Advertisement

އުތުރު ކޮރެއާގެ ނިއުުކްލިއާ ރިއެކްޓަރުގެ މަސައްކަތް އަލުން ފަށައިފި

30 އޮގަސްޓު 2021 - 09:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.-- ފޮޓޯ: އޭއެފްޕީ


އުތުރު ކޮރެއާގެ ނިއުުކްލިއާ ރިއެކްޓަރުގެ މަސައްކަތް އަލުން ފަށައިފި

30 އޮގަސްޓު 2021 - 09:28 0

ސޯލް، ދެކުނު ކޮރެއާ (އޯގަސްޓު 30) - ނިއުކްލިއާ ހަތިޔާރު މުއްސަނދި ކުރަން އަމާޒު ހިފާފައިވާ އުތުރު ކޮރެއާގެ ޕްލޫޓޯނިއަމް އުފައްދާ ރިއެކްޓަރުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް އދ. ގެ އެޓޮމިކް އެޖެންސީން ބުނެފި އެވެ.

އުތުރު ކޮރެއާގެ އެންމެ ބޮޑު ނިއުކްލިއާ ކޮމްޕްލެކްސް ހުންނަނީ ޔޮންގްބިޔޯން ގަ އެވެ. ޕްލޫޓޯނިއަމް އުފައްދާ ފަހެއް މެގަވޮޓުގެ ރިއެކްޓަރު ހުންނަނީ އެ ތަނުގަ އެވެ. އެ ރިއެކްޓަރުގެ މަސައްކަތް އަލުން ފަށާފައި ވާއިރު، އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ބޭއްވި ނިއުކްލިއާ މަޝްވަރާތައް އޮތީ ހުއްޓިފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ބޭއްވި ދެ ވަނަ ބައްދަލުވުމުގައި ކިމް ހުށަހެޅުއްވީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ލުއި ދޭ ނަމަ، ޔޮންގްބިޔޯން ކޮމްޕްލެކްސްގެ ބައިތައް ރޫޅާލުމަށެވެ. ނަމަވެސް ޓްރަމްޕް އެ ހުށަހެޅުން ގަބޫލެއް ނުކުރެއްވި އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ހެދި އެ ގައުމާ ދެކޮޅަށް ގިނަ އަދަދެއްގެ ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވެ އެވެ. ނަމަވެސް ކިމްގެ ވެރިކަމުގައި އެ ދެ ޕްރޮގްރާމު ވެސް ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

"ރިއެކްޓަރުގެ މަސައްކަތް ފެށި ކަމަށް ބެލެވޭނެ ގިނަ ނިޝާންތަކެއް މިދިޔަ ޖުލައި މަހުން ފެށިގެން ދަނީ ފެންނަމުން،" އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ އަހަރީ ރިޕޯޓުގައި ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ނެރުނު ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 2018 އިން ފެށިގެން ޔޮންގްބިޔޯން ރިއެކްޓަރުގެ މަސައްކަތް އޮތީ ހުއްޓާލާފަ އެވެ.

އުތުރު ކޮރެއާގައި ތިބި އައިއޭއީއޭގެ އިންސްޕެކްޓަރުން 2009 ވަނަ އަހަރު ވަނީ އެ ގައުމުން ފޮނުވާލާފަ އެވެ. އޭގެ ފަހުން އެ އެޖެންސީން އުތުރު ކޮރެއާ މޮނިޓާ ކުރަނީ އެ ގައުމަށް އެތެރެނުވެ އެވެ.

ރިއެކްޓަރުގެ މަސައްކަތް އަލުން ފެށި ކަމަށް އައިއޭއީއޭ އިން ބުނެފައި ވާއިރު، އެ ތަނާ ކައިރީގައި ހުންނަ ރޭޑިއޯކެމިކަލް ލެބޯޓަރީއެއްގެ އެހީގައި ރިއެކްޓަރުގައި ކުރިން ބޭނުންކުރި ހަކަތައިން ޕްލޫޓޯނިއަމް ވަކިކުރަމުންދާ ކަމަށް ވެސް ކުރިން އޮތީ ބެލެވިފަ އެވެ.

އައިއޭއީއޭ އިން ބުނީ ރިއެކްޓަރާއި ލެބޯޓަރީގެ މަސައްކަތް އަލުން ފެށުމުން ކަންބޮޑުވާ ކަމަށާއި އުތުރު ކޮރެއާގެ އަމަލުތަކަކީ އދ. ގެ ގަރާރުތަކާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.

ވެރިރަށް ޕިޔޯންގްޔޭންގާއި 100 ކިލޯމީޓަރު ދުރުގައި ހުންނަ ޔޮންގްބިޔޯން އަކީ އުތުރު ކޮރެއާގެ ފުރަތަމަ ނިއުކްލިއާ ރިއެކްޓަރު ގާއިމްކުރި ތަނެވެ. އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމަށް ބޭނުންވާ ޕްލޫޓޯނިއަމް އުފައްދާ ހަމައެކަނި ރިއެކްޓަރަކީ ވެސް އެއީ އެވެ.

ނަމަވެސް އެ ރިއެކްޓަރުގެ އިތުރުން ޔުރޭނިއަމް މުއްސަނދި ކުރެވޭނެ އިތުރު ތަންތަން ހުރި ކަމަށް ބެލެވެ އެވެ. އެހެންކަމުން އެ ރިއެކްޓަރު ބަންދު ކުރި ނަމަވެސް އުތުރު ކޮރެއާގެ އެޓޮމިކް ޕްރޮގްރާމް ހުއްޓުމަކަށް ނާންނާނެ އެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ އަދި މިސައިލް ޓެސްޓު ކުރުން 2018 ވަނަ އަހަރު މެދުކަނޑާލި އެވެ. އެއީ ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ދިޔަ ދުވަސްވަރެވެ. ނަމަވެސް ޖެނުއަރީ 2020 ގައި އެ ގައުމުން ވަނީ އަލުން އެ މަސައްކަތް ފަށާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

އޭގެ ފަހުން ކުރު ރާސްތާގެ މިސައިލްތަކެއް ލޯންޗުކޮށްފައި ވެ އެވެ. ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން އެއްވެސް ނިއުކްލިއާ ޓެސްޓެއް ހަދާފައެއް ނުވެ އެވެ.