Advertisement

ލެވަންޑޯސްކީ އަށް ހެޓްރިކަކާއި ރެކޯޑެއް

29 އޮގަސްޓު 2021 - 00:57 0

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.


ލެވަންޑޯސްކީ އަށް ހެޓްރިކަކާއި ރެކޯޑެއް

29 އޮގަސްޓު 2021 - 00:57 0

ބާލިން (އޮގަސްޓް 28) - ޖަރުމަނު ލީގުގައި މިރޭ ހާތާ ބާލިން އަތުން 5-0 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ހެޓްރިކެއް ހެދުމުގެ އިތުުރުން ރެކޯޑެއް ގާއިމްކޮށްފި އެވެ.

ލެވަންޑޯސްކީ، 33، ވަނީ މި މެޗުގައި ހެދި ހެޓްރިކާ އެކު ބަޔާނަށް 300 ގޯލު ހަަމަކޮށްފަ އެވެ. މިއީ ލެވަންޑޯސްކީ ޖެހިޖެހިގެން ލަނޑު ޖެހި ބަޔާންގެ 16 ވަނަ މެޗެވެ. މީގެ ކުރިން ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ބަޔާނަށް ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 1970 ވަނަ އަހަރު ޖެހިޖެހިގެން 15 މެޗުގައި ގޯލު ޖެހި ކުރީގެ އެއް ވަނަ ފޯވާޑް ގާޑް މުލާ އަތުގަ އެވެ. ދާދި ފަހުން މުލާ ވަނީ މަރުވެފަ އެވެ.

މިރޭގެ ގޯލުތަކާ އެކު ލެވަންޑޯސްކީ ވަނީ ބަޔާނަށް ކުޅެދިން 333 މެޗުން އެ ޓީމަށް 301 ގޯލު ޖަހައިދީފަ އެެވެ. ލެވަންޑޯސްކީ ބަޔާނަށް ބަދަލުވީ 2014 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށެވެ. ލެވަންޑޯސްކީ ބުނީ ހާތާ ބާލިން ކޮޅަށް މިރޭގެ މެޗުގައި ހެދުނު ހެޓްރިކާ އެކު ސީޒަނުގެ ކުރިއަށް ހުރި މެޗުތަކުގައި ކުޅެން ކޮންފިޑެންސް ލިބިފައިވާ ކަމަށެވެ.

ބަޔާންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ ތޯމަސް މުލާ ޖެހި ގޯލުންނެވެ. މިއީ މުލާ ޖަރުމަނު ލީގުގައި ޖެހިޖެހިގެން ލަނޑު ޖެހި 13 ވަނަ ސީޒަނެވެ. ލެވަންޑޯސްކީގެ ފަރާތުން ހެޓްރިކެއް ފެނުނުއިރު، ދެން ބަޔާންގެ އަނެއް ގޯލު ޖެހީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ.

ބަޔާން އެންމެ ފަހުން ޖަރުމަނު ކަޕާއި ޖަރުމަނު ލީގުގައި ކުޅުނު ދެ މެޗުން މި ވަނީ 17 ގޯލު ޖަހައިފަ އެވެ. ޖަރުމަނު ކަޕް ފުރަތަމަ ބުރުގައި ދާދި ފަހުން ފަސް ވަނަ ޑިވިޝަނުގެ ބްރެމާ އަތުން ބަޔާން މޮޅުވީ 12-0 އިންނެވެ. އަދި މިރޭ މި ވަނީ ލީގުގައި ހާތާ ބާލިން އަތުން 5-0 އިން މޮޅުވެފަ އެވެ.

މިރޭގެ މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މެޗަކަށް ފަހު މެޗެއް ޓީމު ދަނީ ރަނގަޅު މިސްރާބަށް ކަމަށެވެ. އަދި އޭނާ ވަނީ އެ ޓީމުގެ ފޯވާޑް ލެވަންޑޯސްކީ އަށް ތައުރީފުކޮށްފަ އެވެ.

"އެ ވަރުގެ ވިސްނުންތޫނު ފޯވާޑެއް ފުޓްބޯޅައިގައި މި ވަގުތު ނެތް. އޭރިއާތެރެއިން ލެވަންޑޯސްކީ އަށް ލިބޭ ބޯޅަތައް ކޮންފިޑެންސާ އެކު ނިންމާލާ. މިއީ އަހަރެމެންނަށް ބޭނުންކުރެވޭނެ ހަތިޔާރެއް،" ނާގަލްސްމަން ބުންޏެވެ.

ބަޔާން ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް އެއް ވަނައިގައި އޮތީ ބަޔާ ލެވަކޫސަން އެވެ. އެއް ވަނައިގައި އޮތް ލެވަކޫސަނާއި ދެ ވަނައިގައި އޮތް ބަޔާނަށް އަދި ތިން ވަނައިގައި އޮތް ފްރެއިބާގަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަން މިރޭ ވަނީ އޯގްސްބާގް ދަނޑުގައި 4-1 އިން މޮޅުވެފަ އެވެ. އަދި ފްރެއިބާގް ވަނީ ސްޓުޓްގާޓް ދަނޑުގައި 3-2 އިން މޮޅުވެފަ އެވެ.

މާދަމާރޭ އާރްބީ ލައިޕްޒިގު އަތުން މޮޅުވެގެން ވުލްފްސްބާގަށް އެއް ވަނަ އަށް އެރޭނެ އެވެ. ވުލްފްސްބާގް ވަނީ ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ.