Advertisement

އިންޑޮނީޝިއާގެ މިނިވަން ދުވަހާ ދިމާކޮށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި

21 އޮގަސްޓު 2021 - 11:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓެރަރިޒަމްގެ ތުހުމަތުގައި އިންޑޮނީޝިއާ މީހަކު ހައްޔަރުކޮށްފައި.-- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާގެ މިނިވަން ދުވަހާ ދިމާކޮށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި

21 އޮގަސްޓު 2021 - 11:45 0

ޖަކާޓާ، އިންޑޮނީޝިއާ (އޯގަސްޓު 21) - މި ހަފްތާގައި ފާހަގަކުރި އިންޑޮނީޝިއާގެ މިނިވަން ދުވަހާ ދިމާކޮށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހަމަލާ ދޭން އުޅުނީ ބާލީގައި ނުރައްކާތެރި ހަމަލާތަކެއް މީގެ ކުރިން ދިން ހަރުކަށި ފިކުރުގެ ގްރޫޕުން ކަމަށެވެ.

ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގެ އެކި ޕްރޮވިންސްތަކުން 53 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ޖެމާހް އިސްލާމިއްޔާ (ޖޭއައި) އިން ހަމަލާ ދޭން އުޅުނު ކަމަށް ހައްޔަރު ކުރި ބައެއް މީހުން އިއުތިރާފުވެފައިވާ ކަމަށެވެ. އެއީ 2002 ވަނަ އަހަރު ބާލީގައި ބޮން ގޮއްވުމުގެ ފަހަތުގައިވާ ގްރޫޕެވެ.

ފުލުހުންގެ ތަރުޖަމާނު އާގޯ ޔުވޯނޯ ވިދާޅުވީ ތުހުމަތު ކުރެވޭ މީހުންނާ އެކު ހަތިޔާރާއި ވަޒަން ވެސް އަތުލައިގަނެފައިވާ ކަމަށެވެ. އެ އެންމެން ވެސް އެންމެ ފުރަތަމަ ހައްޔަރު ކުރީ ޖޭއައި އަށް ފަންޑު ކުރާކަމުގެ ތުހުމަތުގަ އެވެ.

ފަތުރުވެރިންގެ މެދުގައި މަގްބޫލު ބާލީގެ ނައިޓްކުލަބުތަކަށް 2002 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ.

އެއީ އިންޑޮނީޝިއާގައި މިހާތަނަށް ދިން އެންމެ ބޮޑު ޓެރަރިސްޓު ހަމަލާ އެވެ. އެ ހަމަލާ އަށް ފަހު ޖޭއައި ރޫޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ނަމަވެސް އެ ގްރޫޕުން އަލުން މަސައްކަތް ފަށާފައި ވާއިރު، ޓެރަރިޒަމާ ގުޅުން ހުރި ހުކުމަކަށް ފަހު ގްރޫޕުގެ ރޫހާނީ ލީޑަރު އަބޫ ބަކުރު ބަޝީރު މި އަހަރުގެ ކުރީކޮޅު ވަނީ ދޫކޮށްލާފަ އެވެ.