Advertisement

މުލާގެ ހަނދާން އާކުރި މެޗުން ބަޔާނަށް ފުރަތަމަ މޮޅު

22 އޮގަސްޓު 2021 - 23:28 0

ލަނޑު ޖެހުމަށް ފަހު ބަޔާންގެ ގްނަބްރީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މުލާގެ ހަނދާން އާކުރި މެޗުން ބަޔާނަށް ފުރަތަމަ މޮޅު

22 އޮގަސްޓު 2021 - 23:28 0

މިއުނިކް (އޮގަސްޓް 22) - ޖަރުމަނު ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު 3-2 އިން ކޮލޯން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން މި ފަހަރުގެ ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މިރޭގެ މެޗުގައި ބަޔާނުން ވަނީ ދާދި ފަހުން މަރުވި އެ ޓީމުގެ ލެޖެންޑް ގާޑް މުލާގެ ހަނދާނުގައި ވަގުތު ކޮޅެއް ހޭދަކޮށްފަ އެެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް 1970 ވަނަ އަހަރު ހޯދި މުލާ މަރުވީ އުމުރުން 75 އަހަރުގަ އެވެ.

މުލާ އަށް ވަނީ އަލްޒައިމާ ބަލިޖެހިގެން 2015 ވަނަ އަހަރު ފަރުވާ ދީފަ އެވެ. އޭނާ މަރުވީ ބަލިވެ އުޅުމަށް ފަހު އެވެ. ބަޔާނަށް 1964 އިން 1979 އާ ދެމެދު ކުޅުނުއިރު، މުލާ ވަނީ އެ ޓީމާ އެކު ޖަރުމަނު ލީގު ހަތަރު ފަހަރާއި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ޖަރުމަނު ލީގުގެ ފުރަތަަމަ މެޗުގައި ބަޔާން ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކާ އެއްވަރުވެފަ އެވެ. އޭގެ ފަހުން ބަޔާން ވަނީ ޖަރުމަނު ސުޕަ ކަޕްގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފަ އެވެ. އަދި މިރޭ ފޯރިގަދަ މެޗަކަށް ފަހު ކޮލޯން އަތުން މޮޅުވީ ވަރަށް މަސައްކަތުންނެވެ.

ބަޔާން ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 50 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ އެވެ. އޭނާ ގޯލު ޖަަހަން ބޯޅަ ދިނީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. އޭގެ އަށް މިނިޓް ފަހުން ސާޖް ގްނަބްރީ ވަނީ ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ.

ބަޔާނުން ދެ ގޯލުގެ ލީޑުނެގިތާ މާ ގިނައިރެއްނުވެ ކޮލޯން އިން ވަނީ އާދަޔާހިލާފު ހިތްވަރެއް ދައްކައި ތިން މިނިޓް ތެރޭ ދެ ގޯލު ޖަަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ އެންތަނީ މޮޑެސްޓޭ އާއި މާކް އުތު އެވެ. ބަޔާން މޮޅުކޮށްދިން ގޯލު ޖެހީ މި މެޗުގައި މޮޅު ކުުޅުމެއް ދެއްކި ގްނަބްރީ އެވެ. އޭރިއާ ތެރެއިން ގްނަބްރީ ޖެހި ބޯޅަ ހުއްޓުވަން ކޮލޯން ގޯލުގައި ހުރި ކީޕަރު ޓިމޯ ހޯން އަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

ޖަރުމަނު ލީގުގެ އާ ސީޒަނުގައި ފުރަތަމަ ދެ މެޗުން މޮޅުވީ އެންމެ ޓީމަކުންނެވެ. އެއީ ވުލްފްސްބާގް އެވެ. އެ ޓީމުން ފުރަތަމަ ހަފްތާގައި ބޯކުމް އަތުން މޮޅުވިއިރު، ރޭ ކުޅުނު މެޗުން ވަނީ ހާތާ ބާލިންގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ.

މި ހަފްތާގައި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ފްރެއިބާގް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.