Advertisement

ތަންފީޒު މިކުރަނީ ނިޒާމް ބަދަލުކުރަން ހުށަހެޅި މެނިފެސްޓޯތަ؟

24 އޮގަސްޓު 2021 - 08:34 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އަދަދު އާޓްވޯކް. -- އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ތަންފީޒު މިކުރަނީ ނިޒާމް ބަދަލުކުރަން ހުށަހެޅި މެނިފެސްޓޯތަ؟

24 އޮގަސްޓު 2021 - 08:34 1

ބަރުލަމާނީ ނިޒާމަކަށް ސޮއި ހޯދަމުން އަންނަ ޕެޓިޝަން ފަށާފައި އޮތީ 2018ގެ އިންތިހާބަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގެ ވާހަކައިންނެވެ. އެމްޑީޕީގެ އަސާސްތަކާއި ވައުދުތަކުގެ މައްޗަށް ތަރުތީބުކުރި އެ މެނިފެސްޓޯގައި، ގާނޫނުއަސާސީއަށް ބޮޑެތި ބަދަލު ގެންނަން ނިންމިކަން ޕެޓިޝަންގައި ސާފުކޮށްދީފައި އެބައޮތެވެ. އެންމެ މުހިއްމު ބަދަލަކަށް އޮތީ، "އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް މަޖިލީހުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުުރުމުގެ" ވައުދު ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާނެ ޕެޓިޝަންގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި، އޮތީ މެނިފެސްޓޯގައިވާ ގޮތަށް ކަންކަން ތަންފީޒު ނުކުރެވުމެވެ. ނިޒާމް ބަދަލުކުރުމަކީ 2020ގެ ކުރިން ކުރަން އޮތް ކަމެއް ކަމަށާއި އެ މުއްދަތު މިހާރު ފަހަނާޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވާނީ ރިޔާސީ ވައުދު ފުއްދަވަންކަން ތަކުރާރުކޮށް، ވިދާޅުވެފައި އޮތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ވީމާ، އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި، 2020 ވަނަ އަހަރުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ރައްޔިތުންގެ ތެރެއިން ފެންނަ ނުފެންނަ ނިޒާމީ ވޯޓަކަށް ދިއުމަށް ރައްޔިތުން ގޮވަމުން އަންނާތީ އެކަން އަވަސްކުރަން ބާރު އެޅުމާ އެކު އެ ވައުދު ފުއްދުމަށް ގޮވާލާ މި ޕެޓިޝަން ހުށަހަޅަމެވެ،"

މި ޕެޓިޝަންގައި މި ބުނާ ނިޒާމް ބަދަލުކުރުމުގެ ވައުދުގެ ވާހަކަ ސާފުކޮށް ރައްޔިތުންނާ ހަމައަށް ތިލަވި ހެއްޔެވެ؟ ރައީސް އޮފީސް ވެބްސައިޓުގައި އާއްމުކޮށްފައިވާ އެމްޑީޕީ ވެސް ހިމެނޭ ގޮތުން އެކުލަވާލި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެ ވާހަކަ އެބައޮތް ހެއްޔެވެ؟

ނިޒާމް ބަދަލުކުރުމުގެ ވޯޓަކަށް ދާން، 100،000 ސޮއި ހޯދާއިރު، ޕެޓިޝަންގައި މި ބުނާ ވާހަކަ ސާފުވާން ޖެހެ އެވެ.

ބޮޑުވަޒީރަކު ހަމަޖެއްސުން: ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި

ސިޔާސީ މަސްރަހު 2018 ގައި ހަލަބޮލިވެފައި އޮތީ، ޕާޓީތައް ވަކިން ކެންޑިޑޭޓުން ނެރެވޭ ވަރަށް ވުރެ ހާލަތު ގޯސްކޮށެވެ. ކުރީގެ އިންތިހާބުތަކާ ހިލާފަށް ފުރަތަމަ ބުރުގައި ހުރިހާ ޕާޓީތަކަކުން ވާދަކުރުމުގެ ބަދަލުގައި، ގާނޫނީ ގޮޅިއަކަށް ނުފެތި ހުންނެވި، ފުރުސަތު އޮތް ކެންޑިޑޭޓަކު ނެރެން ނިންމީ އެހެންވެ އެވެ. މި މަގަށް ތަފާތު ފިކުރުގެ ޕާޓީތައް އެނބުރެމުން ދިޔައިރު ވެރިކަމެއްގައި އެ ޕާޓީއަކުން ގަބޫލުކުރާނެ އިންތަކާއި މިންތައް އަދި ހަމަތައް ދިޔައީ ހާމަކުރަމުންނެވެ.

ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ބޮޑުވަޒީރަކު ހަމަޖެއްސުން ހިމަނާފައި ވިޔަސް ކޯލިޝަން މެނިފެސްޓޯ ނެރުނީ އެ ވާހަކަ އުނިކޮށްފައި.


އެކަމަކު ވަކިވަކި ވައުދުތަކުގެ މައްޗަށް ލިޔެފައި އޮތް މެނިފެސްޓޯއެއް ކުރިން އާއްމުކުރީ އެމްޑީޕީންނެވެ. އެއީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅި" އާދަޔާހިލާފް ކޮންގްރެސް"ގަ އެވެ. އެމްޑީޕީގެ 800 އަށް ވުރެން ގިނަ މެމްބަރުންނާ އެކު އެ ކޮންގްރެސް ބޭއްވީ ޖޫން، 30، 2018 ގައި އއ. އުކުޅަހުގަ އެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެންމެ ލޯންޗްވެގެން އެ ދިޔައީ 2018 ވަނަ އަހަރުގެ ޖަޒީރާ ރާއްޖެ މި ޝިއާރުގެ ދަށުން ހަދާފައިވާ މެނިފެސްޓޯ، ރިޔާސީ ކެމްޕޭނަށް އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯ،" ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އެ ކޮންގްރެސްގައި ވިދާޅުވި އެވެ.

މާނައަކީ އެއީ އެމްޑީޕީން ޕާޓީތަކަށް ހުށަހަޅާ މެނިފެސްޓޯ ކަމެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް އެކުލަވާލަން އެ ކޮންގްރެސްގައި، ރިޔާސީ ކެންޑިޑޭޓަކަށް ވެރިކަމުގައި މިހާރު ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވި ނަމަވެސް އެ ވެރިކަމުގައި އެމްޑީޕީގެ މެނިފެސްޓޯއަށް އަމަލުކުރަން ކޮންގްރެސްއަށް ހުށަހަޅައި ފާހެއް ނުކުރެ އެވެ.

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސް: އެ ޕާޓީގެ މެނިފެސްޓޯ އާއްމުކުރީ މި ކޮންގްރެސްގައި.


އެ ކޮންގްރެސްގައި ނިންމީ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށާއި ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ސޮއިކުރަމުން އަންނަ ޕެޓިޝަންގައި ފާޅުކުރާ ކަންބޮޑުވުމުގެ ހައްލު އޮތީ، ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި "ޖަޒީރާ ރާއްޖެ މެނިފެސްޓޯ" ގަ އެވެ.

އޭގައި އޮތީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. އެ ސަރުކާރުން ކުރާނެ ކަމަކީ ހެޔޮވެރިކަމުގެ ނިޒާމެއް އުފެއްދުމެވެ. އޭގެ ފަހުން ގާނޫނުއަސާސީ އިސްލާހުކުރުމަށް ފަހު އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް މަޖިލިސް ތެރެއިން އެކުލަވާލުމެވެ.

ގާނޫނުއަސާސީއަށް ގެންނަ އެ ބަދަލު ތަސްދީގުކުރުމަށް ފަހު، އޭގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާއަށް ގުޅިފައިވާ ޕާޓީތަކުގެ ރައީސް ބަދަލުވާނެ އެވެ. ސަރުކާރު ހިންގާނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހިމެނޭ ޕާޓީއަކުން ނުވަތަ ޕާޓީތަކަކުން ކަމަށް ވެސް އޭގައިވެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ނެރުނީ ބަރުލަމާނީ ވާހަކަ އުނިކޮށްފައި

އެމްޑީޕީގެ މެނިފެސްޓޯ ކުރިން އާއްމުކުރިއަސް ޕާޓީތަކުގެ މެދުގައި އޭރު އޮތީ ގުޅިފައިވާ ވެރިކަމެއް އުފެއްދުމަށް އެއްބަސްވުމަކަށް އާދެވި، ލީޑަރުންނަށް އެއްބަސްވެވޭ ގޮތަށް ސަރުކާރު އެކުލަވާލުމަށް ނިންމައިފަ އެވެ. ސިޔާސީ ވަކި ފިކުރުތަކެއް ކަމުން އެމްޑީޕީގެ މެނިފެސްޓޯއަށް އެކަނި އަމަލުކުރުމަކީ އެއްބަސްވި ގޮތެއް ނޫނެވެ.

ވެރިކަންކުރާ ކޯލިޝަންގެ ލީޑަރުން ރައީސް ސޯލިހާ އެކު: އެއްބަސްވީ ކޯލިޝަން މެނިފެސްޓޯއަށް އަމަލުކުރަން. -- ފޮޓޯ/ ޕީއެސްއެމް


އެހެންވެ ހޯދުނު އެންމެ ރަނގަޅު ހައްލަކަށް ވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ވައުދުތައް ހިމެނޭ ގޮތުން ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯއެއް ނެރުމެވެ. މި މެނިފެސްޓޯ އެކުލަވާލަން ޕާޓީތަކުގެ މަންދޫބުންނާ އެކު އެމްޑީޕީގެ އޮފީސްތެރޭގައި ބައްދަލުވުންތައް ވެސް ބޭއްވި އެވެ.

އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަމްސީލްކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހުށަހަޅާފައި ވަނީ ރިޔާސީ ނިޒާމެއްގެ ދަށުން ސަރުކާރު ހިންގުމަށެވެ.

ކޯލިޝަން ސަރުކާރުގައި އެމްއެމްއާރުއެމް ތަމްސީލްކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ހުށަހެޅުއްވީ ރިޔާސީ ނިޒާމް ހަރުދަނާކުރަން ގެންނަން ޖެހޭ ބަދަލުތަކެވެ. އަދާލަތުން ހުށަހެޅީ އިސްލާމް ދީނާ ގުޅޭ ސިޔާސަތުތަކެވެ. ޖޭޕީން ހުށަހެޅީ ފަނޑިޔާރުގެތައް އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް ހުށަހެޅުން އުނިކުރުމާ އެކު އެ ޕާޓީއަށް ފެންނަ ބަދަލުތަކެވެ.

މި ބަދަލުތަކާ އެކު މެނިފެސްޓޯ ލަސްވާތީ، ޖުލައި، 25، 2018 ގައި މާލެ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު ނޫސްވެރިން ރައީސަށް އަމާޒުކުރުމުން ދެއްވި ޖަވާބަކީ މި އެވެ؛

އެނގިވަޑައިގަންނަވާނެ މި ނިކުންނަނީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން. އަދި އެ އޮތީ އެމްޑީޕީގެ މެނިފެސްޓޯ. ދެތިން ދުވަހެއްގެ ތެރޭގައި ކޯލިޝަންގެ މެނިފެސްޓޯ އާއި ޕޮލިސީތައް ފައިނަލްވެގެންދާނެ. -- ރައީސް ސޯލިހް

ޕާޓީތަކުން ހުށަހެޅި ކަންކަމާ އެކު ކޯލިޝަން މެނިފެސްޓޯ އިއުލާންކުރީ ސެޕްޓެމްބަރު، 16، 2018 ގަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވަނީ ވެސް އެ މެނިފެސްޓޯ އެވެ. އޭގައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ގާއިމްކޮށް، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ ވާހަކައެއް ނެތެވެ.

އޭގައި އޮތީ "ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން" އެއީ ކުރާނެ މަސައްކަތެއް ކަމެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެބްސައިޓުގައި އާއްމުކޮށް އަމަލުކުރަމުން އަންނަނީ އެއްބަސްވެވުނު މެނިފެސްޓޯއަށް ކަމަށެވެ. ދެން ތަކުރާރުކުރައްވަނީ ރައީސްގެ ޖަވާބެވެ.

ނިޒާމު ބަދަލުކުރަން ވެއްޖެތޯ ނިންމާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގިނަ ބަޔަކު އެދިއްޖެ ނަމަ އެކަން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ތަންފީޒުކުރައްވަން ޖެހެނީ އެމްޑީޕީގެ މެނިފެސްޓޯ"

މި ވެރިކަން އަދި ދެމި މިއޮތީ ކޯލިޝަން ޕާޓީތަކުން އެއްބަސްވި ގޮތަށެވެ. ރައީސް ތަންފީޒުކުރައްވަމުން ގެންދަވަނީ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެވެ.

އެކަމަކު އެމްޑީޕީގެ ޕެޓިޝަންގައި ބުނެފައިި އެވަނީ، އަމަލުކުރަމުން އަންނަ އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވާ ބަދަލުތައް ތަންފީޒު ނުވާ ވާހަކަ އެވެ.

ބަރުލަމާނީ ނިޒާމަކަށް ގޮވާލައި ޕެޓިޝަންގައި ސޮއިކުރެއްވި މެމްބަރުން އެމްޑީޕީގެ ހަރުގޭގައި. މި ބޭފުޅުން ގަބޫލުކުރައްވަނީ އަމަލުކުރަން ޖެހޭނީ އެމްޑީޕީގެ މެނިފެސްޓޯއަށް ކަމަށް. -- ފޮޓޯ/ އެމްޑީޕީ


ޕެޓިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގަބޫލުކުރައްވާ ގޮތުގައި، ރައީސް ސޯލިހް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ މެނިފެސްޓޯއަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހް ހަމަޖައްސަވައި އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައި ވާނީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ކެންޑިޑޭޓަށް ހުރިހާ ރައްޔިތުން ވޯޓުދިނީ. ކަރުދާހުގައި އޮތީ އެމްޑީޕީގެ ތިލަފަތް. އިލެކްޝަނަށް ހުށަހެޅީ އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯ. ވެރިކަމެއްގައި ގާނޫނީ ގޮތުން އަމަލުކުރަން އޮންނާނީ މިގޮތަށް،" އޭނާ ވިދާޅުވި އެވެ.

"ގާނޫނީ ނިޒާމެއްގެ ތެރެއިން ކަންކަން ކޮށްފައި ހޮވިވަޑައިގަތީމަ ކެންޑިޑޭޓް މި ވިދާޅުވަނީ އަމަލުކުރައްވާނީ ކޯލިޝަން މެނިފެސްޓޯއަށޭ، މިހެން ނޫން ވާނީ."

ކޯލިޝަނުން މެނިފެސްޓޯއަށް ހުށަހެޅި ކަންކަމަށް އަމަލުކުރުމާއި ނުކުރުމަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އޮންނަން ޖެހޭނީ އިހްތިޔާރީ ކަމެއްގެ ގޮތުގަ އެވެ.

އެއްބަސްވީ ކޯލިޝަން މެނިފެސްޓޯއަށް އަމަލުކުރަން ނޫންތޯ ދެންނެވުމުން ބޮންޑޭ ތަކުރާރުކޮށް ވިދާޅުވަނީީ "އޭރު އޮތީ ޖަޒީރާ ރާއްޖެ މެނިފެސްޓޯ އިއުލާންކޮށްފައި ކަމަށާއި އަމަލުކުރަން ޖެހެނީ އެއަށް" ކަަމަށެވެ.

ޕެޓިޝަންގައި ވެސް ލިއެފައި އެ އޮތީ އެ ގަބޫލުކުރުމެވެ؛ އެކަމަކު މިއީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ހިމެނިވަޑައިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އިން ކަންކަން ނިމި ރައްޔިތުންނާ ހަމައަށް ހުށަހެޅުނު ގޮތެއް ނޫނެވެ.

ރައްޔިތުންނަށް ވި ވައުދުގައި ނުވަތަ ދެއްކި މެނިފެސްޓޯގައި ބަރުލަމާނީ މަންޒަރު ސާފުކޮށްދީފައެއް ނުވެ އެވެ.

ލީޑަރުން ވެސް މި ވާހަކަ ރައްޔިތުންނަށް ކަން ހިނގި ގޮތަށް ތިލަކޮށްދީފައެއް ނުވެ އެވެ. ދެ އަހަރުގެ އިންތިގާލީ ސަރުކާރު އުނިކުރި ސަބަބެވެ. އެއާއެކު ބަރުލަމާނީ ނިޒާމަކަށް އެއްބަސް ނުވެވުނު ސަބަބެވެ.

ލިޔެ އާއްމުކުރި އަދި ލީޑަރުން ދައްކަވާފައި ހުރި ވާހަކަތަކުން ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ، އެމްޑީޕީން ސޮއިކުރާ ޕެޓިޝަންގައި ހުރި ވާހަކަތަކާއި މި ވެރިކަމުގައި ތަންފީޒުކުރަމުން އަންނަ މެނިފެސްޓޯގައި ހުރި ވާހަކަ ދިމާނުވާ ކަމެވެ.