Advertisement

ޔުނިޓަރީ ދައުލަތެއްގެ އުސޫލުތަކާ ހިލާފުވާތީ ބިންތަކުގެ ބާރު ކައުންސިލުތަކަށް ދޫކޮށްލަން ގާސިމް ދެކޮޅު

25 އޮގަސްޓު 2021 - 12:24 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް


ޔުނިޓަރީ ދައުލަތެއްގެ އުސޫލުތަކާ ހިލާފުވާތީ ބިންތަކުގެ ބާރު ކައުންސިލުތަކަށް ދޫކޮށްލަން ގާސިމް ދެކޮޅު

25 އޮގަސްޓު 2021 - 12:24 1

ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ރަށްރަށުގެ ބިންތަކުގެ ބާރު ކައުންސިލުތަކަށް ދޫކޮށްލުމަކީ އެފަދަ ދައުލަތަކާ ހިލާފު އުސޫލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނުތައް އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ބިމާބެހޭ ގާނޫނަށް ހުށަހަޅައިފައިވާ އިސްލާހުކުރުމުގެ ބިލުގައި ވަނީ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ އުސޫލުން މުއާމަލާތް ކުރެވިދާނެ ކަމަށެވެ.

މިގޮތުން ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިން ނުވަތަ ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ފަރާތްތަކުން ގާނޫނުއަސާސީއާއި މި ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން، ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިދާނެ ކަމަށް ބުނެފައި ވެ އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށްވާއިރު، ދައުލަތުގެ ބިންތައް ފަދަ ހަރު މުދާތައް ހުންނަންޖެހޭނީ މައި ސަރުކާރުގެ ދަށުގައި ކަމަށެވެ.

"މިއީ ފެޑެރަލް ސިސްޓަމެއްގައި އޮންނަ ސިފަތަކެއް, ކައުންސިލުތަކުގެ ދަށުގައި ހުންނަ ބިންތައް ބޭނުންގޮތަކަށް ދޫކުރުމާ ކަންތައްތަކަކީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކައުންސިލުތަކުގައި ތިބި ކައުންސިލަރުންގެ ގާބިލުކަމަށް ބަލާއިރު، ބިންބިމާއި ފަޅު ރަށްރަށް ވިއްކުމާއި ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމުގެ ބާރު ދިނުމަކީ މުޅި ދައުލަތަށް އެކަމުގެ ހިރާސް ބޮޑުކަމެކެވެ.

މިއީ މި ބިލުގެ އިތުރުން ލާމަރުކަޒު ކުރުމާ ހިލާފު ވާހަކައެއް ނަމަވެސް، ބިންބިމާއި ފަޅު ރަށްރަށް ކައުންސިލުތަކުގެ ދަށަށް ދޫކޮށްލުމަކީ ޔުނިޓަރީ ދައުލަތެއްގެ ސިފައެއް ނޫން ކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ކޮމިޓީ މަރުހަލާގައި މި ބިލު ދިރާސާކުރާއިރު، އެކަންކަމަށް ވިސްނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ގާސިމްގެ އިތުރުން އެހެން ބައެއް މެމްބަރުން ވެސް ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ.

އެގޮތުން، ވަކި އިމެއް ނެތި، ހަމައެކަނި ހެދޭ ގަވައިދެއްގެ ދަށުން ބިންތައް ވިއްކާލުމުގެ ބާރު ކައުންސިލުތަކަށް ދިނުމަކީ އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ގަވައިދުތަކެއްގެ ތެރެއިން ބިމާ ގުޅޭ މުއާމަލާތްތައް ކުރުމުގެ މިންތައް ކަނޑައެޅުމުގެ ބަދަލުގައި، އެކަން ސީދާ ގާނޫނުގައި ބަޔާންކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.