Advertisement

އެރިކްސަންގެ ފުރާނަ ސަލާމަތްކުރި ކިއޭ އާއި މެޑިކަލް ޓީމަށް ޔުއެފާ ރައީސްގެ އެވޯޑް ދެނީ

25 އޮގަސްޓު 2021 - 08:30 0


އެރިކްސަންގެ ފުރާނަ ސަލާމަތްކުރި ކިއޭ އާއި މެޑިކަލް ޓީމަށް ޔުއެފާ ރައީސްގެ އެވޯޑް ދެނީ

25 އޮގަސްޓު 2021 - 08:30 0

ޒިއުރިކް (އޮގަސްޓް 25) - މި ފަހަރުގެ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ އާއި މެޑިކަލް ޓީމުން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިންގެ ހާއްސަ އެވޯޑް ދޭން ނިންމައިފި އެވެ.

އެރިކްސަން 29، ގެ އެންމެ ގާތް އެކުވެރިޔާ، ކިއޭ ވަނީ އެ މެޗުގައި އެރިކްސަން އަށް މި ދިމާވި ކުއްލި ކަންތައްތަކުގެ ތެރޭގައި މުހިއްމު ރޯލުތަކެއް ކުޅެފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ އެެރިކްސަން އަށް ފަރުވާ ދިނުމުގައި ވެސް އެހީތެރިވި އެވެ.

އެރިކްސަން ދަނޑު މައްޗަށް ވެއްޓުނު ވަގުތު އޭނާ އަށް އަވަހަށް ސީޕީއާރް ދިނުމުގެ ކަންކަން ކުރުމުގައި އަަވަސްވެގަތީ ކިއޭ އެވެ. އަދި އެރިކްސަންގެ ނޭވާ ނުހުއްޓޭގޮތަށް އަނގަ ބަންދުވިޔަ ނުދީ މެޑިކަލް ޓީމު އަންނަންދެން ފަރުވާ ދެމުންދިޔަ އެވެ. އަދި އެރިކްސަންގެ އަނގައިގެ ތެރެއަށް ދޫ ދިޔަ ނުދޭން ވެސް ކިއޭ މަސައްކަތްކުރި ކަމަށްވެ އެވެ.

އެ ފަހަރު ހޮސްޕިޓަލުން ދޫކޮށްލުމުން އެރިކްސަން ވަނީ ޑެންމާކް ޓީމާއި ހާއްސަކޮށް ކިއޭގެ އިތުރުން މެޑިކަލް ޓީމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޔުއެފާގެ ރައީސްގެ އެވޯޑް ކިއޭ އާއި މެޑިކަލް ޓީމަށް ދޭން ނިންމުމުން އެ ކަމަށް އެރިކްސަން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ޔުއެފާ އެވޯޑް ދޭން ހަމަޖެހިފައިވަނީ ކިއޭގެ އިތުރުން ދަނޑުގައި ތިބި އޮން ސައިޓް މެޑިކަލް ޓީމުގެ ހަތަރު މެމްބަރުންނާއި ޔުއެފާ އިން ކަނޑައަޅާފައި ހުރި ދަނޑުގެ ދެ މެޑިކަލް އޮފިސަރުންގެ އިތުރުން ޑެންމާކް ޓީމުގެ ދެ ޑޮކްޓަރުންނަށެވެ.

ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެރިކްސަން ހިތްހުއްޓިގެން ވެއްޓުމާ އެކު ވަގުތުން ދަނޑުމަތީގައި ފަރުވާދޭން ފެށި އެވެ. އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ.

އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. ޕްރޮފެޝަނަލް ލެވަލްގައި އެރިކްސަން އަށް ކުޅެވިދާނެތޯ މިހާރު އަންނަނީ ގިނަ މެޑިކަލް ޓެސްޓްތަކެއް ހަދަމުންނެވެ. އެރިކްސަން ކުޅެމުން އަންނަ އިންޓަ މިލާނުން ވަނީ ކުޑަ ފުރުސަތެއް އޮތަސް އޭނާ އަށް ޓީމުން ޖާގަ ދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ. ދާދި ފަހުން އިންޓަގެ މެޑިކަލް ޓީމުން ހެދި އެރިކްސަންގެ ފުރަތަމަ ޓެސްޓްތަކުގެ ނަތިޖާ ރަނގަޅު ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ޔުއެފާގެ ރައީސްގެ އެވޯޑް ދޭނީ ޔުއެފާ އިން ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުނެގުން ބާއްވާ ހަފްލާގަ އެވެ. މީގެ ކުރިން ފުޓްބޯޅައިގެ ތެރެއިން އެކި ރޮނގު ރޮނގުން ހިދުމަތްތަކެއް ކުރި މީހުންނަށް މި އެ ވޯޑް ވަނީ ދީފަ އެވެ. މީގެ ކުރިން އެ އެވޯޑް ލިބިފައިވަނީ އިޓަލީގެ ފްރެންޗެސްކޯ ޓޮޓީ، އިންގްލެންޑްގެ ތަރި ޑޭވިޑް ބެކަމް، ފްރާންސްގެ އެރިކް ކެންޓޮނާ އަދި އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާ އެވެ.