Advertisement

ޖަޕާނުން ހަދިޔާކުރި ވެކްސިނަކީ އަމާޒަށް ވާސިލްވުމުގައި ލިބުނު ލުޔެއް: މިނިސްޓަރު

22 އޮގަސްޓު 2021 - 13:53 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ހެލްތް މިނިސްޓަރު ނަސީމަށް ވެކްސިން ހަވާލު ކުރައްވަނީ: ޖަޕާނުން ލިބުނު ވެކްސިން ޝިޕްމަންޓަކީ ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ ހަތަރު ވަނަ ޝިޕްމަންޓު-- ފޮޓޯ: ފޮރިން މިނިސްޓްރީ


ޖަޕާނުން ހަދިޔާކުރި ވެކްސިނަކީ އަމާޒަށް ވާސިލްވުމުގައި ލިބުނު ލުޔެއް: މިނިސްޓަރު

22 އޮގަސްޓު 2021 - 13:53 0

ޖަޕާނުން ހަދިޔާކުރި ވެކްސިނަކީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދޭން ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމުގައި ލިބުނު އިތުރު ލުޔެއް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖަޕާނުން ކޮވެކްސް ފެސިލިޓީއަށް ހަދިޔާކުރީ 11 މިލިއަން ޑޯޒުގެ ވެކްސިނެވެ. އެ ވެކްސިން ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައި މިއަދު ވަނީ 112،000 ޑޯޒު ހަދިޔާކޮށްފަ އެވެ.

ރާއްޖެއަށް މިއަދު ލިބުނު ވެކްސިން ޝިޕްމަންޓަކީ ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ ހަތަރު ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި އޮގަސްޓްމަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ވެކްސިނާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިނިސްޓަރު ނަސީމް ވަނީ ޖަޕާން ސަރުކާރުން ވެދެއްވި އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑުގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް ވެސް މިނިސްޓަރު ނަސީމް ޝުކުރު އަދާކުރެއްވި އެވެ.

ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެ އަދަދަށް ރާއްޖެއަށް ވަނީ ވެކްސިން ހޯދައިފަ އެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެ ރަސްމިއްޔާތުގައި ވަނީ ރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައި ވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުންނަށް ވަނީ ޖަހައިފަ އެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހައިފަ އެވެ.

މިހާރު ކުރިއަށް ގެންދަނީ އުމުރުން 12 އަހަރާ 18 އަހަރާ ދެމެދު ކުދިންނަށް ވެކްސިން ޖެހުމެވެ.