Advertisement

ކޮވިޑް ފަންޑުން ވައްކަން ކުރި އިންޑޮނީޝިއާ ކުރީގެ މިނިސްޓަރު ޖަލަށް

24 އޮގަސްޓު 2021 - 08:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގެ ކުރީގެ ސޯޝަލް އެފެއާޒް މިނިސްޓަރު ޖުލިއަރީ ބަޓުބަރާ. އޭނާގެ މައްޗަށް ސާބިތުވީ ކޮވިޑް އެހީ ފަންޑުން 1.2 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހޯދި ކަމަށް.


ކޮވިޑް ފަންޑުން ވައްކަން ކުރި އިންޑޮނީޝިއާ ކުރީގެ މިނިސްޓަރު ޖަލަށް

24 އޮގަސްޓު 2021 - 08:53 0

ޖަކާޓާ، އިންޑޮނީޝިއާ (އޯގަސްޓު 23) - ކޮވިޑުގެ ބަލިމަޑުކަމާ ހެދި ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ކަނޑައެޅި ފަންޑުން ވައްކަން ކުރި ކަމަށް ސާބިތުވި އިންޑޮނީޝިއާގެ ކުރީގެ ސޯޝަލް އެފެއާޒް މިނިސްޓަރު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ޖުލިއަރީ ބަޓުބަރީ ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭނާއާ އެކު ގިނަ އަދަދަކަށް ނަގުދު ފައިދާ ރައްކާކޮށްފައި ހުރި ސޫޓްކޭސްތަކާއި ދަބަސް އަދި ސިޓީ އުރަތައް ފުލުހުން ހިފެހެއްޓި އެވެ. އޭރު އޭނާ އަށް ތުހުމަތު ކުރީ އެހީ ފަންޑާ ގުޅޭ ރިޝްވަތުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގި ކަމަށެވެ.

ފަންޑުން ނެގި ފައިސާ އަނބުރާ އަދާކުރުމުގެ ގޮތުން އެއް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި ނޫން ނަމަ އިތުރު ދެ އަހަރު ޖަލުގައި މަޑު ކުރަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ކާތަކެތި ފޯރުކޮށްދޭން ސަރުކާރުން ކޮންޓްރެކްޓު ކުރި ދެ ކުންފުންޏެއްގެ އަތުން ބަޓުބަރާ ވަނީ ފައިސާ ހޯދާފަ އެވެ.

ބަޓުބަރާ ހައްޔަރު ކުރުމަށް ފަހު ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި ކޮރަޕްޓް އޮފިޝަލުންނަށް ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ.

ކޮރަޕްޝަނަކީ އިންޑޮނީޝިއާ އަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ވާއިރު، އެންމެ ކޮރަޕްޓް މީހުންނަކީ ސިޔާސީ ފަރާތްތައް ކަމަށް އެ ގައުމުގެ ރައްޔިތުން ދެކެ އެވެ.

ކޮރަޕްޝަނާ ގުޅިގެން ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް މީގެ ކުރިން ވެސް ހައްޔަރުކޮށްފައި ވެ އެވެ. އެގޮތުން ކުރީގެ ފިޝަރީޒް މިނިސްޓަރު އެދީ ޕްރަބޯވޯ އިހި އެކްސްޕޯޓް ކުރުމުގައި ފައިސާ ވަގަށް ހޯދި ކަމަށް ސާބިތުވެ މިދިޔަ މަހު ވަނީ ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ.

ކޮވިޑުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑޮނީޝިއާ ހިމެނެ އެވެ. އެ ގައުމުން މިހާތަނަށް ހަތަރު މިލިއަން ކޭސް ފެނިފައި ވާއިރު، 126،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.