Advertisement

ހެނދުނު ހެނދުނާ ހޫނުކޮށް ލުނބޯ ފެން ބޮނީ ކީއްވެ؟

26 އޮގަސްޓު 2021 - 10:25 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ހެނދުނު ހެނދުނާ ހޫނުކޮށް ލުނބޯ ފެން ބޮނީ ކީއްވެ؟

26 އޮގަސްޓު 2021 - 10:25 0

ކުރީންނަމަ ހޭލާ ގޮތަށް ކޮފީ އެކެވެ. ދެން އެ ބަދަލުވީ ގްރީން ޓީ އަކަށެވެ. އޭގެފަހުން އަޑު އިވެން ފެށީ ހޭލާ ގޮތަށް ހޫނު ފެންތަށް ބޯންޖެހޭ ވާހަކަ އެވެ. އެއަށްފަހު މިހާރު އެންމެ ފޯރީގައި އެންމެން ކުރާ ކަމަކީ ހޭލާ ގޮތަށް ހޫނު ފެންފޮދަކަށް ލުނބޯ ހުތް އަޅައިގެން ބުއިމެވެ. ކީއްވެބާ އޭ ހިތަށް އަރާ ހެއްޔެވެ؟

މިފަދައިން ހޫނު ފެނާއި ލުނބޯ އެއްކޮށްލުމުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ ހަޖަމުކުރުމުގެ ނިޒާމަށް ކުރާ އަސަރެވެ. ފާހާނާއަށް ދާން އުނދަގޫނަމަ ހެނދުނު ހެނދުނާ ކުރަން މިއީ ރަނގަޅު ކަމެކެވެ. ގަވާއިދުން މި ބުއިން ބޯނަމަ ބަނޑުގައި ހުންނަ އެސިޑްކަން ފިލުވައިދީ، ޔޫރިކް އެސިޑްތައް ބޭރުކުރުމަށް އެހީވެ އެވެ. ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ވެސް މިއީ ފަސޭހައިން ފާހާނާ ކުރުމަށް އަދި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި އެއްޗެކެވެ.

މީގެ އިތުރުންވެސް ހޫނު ފެނަށް ލުނބޯ އަޅައިގެން ބުއިމަކީ ސިއްހަތަށް ގިނަގުނަ ފައިދާ ލިބޭ ކަމެކެވެ. މިގޮތުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ހޯދައިދިނުމަށްވެސް މި ބުއިން ބޭނުންކުރެވިދާނެ އެވެ. ހުތް މޭވާ ތަކަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗިއްސަށް ވުމުން، ކެއުމުގައި ކޮންމެހެން ހިމެނުމުގައި ބަދަލުގައި މިގޮތަށް ބޭނުންކުރުމުންވެސް ފަސޭހައިން އެ މިންވަރު ހާސިލް ވާނެ އެވެ. އަދި ހަމައެޔާއެކު، ވިޓަމިން ސީ އަކީ ހިތުގެ ބަލިތަކުން މީހާ ދިފާއުކޮށްދީ ސްޓްރޯކް ފަދަ ކަންކަމުން މީހާ ދުރުކޮށްދީ އަދި ބްލަޑް ޕްރެޝަރު ދަށްކޮށްދޭ އެއްޗެކެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ ޓްރަސްޓެޑް ސޯސް އިން ބުނާގޮތުގައި ލުނބޯ ހުތުގައި 18.6 މިލިގްރާމްގެ ވިޓަމިންސީ އެކުލެެވެ އެވެ. ދުވަހެއްގެ މައްޗަށް ބޮޑު މީހެއްގެ ހަށިގަނޑަށް ގާތްގަނޑަކަށް 65 އާއި 90 މިލިގްރާމްގެ މިންވަރަށް ވިޓަމިން ސީ ބޭނުންވެ އެވެ.

ދިވެހިންގެ ތެރޭގައި ހޫނު ފެނާއި ލުނބޯހުތް މިހާ މަގްބޫލުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ މިއީ ބަރުދަން ލުއި ކުރުމަށް އޮތް އެހީއެއް ކަމަށްވާތީ އެވެ.

ފަލަ ނުވަތަ އޮބީސް މީދާ ތަކެއް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ލުނބޯގައި ހިމެނޭ ޕޮލީފެނޮލް އެންޓި އޮކްސިޑަންޓްސް ގެ ސަބަބުން ބޮޑުތަނުން ބަރުދަން ލުއިކުރުމަށް އެހީވެ އެވެ. އަދި މި ދިރާސާގައި ބުނާގޮތުން ހަމަ މި މާއްދާގެ ސަބަބުން ބްލަޑް ގުލްކޯސް ގެ ނޭދެވޭ އަސަރު ދަށްކޮށްދީ އިންސުލިން ރެސިސްޓަންސް ގެ މިންވަރު ރަނގަޅު ކޮށްދެ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސް އިން ދިފާއުވުމުގައި އެންމެ މުހިންމު ދެކަމެވެ.

މި ދިރާސާތައް އަދި އިންސާނުން ބޭނުންކޮށްގެން ސާބިތުކުރުން ކުރިއަށް އޮތީ އެވެ. އެހެންނަމަވެސް މިއީ ބަރުދަން ލުއިކުރުމުގައި ބޮޑު އެހީއެއްކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

ކޮންމެއަކަސް ހަންގަނޑު އޮމާންކޮށް ޒުވާންކަން އިތުރުކޮށްދިނުމަށްވެސް އެހީވެދޭ ހަށްޓަށް ލުއި އަދި ތައްޔާރުކުރަން ފަސޭހަ މި ބުއިމަކީ އަޖުމަ ބަލާ ނުލާ ދޫކޮށްލާ ވަރުގެ ބުއިމެއް ނޫންތާ އެވެ.