Advertisement

އެމްއައިބީ ގްލޯބަލް ޕޭ އޮންލައިން ޕޭމަންޓް ގޭޓްވޭ ތައާރަފުކޮށްފި

31 އޮގަސްޓު 2021 - 11:53 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެމްއައިބީ ގްލޯބަލް ޕޭ އޮންލައިން ޕޭމަންޓް ގޭޓްވޭ ތައާރަފުކޮށްފި

31 އޮގަސްޓު 2021 - 11:53 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "އެމްއައިބީ ގްލޯބަލް ޕޭ" ގެ ނަމުގައި، އޮންލައިން ޕޭމަންޓް ގޭޓްވޭއެއް ތައާރަފުކޮށްފި އެވެ.

މިއީ ދިވެހި ވިޔަފާރިތަކަށް އޮންލައިންކޮށް ފައިސާ ބަލައިގަންނަން ފަހިކޮށްދިނުމުގެ ބޭނުމުގައި އެމްއައިބީން ތައާރަފުކުރި ހިދުމަތެކެވެ. އަދި މި ގޭޓްވޭ ބޭނުންކޮށްގެން، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ ކަސްޓަމަރަކަށް ވެސް މުދަލާއި ހިދުމަތް ވިއްކޭނެ މަގުފަހި ވެގެން ދާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެއްއައިބީގެ ޕޭމަންޓް ގޭޓްވޭގައި ބޭނުންކުރަނީ އީ-ކޮމާސް ޕޭމަންޓްސްގެ ދާއިރާގައި ފުންނާބު އުސް މާސްޓާކާޑު ޕޭމަންޓް ގޭޓްވޭ ސާވިސަސް އެވެ. އަދި 177 ބާވަތުގެ ފައިސާއިން ޕޭމަންޓުތައް ބަލައިގަނެ އެވެ.

މިއާއެކު އެމްއައިބީން މާސްޓާކާޑު ގަބޫލުކުރުން ވެސް ފެށުނީ އެވެ. އަދި ބައިނަލްއަގުވަމީ އެހެން ކާޑު ސްކީމްތައް ބޭނުންކޮށްގެން ވެސް މި ޕޭމަންޓް ގޭޓްވޭއިން ޕޭމަންޓުން ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީން މައުލޫމާތު ދެ އެވެ.

އެމްއައިބީ ގްލޯބަލް ޕޭގެ ފާހަގަކޮށްލެވޭ ފީޗާތައް. --


އެމްއައިބީ ގްލޯބަލް ޕޭގެ ފާހަގަކޮށްލެވޭ ފީޗާތަކުގެ ތެރޭގައި ޓޯކަނައިޒޭޝަން އަދި ޝެޑިއުލްޑް ޕޭމަންޓްސް ފާހަގަކޮށްލެވެ އެވެ.

ޓޯކަނައިޒޭޝަންއަކީ ވިޔަފާރިތަކުގެ ކޮމްޕްލަޔަންސް ހަރަދު ކުޑަކޮށް، އޮންލައިން މުއާމަލާތްތައް އަވަސްކޮށްދޭ ފީޗާއެކެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ޑިޖިޓަލް މުއާމަލާތްތަކުން ލިބޭ ފައިދާ އިތުރުކުރެވޭނެ މަގުފަހިވެގެން ދާނެ އެވެ.

ޝެޑިއުލްޑް ޕޭމަންޓްސް ފީޗާއަކީ ބިލުތަކާއި އަހަރީ ފީ ދައްކަން ބޭނުންކުރެވޭ ފީޗާއެކެވެ. މި ފީޗާ ބޭނުންކުރާ ނަމަ ކޮންމެ ފަހަރަކު ކާޑު ތަފްސީލުތައް ޖަހާކަށް ނުޖެހޭނެ އެވެ. އަދި އެކައުންޓުގައި ފައިސާ ހުރިއްޔާ އޮޓަމެޓިކުން ބިލަށް ފައިސާ ކެނޑޭނެ އެވެ.

ވިޔަފާރިތަކުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި މި ގޭޓްވޭ ތިން ގޮތަކަށް އިންޓެގްރޭޓް ކުރެވެ އެވެ. އެއީ ޑައިރެކްޓް ޕޭމަންޓާއި، ހޯސްޓަޑް ޗެކްއައުޓް އަދި ހޯސްޓަޑް ސެޝަން ހިމެނެ އެވެ. އަދި އެ ވިޔަފާރިއެއްގެ ކުޑަ ބޮޑު މިނާއި ބޭނުންވާ ކަސްޓަމައިޒޭޝަނަކަށް މިތަނުން ކޮންމެ ހިދުމަތެއް ވެސް ހިޔާރު ކުރެވޭނެ އެވެ.

އެމްއައިބީގެ ގްލޯބަލް ޕޭ ހިދުމަތާ ގުޅިގެން އެ ބޭންކުން ބުނީ، މިއީ ވިޔަފާރިތަކުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށާއި، އީޖާދީ އުފެއްދުންތަކެއް ބާޒާރަށް ނެރެން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިއީ ވިޔަފާރިތަކާއި ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ހިދުމަތެއް ކަމަށް ބުންޏެވެ.

އެމްއައިބީން ވަނީ މި ހިދުމަތް ޓެސްޓުކުރުމުގެ މަރުހަލާ ނިންމާ، ވިޔަފާރިތަކާއެކު މަސައްކަތް ކުރަން ފަށަން ތައްޔާރުވެފަ އެވެ. އަދި މިހާރު މި ހިދުމަތް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.