Advertisement

ޖޫރިމަނާ ނުދައްކަން ޔާމީންގެ އިސްތިއުނާފުގެ ހައްގު ނެގުމުން އޭޖީ ރައްދު ދީފި

25 އޮގަސްޓު 2021 - 19:54 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކުރީގެ ރައީސް ޔާމީން މީގެ ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ޖޫރިމަނާ ނުދައްކަން ޔާމީންގެ އިސްތިއުނާފުގެ ހައްގު ނެގުމުން އޭޖީ ރައްދު ދީފި

25 އޮގަސްޓު 2021 - 19:54 0

ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށްފަހު އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތުހުމަތުތަކަށް ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ރައްދު ދީފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އަދަބެއްގެ ގޮތުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ އަދަބު ކަނޑައެޅީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ސާބިތުވެގެންނެވެ.

ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ ހުކުމް ކުރިތާ ހަ މަސް ދުވަހުގެ ތެރޭ އެވެ.

އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު، މިހާރު މައްސަލަ ވަނީ ސުޕްރީމް ކޯޓުގަ އެވެ. އަންނަ މަހު މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނި ގޮތުގައި، ކުރިމިނަލް ކޯޓުން ހުކުމް ކުރި ގޮތަށް ފަސް މިލިއަން ޑޮލަރު ޔާމީންގެ ފަރާތުން ހަ މަސް ތެރޭ މީރާއަށް ދައްކައިފައެއް ނުވެ އެވެ.

އެހެންވެ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް މީރާއިން ޔާމީނަށް އެންގި އެވެ. އެ އެންގުމާ ގުޅޭ ނޯޓިސްއާ ހަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި، ޔާމީނަށް ދިން މުއްދަތުތަކުގައި ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މިހާރު ވާނީ ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޫރިމަނާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށާއި އަދި އެކަން މީރާ އާއި ދައުލަތުގެ އެހެން އިދާރާތަކަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާއެކު ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިފައިވާ ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން ފައިސަލާކޮށް ހުކުމެއް ނެރޭއިރު ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމުގެ ފުުރުސަތު އޮތުމުން، ދަށު ކޯޓުގެ ހުކުމްގެ ޖޫރިމަނާ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ އިސްތިއުނާފުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމަށް ދެކޭ ކަމަށް ވަކީލުން ބުންޏެވެ.

އެ ތުހުމަތު ދޮގުކޮށް ބަންޑަރަ ނައިބުގެ އޮފީހުން މިރޭ ބުނީ މައްސަލައެއް އިސްތިއުނާފުކުރެވުމަކީ، ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއް ހުކުމް ތަންފީޒުކުރުން އޮޓަމެޓިކުން ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އަދި ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށްފަހު އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުން ނިންމަވާފައިވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅުއްވާފައިވޭ،" އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން އިތުރަށް ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ޖޫރިމަނާގެ ބައި ތަންފީޒުކުރުމަށް އިއްޔެ ހުށަހެޅުމާ ހަމައަށް އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިނުވެ އެވެ.

ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބު ސިވިލް ކޯޓަށް ދިޔައިރު، ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި، އާރަށު މައްސަލާގައި ތަހުގީގުކޮށް، ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.