Advertisement

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ތުހުމަތު ދޮގުކޮށް، އޯޑިއޯތަކުގެ މައްސަލަ ބަލަން އަންގައިފި

30 އޮގަސްޓު 2021 - 14:48 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޒް ޢަލީ ޒާހިރު: ލީކްވި އޯޑިއޯތަކުގެ މައްސަލަ ސަރުކާރުން ވަނީ ފުލުހަށް އަންގައިފައި-- ފޮޓޯ: ރައީސް އޮފީސް


ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ތުހުމަތު ދޮގުކޮށް، އޯޑިއޯތަކުގެ މައްސަލަ ބަލަން އަންގައިފި

30 އޮގަސްޓު 2021 - 14:48 0

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ކުރިމިނަލް ކޯޓުގެ ބައެއް ގާޒީންގެ އަޑު އިވޭ އޯޑިއޯ ލީކްވެފައިވާ މައްސަލަ ބަލަން ސަރުކާރުން ފުލުހަށް އަންގައިފި އެވެ.

ލީކް ވެފައިވާ އޯޑިއޯތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން މިއަދު ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޒް އަލީ ޒާހިރުއާ ބައްދަލު ކުރައްވައިފަ އެވެ. އެބޭފުޅުން ރައީސް އޮފީހަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރެއްވުމަށެވެ. އެކަމަކު ރައީސްއާ ބައްދަލު ކުރެވޭ ގޮތެއްނުވި އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ކަންބޮޑުވުންތައް އަލީ ޒާހިރާ ހިއްސާކުރީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކަމަށެވެ.

އެގޮތުން މިހާރު މީޑިއާގައި ފެތުރެމުންދާ އޯޑިއޯތަކަށް އިޝާރާތްކުރައްވައި އެއީ ޔާމީނުގެ ސަރީއަތް ހިންގެވި ތިން ފަނޑިޔާރެއްގެ އޯޑިއޯ ކަމަށާއި ރައީސް ސޯލިހު އާއި ސަރުކާރުން އަދި ހާއްސަކޮށް އަލީ ޒާހިރު ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް މި ޓީމުގެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ.

އަދި އެފަދަ އޯޑިއޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވި އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ޝިޔާމް ވަނީ އަލީ ޒާހިރުގެ އޯޑިއޯތައް ވެސް ހުރިކަމަށް ވިދާޅުވެ ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައި ކަމަށެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިއޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދުދީ ވާހަކަދައްކާފައި ނުވަނީ އެއީ އެއްވެސް އަސްލެއްނެތް ވާހަކަތަކަކަށް ވާތީ ކަމަށެވެ. އަދި ފެތުރެމުންދާ އޯޑިއޯތަކުގެ މައްސަލަ ބަލައި ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާނެކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"އަދި ސަރުކާރުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވި،" ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އަލީ ޒާހިރުގެ އޯޑިއޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އޭނާ ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އެ ވިދާޅުވި ފަދަ އޯޑިއޯއެއް އޮތްނަމަ މީޑިއާއަށް ހާމަކޮށްދެއްވުމަށް ވެސް އަލީ ޒާހިރު އެދިވަޑައިގެންނެވި އެވެ.

ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި އަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ހުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރަކީ މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުސަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.

އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާހުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި އަލީ ޒާހިރު ވިދާޅުވި އެވެ.