Advertisement

ފިތުނަ ނުއުފުދޭނީ އިސްލާމްދީނަށް މަލާމާތްކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި އޮވެގެން: ހިސާން

24 އޮގަސްޓު 2021 - 09:33 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް


ފިތުނަ ނުއުފުދޭނީ އިސްލާމްދީނަށް މަލާމާތްކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި އޮވެގެން: ހިސާން

24 އޮގަސްޓު 2021 - 09:33 1

އިސްލާމްދީނަށް ކުޑައިމީސްކޮށް، ޖޯކު ޖަހައި، ދީނީ ކަންކަމަށް މަލާމާތެއް ރައްދުވެދާނެ ގޮތަކަށް އެއްވެސް ސިފައެއްގައި ވާހަކަދެއްކުމަކީ، އިސްލާމީ ވެއްޓެއްގައި އިސްލާމީ ދައުލަތެއްގައި ކުށެއްކަމުގައި އޮންނަންޖެހޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތު އިސްލާހުކުރާ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައި ދެއްވަމުން ހިސާން ވިދާޅުވީ ރައްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި މުޅި ދައުލަތް ތަރުތީބުވެ ބައްޓަންކުރަންވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށް ގާނޫނުއަސާސީގެ އެކި މާއްދާތަކުން ކަނޑައަޅާފައިވާ ކަމަށެވެ.

"އިސްލާމްދީން މަތިވެރިކޮށް، ރާއްޖޭގެ އިސްލާމީ ވެށި ހިމާޔަތްކޮށް އިސްލާމީ ސަގާފަތު ވަނީ ގާނޫނުއަސާސީގައި ބިންވަޅު ނަގާފައި. އެއީ ދުސްތޫރީ ގޮތުން ކަނޑައެޅިފައި ހުރި އަސާސްތަކެއް. ބަދަލުނުކުރެވޭނެ ހަގީގަތްތަކެއް،" ހިސާން ވިދާޅުވި އެވެ.

އެގޮތުން، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވެސް އިމެއް އޮންނަ ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން މެނުވީ ހިޔާލުފާޅުނުކުރެވޭނެ ގޮތަށް ދުސްތޫރީ ގޮތުން ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގައި ސޯޝަލް މީޑިޔާގައި ވެސް އިސްލާމްދީނަށް ކުޑައިމީސް ވާގޮތަށް ވާހަކަދެއްކުމާއި، ދީނީ ޝިއާރުތަކާއި ބައެއް ކަހަލަ ތަސައްވުރުތަކަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ ފެންނަމުންދާ ކަމެއްކަން ހިސާން ފާހަގަކުރެއްވި އެވެ.

އެގޮތުން، މި ބިލާ އެކު އެފަދަ ކަންކަން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކަންކަން ތަހުގީގުކޮށް އެފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދެވޭ ގޮތަށް މިބިލުން ނިޒާމެއް އެކަށައަޅާ ކަމަށެވެ.

ދީނާ ގުޅުވައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ޖިނާއީ ކުށަކަށް ހަދަން މިދިޔަ ދައުރުގައި ހިސާން ހުށަހެޅުއްވި ބިލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، އެ ބިލުގެ މަސައްކަތް ހުއްޓިފައިވާއިރު، އޭނާގެ ވާހަކައިގައި އެ ބިލަށް ވެސް އަލިއަޅުވާލެއްވި އެވެ.

"އެ ބިލުގެ މަގުސަދާއި، މި ބިލުގެ މަގުސަދަކީވެސް، އިސްލާމް ދީނުގައި، އެފަދަ ކަންކަމުގައި ކަނޑައަޅާފައި ހުރި މެދުމިނުގެ އަދި ހަރުދަނާ އުސޫލުތައް ނެގެހެއްޓުން،" ހިސާން ވިދާޅުވި އެވެ.

ދީނަށް ފުރައްސާރަ ކުރުން ކުށަކަށް ހަދާއިރު، އެކަން ހިނގަންޖެހޭނީ ދައުލަތުގެ ގާނޫނުތަކުން އެކަމަށްޓަކައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާ މިހާރު އޮތް ގޮތް

އެ މާއްދާގައި ބުނެފައިވާ ގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުމަކީ ކުށެކެވެ.

އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ވެސް ކުށެކެވެ.

އޭގެ އިތުރުން، އަޅުކަންކުރަން ގެންގުޅޭ ބުދު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމަކީ ވެސް އެ މާއްދާގައިވާ ގޮތުން ކުށެކެވެ.

މާއްދާގައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ވެސް ކުށެވެ.

މި މާއްދާގައި ހިމެނޭ ކުށްތަކަކީ، ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މާނައަކީ، އެ ކުށުގެ އަދަބުގެ ގޮތުގައި އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލެވުމެވެ. ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގާނޫނުލްއުގޫބާތަށް 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުން އަންނައިރު، މިހާތަނަށް މި މާއްދާގެ ދަށުން މީހަކަށް ކުށެއް ސާބިތުވި ކަމެއް ނުވަތަ މާއްދާގެ ދަށުން އެއްވެސް ދައުވާއެއް އުފުލި ކަމެއް އެނގިފައެއް ނެތެވެ.