Advertisement

ޖޫރިމަނާ ފައިސާ ހޯދަން ޔާމީންގެ އިސްތިއުނާފުގެ ހައްގު ނިގުޅައިގަތް ކަމުގެ ތުހުމަތު

25 އޮގަސްޓު 2021 - 18:54 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފަހު ކޮމިޝަނުގެ ބޭރުގައި ޔާމީން (ކ) އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ މެމްބަރު ޑރ. ޖަމީލްއާ ވާހަކަފުޅުދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ޖޫރިމަނާ ފައިސާ ހޯދަން ޔާމީންގެ އިސްތިއުނާފުގެ ހައްގު ނިގުޅައިގަތް ކަމުގެ ތުހުމަތު

25 އޮގަސްޓު 2021 - 18:54 0

މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އަދަބެއްގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތަށް ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ހޯދަން ބަންޑާރަ ނައިބުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމަކީ، ގާނޫނުއަސާސީން ލިބިދީފައިވާ އިސްތިއުނާފުގެ ހައްގު ނިގުޅައިގަތުންކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ސިފަކޮށްފި އެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ އަދަބު ކަނޑައެޅީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ސާބިތުވެގެންނެވެ.

ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ ހުކުމް ކުރިތާ ހަ މަސް ދުވަހުގެ ތެރޭ އެވެ.

އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު، މިހާރު މައްސަލަ ވަނީ ސުޕްރީމް ކޯޓުގަ އެވެ. އަންނަ މަހު މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި، ކުރިމިނަލް ކޯޓުން ހުކުމް ކުރި ގޮތަށް ފަސް މިލިއަން ޑޮލަރު ޔާމީންގެ ފަރާތުން ހަ މަސް ތެރޭ މީރާއަށް ދައްކައިފައެއް ނުވެ އެވެ.

އެހެންވެ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް މީރާއިން ޔާމީނަށް އެންގި އެވެ. އެ އެންގުމާ ގުޅޭ ނޯޓިސްއާ ހަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި، ޔާމީނަށް ދިން މުއްދަތުތަކުގައި ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މިހާރު ވާނީ ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޫރިމަނާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށާއި އަދި އެކަން މީރާ އާއި ދައުލަތުގެ އެހެން އިދާރާތަކަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާއެކު ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިފައިވާ ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން ފައިސަލާކޮށް ހުކުމެއް ނެރޭއިރު ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމުގެ ފުުރުސަތު އޮތުމުން، ދަށު ކޯޓުގެ ހުކުމްގެ ޖޫރިމަނާ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ އިސްތިއުނާފުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމަށް ދެކޭ ކަމަށް ވަކީލުން ބުންޏެވެ.

"...ބަންޑާރަ ނާއިބުގެ މި ނިންމެވުމަކީ ގާނޫނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވުރެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ ވަަރަށް ވިޔާނުދާ އަދި އެކަމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ޔާމީން ވަކީލުން މިހެން ބުނި ނަމަވެސް، ދާދިފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ވަނީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ޒާތުގައި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.

ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބު ސިވިލް ކޯޓަށް ދިޔައިރު، ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި، އާރަށު މައްސަލާގައި ތަހުގީގުކޮށް، ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.