Advertisement

މެލޭޝިއާގެ އާ ސަރުކާރު ހުވާކުރި އިރު ބޮޑު ވަޒީރަށް ބައިވެރި ނުވެވުނު

31 އޮގަސްޓު 2021 - 08:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެލޭޝިއާގެ އާ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ.-- ފޮޓޯ: އޭއެފްޕީ


މެލޭޝިއާގެ އާ ސަރުކާރު ހުވާކުރި އިރު ބޮޑު ވަޒީރަށް ބައިވެރި ނުވެވުނު

31 އޮގަސްޓު 2021 - 08:09 0

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޯގަސްޓު 30) - މެލޭޝިއާގެ އާ ސަރުކާރު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު ބައިވެރިވެވަޑައިނުގެންނެވީ އައިސޮލޭޝަނުގައި ހުންނެވުމުން ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

އިސްމާއިލް ސަބްރީގެ ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވީ ރަސްގެފާނުގެ ކުރިފުޅުމަތީގަ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ސަބްރީ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެމަނިކުފާނުގެ އޮފީހުން ބުނީ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ބޮޑު ވަޒީރު ކޮންޓެކްޓުވެފައިވާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ސަބްރީ އަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންވުނު އިރު މެލޭޝިއާގެ ގައުމީ ދުވަސް ފާހަގަކުރަން އަންގާރަ ދުވަހު ބާއްވާ ހަފްލާތަކުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭނީ ވާޗުއަލްކޮށެވެ.

މެލޭޝިއާގެ އާ ސަރުކާރުގައި ގިނައިން ހިމެނީ، ކުރިން ވެސް މަގާމުގައި ތިއްބެވި މިނިސްޓަރުންނެވެ. އެހެންކަމުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި އާ ސަރުކާރުން ތަފާތުކޮށް ކުރާނެ ކަމަކާ މެދު ވަނީ ސުވާލު އުފެދި، ފާޑުކިޔުން އަމާޒުވެފަ އެވެ.

ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވީ ޕާލިމެންޓު މެޖޯރިޓީ ގެއްލުމުންނެވެ. އޭރު ސަރުކާރަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅުން ހުރި ފާޑުކިޔުންތަކެވެ.

ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބެއް ބާއްވައިފި ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި، އާ ބޮޑު ވަޒީރުގެ މަގާމަށް ސަބްރީ އައްޔަނު ކުރެއްވީ ރަސްގެފާނެވެ. އެގޮތަށް ނިންމެވީ ގިނަ ޕާޓީތަކުގެ ތާއީދު އޮތް ބޭފުޅެއް ބަލައިގެންނެވެ.

މެލޭޝިއާގައި ޑެލްޓާ ވޭރިއެންޓު ފެތުރެމުން ދާއިރު ދުވާލަކު 20،000 ކޭސް ދަނީ ފެންނަމުންނެވެ. އަދި ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މަރުތަކެއް ވެސް ދަނީ ރިކޯޑު ކުރަމުންނެވެ.