Advertisement

ކަރަންޓީނު އުސޫލާ ހެދި ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ކްލަބްތަކުން ދެކޮޅު ހަދަނީ

24 އޮގަސްޓު 2021 - 10:41 0


ކަރަންޓީނު އުސޫލާ ހެދި ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ކްލަބްތަކުން ދެކޮޅު ހަދަނީ

24 އޮގަސްޓު 2021 - 10:41 0

ލަންޑަން (އޮގަސްޓް 24) - ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އަންނަ މަހުގައި ކުޅެން ރޭވިއިރު، ގައުމީ ޓީމުތަކަށް ދާ ކުޅުންތެރިން އެނބުރި އައިސް ކްލަބާ ގުޅުމުގެ ކުރިން ކަރަންޓީނުވާން ޖެހޭ ގޮތަށް އުސޫލު އޮތުމުން ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރަން ގިނަ ކްލަބްތަކުން ދެކޮޅު ހަދަން ފަށައިފި އެވެ.

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގައިވަނީ ކޮވިޑްގެ ކަންކަން އޮތްގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުންނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ.

އެކަމަކު، ގައުމީ ޓީމަށް ގޮސްފައި އެނބުރި އައިސް ބައެއް ކުޅުންތެރިން ކްލަބާ ގުޅުމުގެ ކުރިން 10 ވަރަކަށް ދުވަހުގެ ކަރަންޓީނު މުއްދަތެއް ހޭދަކުރަން ޖެހޭތީ ބައެއް ކްލަބްތަކުން ހިތްހަމަނުޖެހެ އެވެ. އަދި ގިނަ ކްލަބްތަކުން ވަނީ ކުޅުންތެރިން ގައުމީ ޓީމަށް ދޫނުކުރަން ނިންމައިފަ އެވެ. މި ނިންމުމަށް ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ތާއީދު ވެސް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގައުމީ ޓީމުތަކަށް ކުޅުންތެރިން ރިލީސްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ޔޫރަޕްގައި އެންމެ ވަރުގަދަ އަށް ކުރިއަށްގެންދާ އިނގިރޭސި ޕްރިމިއާ ލީގަށެވެ. އެއީ އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ދަތުރު ފަތުރު ކުރުމުގެ ރެޑް ލިސްޓްގައި ހިމެނޭ ގިނަ ގައުމުތަކެއްގެ ކުޅުންތެރިން ޕްރިމިއާ ލީގުގައި ގިނަ އަދަދަކަށް ކުޅެ އެވެ. ރެޑް ލިސްޓްގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އައިސް 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުން މި ވަގުތު ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި ބްރެޒިލާއި މިސްރު ވެސް ހިމެނެ އެވެ. އިނގިރޭސި ގަދަބާރު ލިވަޕޫލުން ވަނީ މިހާރު އުސޫލު އޮތްގޮތުން އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހާއި ބްރެޒިލްގެ ފަބީނިއޯ، އެލިސަން ބެކާ އަދި ރޮބާޓޯ ފިރްމީނޯ ގައުމީ ޓީމަށް ނުފޮނުވަން ނިންމައިފަ އެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ފުޓްބޯލް ލީގްސް (ޑަބްލިއުއޭޕީއެފްއެލް) އިން ވަނީ އަންނަ މަހާއި އޮކްޓޫބަރު މަހުގައި ދެކުނު އެމެރިކާގެ ގައުމުތަކުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ރޭވި ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ ކުރިއަށް އޮތް ދެ މަހު ކޮންމެ މަހެއްގައި ގައުމީ ޓީމުގެ ތިން މެޗު ކުރު މުއްދަތެއްގެ ތެރޭގައި ކުޅޭ ގޮތަށް ޝެޑިއުލް ހެދުމުންނެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކަމަށްވާ ކޮންމެބޯލް އިން މިދިޔަ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ތާވަލުކުރި ނަމަވެސް އޭރު ކޮވިޑްގެ ސަބަބުން ހާލަތު ހުރި ގޮތުންނާއި ދިމާވި ކަންތައްތަކެއްގެ ސަބަބުން އެންމެ މެޗެއް ވެސް ނުކުޅެވުނެވެ.

އޭރު ކޮލިފައިން މެޗުތައް ފަސްކުރަން ކޮންމެބޯލް އަށް މަޖުބޫރުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދެކުނު އެމެރިކާ ގައުމުތަކުން ހަދާފައިވާ ކަރަންޓީނުވުމުގެ އުސޫލުތަކާ ހެދި ޔޫރަޕްގައި ކުޅޭ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސް ކުރަން އެ ކްލަބްތަކުން ދެކޮޅު ހަދާތީ އެވެ. އެ ފަހަރު ދެކުނު އެމެރިކާ އަށް ކުޅުންތެރިން ނުފޮނުވަން އެންމެ ބާރު އެޅި އެއް ކްލަބަކީ ޕީއެސްޖީ އެވެ.

ޔޫރަޕްގެ ކްލަބްތަކުުން އަނެއްކާ ވެސް ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދައި މިކަން ދިގުލައި ގޮސްފިނަމަ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ބުރޫ އަރާނެ އެވެ. ކްލަބްތަކުން އެދެނީ ކޮވިޑްގެ ގިނަ ޓެސްޓްތަކެއް ކޮށްގެން ނަމަވެސް ކުޅުންތެރިންނަށް ކަރަންޓީނު ނުވެ ކުޅެވޭނެ ގޮތެއް ހަދައިދިނުމެވެ.