Advertisement

ޖަރުމަނު ކަޕްގައި ބަޔާނުން 12 ގޯލު ޖަހައިފި

26 އޮގަސްޓު 2021 - 09:23 0

ލަނޑު ޖެހުމަށް ފަހު ޗޮޕޫ މޯޓިން އުފާފާޅުކުރަނީ.


ޖަރުމަނު ކަޕްގައި ބަޔާނުން 12 ގޯލު ޖަހައިފި

26 އޮގަސްޓު 2021 - 09:23 0

މިއުނިކް (އޮގަސްޓް 26) - ޖަރުމަނު ކަޕް ފުރަތަމަ ބުރުގައި ފަސް ވަނަ ޑިވިޝަނުގެ ބްރެމާ އަތުން ބަޔާން މިއުނިކް 12-0 އިން މޮޅުވެއްޖެ އެވެ.

މިއީ އެންމެ ފުރަތަމަ މި މަހު ހަ ވަނަ ދުވަހު ކުޅެން އޮތް މެޗެކެވެ. އެކަމަކު، އޭރު ބްރެމާގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މެޗު ޖެހުނީ ފަސްކުރާށެވެ. އެ މެޗު ރޭ ކުޅުނުއިރު، ބަޔާނުން ވަނީ ބްރެމާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފަ އެވެ.

ބްރެމާ ދަނޑުގައި ކުޅުނު ރޭގެ މެޗުގައި ބަޔާންގެ ތަރިއަަކީ ކެމަރޫންގެ ފޯވާޑް އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ. އޭނާ ވަނީ ހަތަރު ގޯލު ޖެހުމުގެ އިތުރުން ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިއީ ޖަރުމަނު ކަޕްގެ ތާރީހުގައި މުބާރާތުގެ ފުރަތަމަ ބުރުގައި ބަޔާން ކުޅުނު މެޗުތަކުން މިދިޔަ 24 އަހަރު ތެރޭ ފެނުނު އެންމެ ތަފާތު ބޮޑު މޮޅެވެ. މި މުބާރާތުގައި ބަޔާން އެންމެ ފަހުން އެންމެ ތަފާތު ބޮޑުކޮށް ހޯދި މޮޅަކީ 1997 ވަނަ އަހަރު ޑީޖޭކޭ ވޯލްޑްބާގް އަތުން 16-1 ހޯދި މޮޅެވެ.

ބަޔާންގެ އަނެއް ގޯލުތައް ޖެހީ ޖަމާލް މުސިއާލާ ދެ ގޯލާއި މަލިކް ޓިލްމަން، މިކައިލް ކުއިސާން، ކޮރެންޓިން ޓޮލީސޯ، ބޯނާ ސާ އަދި ލެރޯއި ސާނޭ އެވެ. ދެން ޖެހި ގޯލަކީ ބްރެމާގެ ޖޭން-ލޫކާ ވާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގެ 76 ވަނަ މިނިޓްގައި ބްރެމާގެ އޫގޯ-މާރިއޯ ނޯބިލް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މެޗަށް ނުކުތްއިރު ވެސް މިއީ ބަޔާނުން ފަރަގު ބޮޑުކޮށް މޮޅުވެދާނެ މެޗެއްކަން އެނގޭ ކަމަށާއި އެކަމަކު އެ ހަގީގަތަކަށްވީ ކުޅުންތެރިން ޕްރޮފެޝަނަލްކޮށް ކުރި މަސައްކަތުން ކަމަށެވެ.