Advertisement

ޗައިނާ އިން ކޮވިޑުގެ މައުލޫމާތު ސިއްރުކުރާ ކަމުގެ ތުހުމަތު

28 އޮގަސްޓު 2021 - 11:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން.


ޗައިނާ އިން ކޮވިޑުގެ މައުލޫމާތު ސިއްރުކުރާ ކަމުގެ ތުހުމަތު

28 އޮގަސްޓު 2021 - 11:03 0

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 28) - ކޮވިޑް ފަތުރާ ވައިރަސް އުފެދުނު ގޮތާ ގުޅޭ މުހިއްމު މައުލޫމާތު ޗައިނާ އިން އަދިވެސް ސިއްރު ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ތުހުމަތު ކުރައްވައިފި އެވެ.

ކޮވިޑުގެ ހަގީގަތް ހޯދަން އެމެރިކާ އިން ތައްޔާރު ކުރި ޖާސޫސީ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައިޑެން އަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ޗައިނާ އިން ތަހުގީގަށް އެއްބާރުލުން ނުދިނުމުން އާ މައުލޫމާތެއް އެ ރިޕޯޓަކު ނެތެވެ.

"މި ބަލިމަޑުކަން ދިމާވި ގޮތާ ގުޅޭ މުހިއްމު މައުލޫމާތު ހުރީ ޗައިނާގައި. އެކަމަކު ފެށުނީއްސުރެ ވެސް ޗައިނާ ސަރުކާރުގެ އޮފިޝަލުން މަސައްކަތް ކުރަނީ އެ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން،" ބައިޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"މިއަދާ ހަމައަށް ވެސް ޗައިނާ އިން ވަނީ މައުލޫމާތު ހިފަހައްޓައި، ދެފުށްފެންނަ ތަހުގީގަކަށް ހުޅުވާލަން ގޮވާލާ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައި."

އެމެރިކާގެ ޖާސޫސީ ރިޕޯޓުގައި ބުނީ ކޮވިޑް ފަތުރާ ވައިރަހަކީ ބަޔޮލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި އުފެއްދި އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ޖާސޫސީ ބައެއް އޮފިޝަލުން ދެކޭ ގޮތުގައި މިއީ ޗައިނާގެ ލެބޯޓަރީއަކުން ލީކުވި ވައިރަހެކެވެ.

އެމެރިކާގެ ޖާސޫސީ އެއް އިދާރާއިން އެގޮތަށް ގަބޫލު ކުރާއިރު، ބާކީ ތިން އިދާރާ އިން ބުނީ އެކަން ކަށަވަރު ކުރެވޭ ވަރަށް މައުލޫމާތު ނެތް ކަމަށެވެ. ނަމަވެސް އެ ތިއަރީއަކީ ދޮގެއް ކަމަށް ކަށަވަރުކަމާ އެކު ބުނެވެން ނެތް ކަމަށް އެ އިދާރާތަކުން ބުންޏެވެ.

ބައިޑެން ވިދާޅުވީ ޗައިނާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ފުރިހަމަ އަށް އެއްބާރުލުން ދޭން ޕްރެޝަރު ކުރުމަށް އެހެން ގައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިދިޔަ ޖެނުއަރީ މަހު ޗައިނާ އަށް ގޮސް، ޗައިނާގެ ޓީމަކާއެކު ވަނީ ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާގައި ބުނީ މިއީ ލެބުން ލީކުވި ވައިރަހެއް ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ނަމަވެސް އެ ދިރާސާގެ ދެ ވަނަ ފިޔަވަހި ފުރިހަމަ ކުރަން ޗައިނާގެ ލެބުތައް އޮޑިޓުކުރަން ބޭނުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނުމާއެކު ޗައިނާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.