Advertisement

ކޮސްޓަ ރިކާގެ އުފާވެރިކަމުން ފިލާވަޅެއް!

28 އޮގަސްޓު 2021 - 06:45 5

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

މަތިން ނަގާފައިވާ ފޮޓޯއަކުން މާލޭގެ ތޮއްޖުން އޮތް މިންވަރު: މާލޭގައި ހަށިފުރާ ނާވާއެއް ލުމަށްޓަކައި ބައެއް ސިޔާސަތުތައް ހަރުދަނާވާން ޖެހޭ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


ކޮސްޓަ ރިކާގެ އުފާވެރިކަމުން ފިލާވަޅެއް!

28 އޮގަސްޓު 2021 - 06:45 5

އުފާވެރިކަމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫނެވެ. އުފާވެރިކަމަކީ އަތްމަތި ތަނަވަސްވުމެއް ވެސް ނޫނެވެ. ދުނިޔޭގެ އުފާވެރި ގައުމުތަކަށް ބެލުމުން މިކަމަށް ދަލީލު ލިބެ އެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާގައި ޖީޑީޕީގެ ނިސްބަތުން ބޮލަކަށް 63،400 ޑޮލަރު ޖެހެ އެވެ. އުފާވެރިކަމުގެ އިންޑެކްސްގައި އެ ގައުމު އޮތީ 18 ވަނައިގައި އެވެ. އުފާވެރިކަމުގެ އިންޑެކްސްގައި އެމެރިކާ އަށް ވުރެ ތިން ދަރަޖަ މަތީގައި އޮތީ، ބޮލަކަށް 11،800 ޑޮލަރު ޖެހޭ ކޮސްޓަ ރިކާ އެވެ. ކޮސްޓަ ރިކާގެ އުފާވެރިކަމުގެ ސަބަބުތަކަކީ ސިއްރެއް ނޫނެވެ. އެ ގައުމު ތަޖުރިބާކުރަމުން އެ ގެންދާ އުފާވެރިކަމަކީ ހެޔޮވަރުގެ އާމްދަނީއަކާއި ހިންގުންތެރި ސަރުކާރަކާއި ހަރުދަނާ އަހުލާގީ އުސޫލުތަކަކުން ނެރޭ ނަތީޖާއެކެވެ.

ފަސް މިލިއަންގެ އާބާދީއެއް އޮންނަ ކޮސްޓަ ރިކާގެ އަސްކަރިއްޔާ 1948 ގައި އުވާލައި، ތައުލީމާއި ސިއްހަތު އަދި ޕެންޝަނަށް ހޭދަކުރުން އެ ގައުމުން އިތުރުކުރި އެވެ. ނަތީޖާއަކަށް ވީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުން ދުޅަހެޔޮވެ، މީހުން މަރުވާ އުމުރު 81 އަށް މައްޗަށް ޖެހުމެވެ. އެންމެ ފަގީރު މީހާއަށް ވެސް އަސާސީ ސިއްހީ ހިދުމަތަށް ވާސިލުވެވެ އެވެ.

ތައުލީމަށް ކުރާ ހޭދަ އިތުރުވެ، ހޭލުންތެރި، އިލްމީ އާބާދީއެއް ބިނާކުރެވި، ޑިމޮކްރަސީ ފާލަށް އެޅި ސިޔާސީ ހަމަޖެހުން އެބައޮތެވެ. ގުދުރަތީ މުއްސަނދިކަމާއި ހިތްގައިމުކަމުން އިންތިހާއަށް އުފާ ހޯދާއިރު، އެ ލައްޒަތު ފުރިހަމަކޮށް ދެނީ އިޖުތިމާއީ ގުޅުމާއި އާއިލީ ގުޅުންތަކުގެ ބަދަހިކަމެވެ. މިއީ ކޮސްޓަ ރިކާގައި އުފާވެރިކަމުގެ ރަބީއުއެއް ފެތުރިގެން ދިއުމުގެ ބައެއް ސަބަބުތަކެވެ.

ރާއްޖެއަށް ބަލާލަމާ ހިނގާށެވެ. ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް އޮތް "ދުނިޔެމަތީގެ ސުވަރުގެ" ގޮތުގައި އިސްތިހާރު ކުރާ، މި ޖަޒީރާއިން އެ ތަސްވީރާއި އެ ހިތްހަމަޖެހުމާއި އެ އުފާވެރިކަން ދިވެހި މީހާއަށް ކުރޭތޯ އެވެ.

އުފާވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އުފާވެރިކަން ފެށިގެން އަންނަނީ އާއިލާތެރެއިން ކަން ކޮސްޓަ ރިކާ ބުނެދޭއިރު، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅެން މަޖުބޫރުވި ސިޔާސަތުގެ ނަތީޖާއަކީ ދުނިޔޭގެ އެންމެ ތޮއްޖެހުން ބޮޑު ތަނަށް މާލެ ވުމެވެ. މައްސަލަތަކުގެ ހާއްޔަކަށް ބަދަލުވެ، ހާސްކަމުގެ ދުނިޔެއެއް އުފެދިގެން ދިޔަ އެވެ.

ނޭވާއެއް ނުލެވުނަސް މި މާލޭގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުމެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ އެވްރެޖް ކުއްޔަކީ 14،000 ރުފިޔާއެވެ. ކަރަންޓާއި ފެނާއި އެހެނިހެން ހަރަދުތައް ހިމެނުމުން، މަހުގެ އަސާސީ ހަރަދު މަދުވެގެން 20،000 ރުފިޔާ އަށް އަރައެވެ. ދެމަފިރިންގެ ގުދާރު ބިންދައިގެންދާ ވަރަށް މަސައްކަތް ނުކޮށް، މަހު ހަރަދު ދެކޮޅެއް ނުޖެއްސެ އެވެ. ދަރިން، މުސްކުޅި މަންމަ ނުވަތަ ބައްޕަ އެކަނި މާއެކަނި އެ ތިބީ "ގޭބަންދުވެފަ" އެވެ. މި މަޖުބޫރީ ހާލަތުން އާއިލީ ގުޅުމާއި، އުފާކުރުމާއި، ވަގުތު ދިނުން ވަނީ ގެއްލިފައެވެ. އަދި ނުވިތާކަށް ވަށައިގެންވާ "ވިހަތަކުން" އުފައްދާފައިވާ ހާސްކަމުގައި އާއިލީ ވަގުތުގެ ލައްޒަތެއް ނެތެވެ.

އެކަން އެނގެނީ އިތުރުވަމުންދާ އާއިލީ މައްސަލަތަކުންނެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޝާއިޢުކޮށްފައިވާ 2019 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަހަރު 5،069 ކައިވެނި ކޮށްފައިވާއިރު، 3،550 ވަރި ރެކޯޑްކޮށްފައިވެ އެވެ. މި ނަންބަރުން އެކަނި ވެސް އެ ބުނެދެނީ ލައްކަ ވާހަކަ އެވެ. އާއިލީ ގުޅުންތަކުގެ ބަލިކަށިކަމާއި މައްސަލަތައް އޮތް މިންވަރެވެ.

ޒުވާން ޖީލު މަސްތުވުމަކީ ވެސް އާއިލީ އަދި ގައުމުގެ އުފާވެރިކަން ފަނޑުކުރުވި ކަމެކެވެ. ކުށުގެ ގިނަ މައްސަލަތައް ލާމެހިފައި އޮތީ މަސްތާ އެވެ. ޖަލުގެ ބޮޑު އާބާދީއަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނެވެ. މިކަން ވެސް ގޯހުން ގޯހަށް ދިޔައީ އެންމެންގެ ލޯމަތީގަ އެވެ. ސަރުކާރުތަކަށް އެނގި ތިއްބަ އެވެ. ދައުލަތުން ފައިސާ ހޭދަކުރިޔަސް، އެކަށީގެންވާ މިންވަރާ ގާތަށް ވެސް ހައްލެއް ނުގެނެވުމުގެ ނަތީޖާއަކީ، ފަރުވާއަށް ދާންޖެހޭ އެތައް ސަތޭކަ ކުދިން "މަގުމަތިވެފައި" ތިބުމެވެ. ފަރުވާގެ ރަނގަޅު ޕްރޮގްރާމެއް ވެސް ނެތެވެ. އެފަދަ ސެންޓަރެއް ވެސް ނެތެވެ. މިކަމަށް އަވަސް ހައްލެއް އެބަ ބޭނުންވެ އެވެ.

މަގުމަތީގެ ތަރުތީބާއި އިންތިޒާމުތައް ދޯހަޅިއިރު، މަގުމަތި ބޭނުންކުރާ މީހުންގެ އަހުލާގުވެސް އިންތިހާއަށް ދަށެވެ. ހަމައެއް ލަމައެއް ނެތި ދުއްވުމާއި، ތަރުތީބެއް ނެތް ޕާކުކުރުމެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރާ އެކި ބާވަތް ބާވަތުގެ މަސައްކަތްތަކުގެ ސަބަބުން މުޅި ރަށް މި ވަނީ "ކޮށިއަރާފަ" އެވެ.

މިފާހަގަ ކުރީ ބައެއް ކަންކަމެވެ. މިކަންކަމަކީ ވީވަރުން ވީކަމެއް ކޮށްލައިގެން ތިބުމަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ. ހަށިފުރާ ނޭވާއެއް ލުމަށްޓަކައި ވެސް ގައުމަށް މުހިންމު އަދި އަވަސް ހައްލުތަކެއް ނުހަނު ބޭނުންވެފައިވާ މައްސަލަތަކެވެ. ހަރުދަނާ އަދި ތަންފީޒުކުރެވޭ ސިޔާސަތުތަކެއް ބޭނުންވެފައިވާ ކަންކަމެވެ.

އދ. ގެ އުފާވެރިކަމުގެ އިންޑެކްސް ރިޕޯޓު ބުނާ ގޮތުން، ގައުމުގެ އުފާވެރިކަން ވަޒަންކުރުމަށް މައިގަނޑު ގޮތެއްގައި ބަލަނީ އިގުތިސޯދީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ މިންވަރާއި އިޖުތިމާއީ ރައްކާތެރިކަން ގާއިމުވެފައިވާ މިންވަރާއި ފަރުދީ މިނިވަންކަން އޮތްވަރާއި ކޮރަޕްޝަން އިންޑެކްސް އަށެވެ. މި ގައުމުގައި ބައެއް ކަންކަން ރަނގަޅު މިސްރާބަށް ވެސް އެބަ ހުއްޓެވެ. ނަމަވެސް، އެކަމުން އުފާ ލިބުމަށް ވުރެ، ނުކުރެވި ހުރި ކަންކަމާއި، ކުރަންހުރި ކަންކަމާއި، ރަނގަޅު ކުރަން ހުރި ސިޔާސަތުގެ ވާހަކަތައް ދެއްކުމަކީ އުފާވެރިކަން އިތުރުކުރުމަށްޓަކައި މާ މުހިންމު ކަމެކެވެ.

ގައުމުގެ އާންމު އުފާވެރިކަމާއި ސިޔާސަތު ގުޅިލާމެހިފައިވާއިރު، ފުންކޮށް ވިސްނައި ކަންކަން ތަންފީޒުކޮށްފި ނަމަ މި ރާއްޖެއަކީ ވެސް އުފާވެރި ގައުމަކަށް ހެދިދާނެ އެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެން ރެޔާ ދުވާލު ކުރާ މަސައްކަތުން ހޯދަން މި އެދޭ ނަތީޖާއަކީ އުފާވެރިކަން ކަމެވެ. ވަޒީފާއެއް އަދާކޮށްގެން އާމްދަނީއެއް ހޯދަނީ އެ އުފާވެރިކަމަށް މަގުފަހި ކުރުމަށެވެ. ލިބޭ އާމްދަނީއަކީ ހަމައެކަނި ވަސީލަތެކެވެ. މި ދަތުރުގެ މަންޒިލަކީ އުފާވެރިކަމެވެ.

ކޮސްޓަ ރިކާއިން އުފާވެރިކަމާ ދިމާލަށް ކުރި ދަތުރު ދިރާސާ ކުރުމަކީ މުހިންމު ކަމެކެވެ. ކާމިޔާބު ހޯދާފައިވާ ބަޔަކު އެކަން ކުރި ގޮތެއް ބަލައިލުމަކީ އެމަގަށް ދަތުރުކުރަން އެދޭ ބަޔަކަށް މުހިންމު ކަމެކެވެ. އުފާވެރިކަމަށް ކުރި ދަތުރުގައި އެ ގައުމުން ގަބޫލުކުރި އަސާސީ ފަލްސަފާތަކެއް އެބަހުއްޓެވެ. ގައުމަކީ ވަކިވަކި ފަރުދުންގެ މައްޗަށް ހިމެނޭ ޖަމާއަތެއް ކަމެވެ. ގައުމީ އުފާވެރިކަމަކީ ކޮންމެ ފަރުދެއްގެ އުފާވެރިކަން އެކުވެގެން ނުކުންނަ ނަތީޖާއެއް ކަމެވެ. އާއިލާގެ އުފާވެރިކަމަކީ ގައުމީ އުފާވެރިކަމަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު ކަމެވެ. މިފަދަ ކިތަންމެ ފަލްސަފާތަކެއް ހަގީގަތަށް ހެދުމަށް އަފުރާދުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ މިއަދުގެ ކޮސްޓަ ރިކާ އެވެ. އެއީ މަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް އަދި މާ ފަސޭހަ ކަމަކަށް ވާނެ އެވެ.