެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީކުރަން އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން ސޮއިކުރުން


މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.

މާލެ އާއި 10.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރާ ވާހަކަ ސަރުކާރުން އާންމުކުރީ މި މަހުގެ ތެރޭގަ އެވެ. އަދި އެ މަޝްރޫއުގެ އީއައިއޭއަށް އާންމުންގެ ހިޔާލު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ އިއްޔެ އެވެ.

ކުޑަގިރި މަޝްރޫއުގެ އީއައިއޭއަށް ޕްލޭނިން މިނިސްޓްރީން ފަށާފައިވާ ސާވޭ


ސަރުކާރުން ކުރިން މި ޕިކްނިކް އައިލެންޑް ތަރައްގީކުރަން ވިސްނީ މާލެ ކައިރިން އޮންނަ އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށަކުން ރަށެއްގަ އެވެ. އަދި ބޮޑު ރަސްމިއްޔާތެއްގައި އެކަމުގެ ކުރެހުންތައް އާންމުކޮށް، އެ މަޝްރޫއު އިއުލާނުކުރި އެވެ. އަދި ހަތް ކުންފުންޏަކާ އެކި މަސައްކަތްތައް ހަވާލުކޮށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިޔަ އެވެ.

ނަމަވެސް، ފަހުން އެނބޫދޫފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ ހިޔާލު ބަދަލުވެ އެއިން ރަށެއްގައި ޕިކްނިކް އައިލެންޑް ނުހަދާ ގޮތަށް ވަނީ ނިންމާފަ އެވެ. އެކަމަކު އެއީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.