Advertisement

ލޮނުގެ ކޮލިޓީ ބަލާލަން އަލުވި ޓެސްޓެއް!

30 އޮގަސްޓު 2021 - 09:37 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ލޮނުގެ ކޮލިޓީ ބަލާލަން އަލުވި ޓެސްޓެއް!

30 އޮގަސްޓު 2021 - 09:37 0

ކައްކާ އެއްޗެހީގައި ލޮނު ހެޔޮވަރު ނުވެގެން ދުވަހަކު ވެސް މައްސަލައެއް ޖެހުނު ހެއްޔެވެ؟ ގައިމުވެސް ލޮނަކީ އެއާ ނުލާ މައިގަނޑު އެއްވެސް ކެއުމެއް ފުރިހަމަ ނުވާނެ މުހިންމު އެއްޗެކެވެ. އެކި ނަންނަމުގައި ތަފާތު ބްރޭންޑްތަކުގެ ލޮނު މިއަދު މާކެޓުގައި ލިބެން ހުރި އިރު ބޭނުން މިކުރެވޭ ލޮނަކީ އެކަށީގެންވާ ވަރުގެ ކޮލިޓީ އެއްގެ ލޮނެއްތޯ ޔަގީން ކޮށްލުމަކީ މުހިންމުކަމެކެވެ.

ދާދިފަހުން އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އިން ވަނީ DetectingFoodAdulterants# ގެ ނަމުގައި ކާ އެއްޗެހީގެ ކޮލިޓީ ބެލޭނެ މިންގަނޑުތަކެއް ދައްކުވައިދޭ ޓްވިޓާ ސީރީޒް އެއް ފަށާފަ އެވެ. އެޑަލްޓަރަންޓްސް އޭ ބުނެވެނީ ކާބޯތަކެތީގައި ހުންނަން ޖެހޭ މިންގަނޑަށްވުރެ ދަށް ފަންތީގައި ހުންނަ ކާބޯތަކެއްޗަށެވެ. ކާބޯތަކެތި އެޑަލްޓަރޭޓް ކުރުމުގެ ގޮތުން މިފަހަކަށް އައިސް އެންމެ އާންމުކޮށް ކުރެވޭ އެއްކަމަކީ އެ ކާއެއްޗެއްގެ ތެރެއަށް އެހެނިހެން ބާވަތްތަކުގެ ތަކެތި އަޅާ އޭގެ އަސްލު ކޮލިޓީ ގެއްލުވާލުމެވެ. ރިހާކުރަކީ މިކަމުގައި އަރާ ހުރި މިސާލެކެވެ. މިފަހުގެ ރިހާކުރުތަކުގައި ފެން ރަހަ ލައި، މާ ދިޔާވެ ނުވަތަ ފުށްވެފައި ހުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ކޮންމެއަކަސް، ރިހާކުރާ ހިސާބަށް ދިއުމުގެ ކުރިން މިއޮތީ ލޮނުގެ ކޮލިޓީ ބަލާނެ ގޮތެވެ. އާންމުގޮތެއްގައި އަހަރެމެން ކެއްކުމަށް މި ބޭނުންކުރާ އައޮޑައިޒްޑް ލޮނަކީ އޭގައި ސޯޑިއަމް އައޮޑައިޑް ނުވަޔަ ޕޮޓޭސިއަމް އައޮޑައިޑް މާޢްދާ ހިމެނޭ ލޮނެވެ. އެކަށީގެންވާ މިންވަރަށް ބޭނުންކޮށްފި ކަމުގައިވާނަމަ މިއީ ހިތް ފަދަ މުހިންމު ގުނަވަންތަކުގެ ހިނގުމަށް މުހިންމު އެއްޗެކެވެ. އެހެންނަމަވެސް އައޮޑައިޒްޑް ލޮނުގެ ނަމުގައި ބައެއްފަހަރު އެނޫން އެހެން އާންމު ލޮނުވެސް ވިއްކުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި އާންމު ކަމެކެވެ. އެހެންކަމުން ތިމާ ބޭނުންކުރާ ލޮނަކީ އައޮޑައިޒްޑް ލޮނުތޯ ޔަގީން ކުރުމަށްޓަކައި މި ޓެސްޓް ގޭގައި އަމިއްލަ އަށް ހެދިދާނެ އެވެ.

ލޮނުގެ ކޮލިޓީ ޓެސްޓުކޮށްލުމަށްޓަކައި ބޭނުންވަނީ އަލުވި އެކެވެ. އަލުވި ދެފަޅި ކުރުމަށްފަހު އެތެރެެއަށްވާ ފަޅީގައި ޓެސްޓްކުރަން ބޭނުންވާ ލޮނުކޮޅު ހޭކުމަށްފަހު މިނިޓެއް ވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ދެ ތިކި ލުނބޯ ހުތް ފޮދެއް ޖަހާލާށެވެ. ލޮނަކީ އެޑަލްޓަރޭޓެޑް ލޮނަކަށް ވާނަމަ އަލުވީގައި ނޫކުލައެއް ފެނިގެންދާނެ އެވެ. ނޫންނަމަ އެ ލޮނަކީ ބޭނުންކުރުމަށް އެކަށޭނަ ލޮނެކެވެ.