Advertisement

ޖޫރިމަނާ ފައިސާ ޔާމީން ނުދެއްކުމުން ބަންޑާރަ ނައިބު ކޯޓަށް

25 އޮގަސްޓު 2021 - 13:48 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން: ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި. - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ޖޫރިމަނާ ފައިސާ ޔާމީން ނުދެއްކުމުން ބަންޑާރަ ނައިބު ކޯޓަށް

25 އޮގަސްޓު 2021 - 13:48 0

މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އަދަބެއްގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތަށް ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ހޯދަން ބަންޑާރަ ނައިބުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ އަދަބު ކަނޑައެޅީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ސާބިތުވެގެންނެވެ.

ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ ހުކުމް ކުރިތާ ހަ މަސް ދުވަހުގެ ތެރޭ އެވެ.

އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު، މިހާރު މައްސަލަ ވަނީ ސުޕްރީމް ކޯޓުގަ އެވެ. އަންނަ މަހު މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނި ގޮތުގައި، ކުރިމިނަލް ކޯޓުން ހުކުމް ކުރި ގޮތަށް ފަސް މިލިއަން ޑޮލަރު ޔާމީންގެ ފަރާތުން ހަ މަސް ތެރޭ މީރާއަށް ދައްކައިފައެއް ނުވެ އެވެ.

އެހެންވެ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް މީރާއިން ޔާމީނަށް އެންގި އެވެ. އެ އެންގުމާ ގުޅޭ ނޯޓިސްއާ ހަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި، ޔާމީނަށް ދިން މުއްދަތުތަކުގައި ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މިހާރު ވާނީ ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފަ އެވެ.

އެ މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމުގައި، ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.

ޔާމީންގެ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާފައިނުވަނީ، އެ ފަރާތުން ބުނާ ގޮތުގައި އިސްތިއުނާފީ މަރުހަލާތައް ނުނިމޭތީ އެވެ. ނަމަވެސް، ދާދިފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ވަނީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ޒާތުގައި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.

ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބު ސިވިލް ކޯޓަށް ދިޔައިރު، ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި، އާރަށު މައްސަލާގައި ތަހުގީގުކޮށް، ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.