Advertisement

އާދަމް ނަޞީރުގެ "ދޮންބަންޑާރައިންގެ ޖިހާދު"

20 އޮގަސްޓު 2021 - 09:47 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


އާދަމް ނަޞީރުގެ "ދޮންބަންޑާރައިންގެ ޖިހާދު"

20 އޮގަސްޓު 2021 - 09:47 2

"ޅެމާއި ޅެންވެރިކަން" މި ފޮތުގައި މުޙައްމަދު ޖަމީލު ލިޔުއްވާފައިވެ އެވެ.

"ޅެމަކުން މީހާގެ ހިތް ދަމައިގަންނަނީ، އޭގެ ބަސްތަކުގައި ހުންނަ ޖާދޫގެ ބާރުންނެވެ. ޅެމުގެ ބަސްތައް އެތުރިފައި ހުންނަ ފަށުއިކަމާއި ރީތިކަމެއްގެ ބާރުންނެވެ. އެ ކަންކަމުގެ ބާރުން، އަހާމީހާގެ ނުވަތަ ކިޔާމީހާގެ ހިތުތެރެ ތޮރުފައިލައެވެ. ހިތުތެރޭގައިވާ ޝުޢޫރުތައް ހިލުވައިލައެވެ. އެ ޝުޢޫރުތަކުގައި ރޯކޮށްލައެވެ. ބައެއް ފަހަރަށް ހުޅުރޯވެގެން އަނދައިގަނެއެވެ. ބައެއް ފަހަރަށް ލޭކައްކުވައިލައެވެ. ބައެއް ފަހަރަށް ރޮއްވައިލައެވެ. ބައެއް ފަހަރަށް ހެއްވައިލައެވެ"

މި ފަދަ ޅެމެއް މި ޒަމާނުގެ ޅެންވެރިކަމުން، މި ޒަމާނުގެ އާބާދީއަށް ޝައުޤުވެރިވާނޭ ގޮތަށް ހުށަހަޅާފައި ނުވާކަމަށް ވިދާޅުވާ ބޭފުޅުންނަށް މިއަދު މި ދަޢުވަތު އަރުވަނީ، މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހިމް ހައްދަވާފައިވާ "ދޮންބަންޑާރައިންގެ ޖިހާދު" މި ޅެމުގެ ތެރެއަށް އަޅުގަނޑާއެކު ފީނާލުމަށެވެ.

މިއީ 2002 ވަނަ އަހަރުގެ މިނިވަންދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނި، އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސަރވިސް، އެން.އެސް.އެސްގެ މިއުޒިކީ ތަމްސީލަށް ހައްދަވާފައިވާ ސްކްރިޕްޓާއި ނެރޭޝަނެވެ. އެރޭ، 15 މިނެޓުގެ މި އައިޓަމް ނިންމާލިއިރު، ހެދިގޮނޑުދޮށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓީވީ ކައިރީގައި ތިބި ކުދި ބޮޑު އެންމެން ތިބީ ގައިން ހީބިހި ނަގާފަ އެވެ. ޙުއްބުލްވަޠަންގެ އިހުސާސްތައް އުތުރި އަރަ އަރަ އެވެ. މިއީ ހަމައެކަނި ތިއޭޓާ މިރާޒުގެ މޮޅު ކޮރިއޯގްރަފީގެ އަސަރެއް ނޫނެވެ. އެން.އެސް.އެސްގެ އޮފިސަރުންގެ ކުޅަދާނަ ހުށަހެޅުމުގެ އަސަރު އެކަންޏެއްވެސް ނޫނެވެ. މި ހުށަހެޅުމުގެ "މައިބަދަ" ކަމުގައިވާ މޮޅު ޅެމާއި، އެ ހުށަހެޅުން އެކުވުމުން އުފެއްދި އިހުސާސްތަކެވެ. ޖަމީލް ދީދީ ވިދާޅުވެފައިވާ ފަދައިން ބައެއް ފަހަރު ރޮއްވައިލި އެވެ. އަނެއްބައި ފަހަރު ހެއްވާލި އެވެ. ބައެއް ފަހަރު ލޭ ކައްކުވާލި އެވެ. ހިތުގައިވާ ޝުޢޫރުތައް ހިލުވައިލި އެވެ.

ޅެމުގެ ޠަބިއްޔަތާ އެއްގޮތަށް ވަޒަނަށް ބަދަލުގެންނަމުން، ތަމްސީލުގެ އުޞޫލުން ފައްތަރުތަކާއި މަންޒަރުތަކަށް ބައްސަވައިގެން ހައްދަވާފައިވާ 54 ބައިތުގެ މި ބިޔަ މަސައްކަތް ޅެންވެރިޔާ ފުރިހަމަކުރައްވާފައިވަނީ އެންމެ 78 ގަޑިއިރުގެ ތެރޭގަ އެވެ. ބައެއް ބައިތުތައް ނެރޭޝަންގެ ސިފައިގަ އެވެ. ބައެއް ބައިތުތައް ބަދަލުކުރެވޭ ވާހަކައިގެ ސިފައިގަ އެވެ.

އެންމެ ފުރަތަމަ މި ޅެން އަޑުއިވުނީއްސުރެ އަޅުގަނޑުގެ ހިތުގައި ކަނޑާނެގިފައިވާ ދެ ބައިތަކުން، ޅެމުގެ ފެންވަރު މިނެކިރަން ފައްޓަމާތޯ އެވެ.

"ފާޅުގައި މި ދެ ޚާއިނުން ކަސްތޮޅުއަޅައި ކަނޑުފެއްތި އިރު

ރާޅުތައްވެސް، ކަނޑުގެ އޮއިވެސް، ހަރުއަޑުން ލަޢުނަތްދެނީ

މަރުވެގެން ދިޔައިރު ދިވެހި ކަނޑުގައި ހަލާކުގެ ބައިވެރިން

މަރުގެ ސަހަރާއެއް ފަދައިން މުޅި މާލެވެސް ވެފައޭ ވަނީ"

މި ދެ ބައިތަކީ ޅެންވެރިކަމުގެ ވަޞީލަތްތައް ނުވަތަ ހަތިޔާރުތައް ހެޔޮ ގޮތުގައި ބޭނުންކުރުމުން، އިންސާނާގެ އިހުސާސްތަކާ ކުޅެލެވޭނެކަން ދައްކުވައިދޭ ނަމޫނާ ދެ ބައިތެވެ. އެގޮތުން ފުރަތަމަ ބައިތުގައި ޚާއިނުން، ޝަމްސުއްދީނާއި މުޙްޔިއްދީނުގެ ނިމުން އައި ގޮތް ސިފަކުރައްވަމުން، އެ ދެ މީހުންގެ ޚިޔާނާތުގެ ބަދަލުގައި ހޮޅިން އެމީހުންނަށް އަނިޔާ ދިން ނަމަވެސް، އެކަމާ ދިވެހި ޤައުމު ހިތާމަ ނުކުރާކަން ޅެންވެރިޔާ ސިފަކުރައްވަނީ ޤުދުރަތީ އެކި އިޖުރާޢަތްތަކަށް އިންސާނުންގެ އިހުސާސް ދީގެންނެވެ. އެގޮތުން، އެ ދެ ޚާއިނުން ކަސްތޮޅު އަޅުވާފައި ކަނޑުފެއްތުމުންވެސް، އެކަމާ ހަމްދަރުދީ ވުމުގެ ބަދަލުގައި ކަނޑުގެ ރާޅުވެސް، ކަނޑުގެ އޮއިވެސް، އެ މީހުންނަށް "ލަޢުނަތް" ދެމުންދިޔަކަމަށް ނުވަތަ މާތްﷲގެ ރަޙުމަތުން އެމީހުން ދުރުކުރުމަށް އެދެމުން ދިޔަކަމަށް ސިފަކުރައްވާފައި އެވާ ސިފަކުރެއްވުމަކީ އެމީހުން ޤައުމަށް ވީ ޚިޔާނާތުގެ ނުބައިކަމުގެ ފުރިހަމަ ސިފަކުރެއްވުމެކެވެ.

މި ބައިތުން، ދެން ޖެހިގެން އޮތް ބައިތައް ދިޔައިރު، "މަރު" އެ ލަފުޒު ބޭނުންކުރައްވައިގެން ޚާއިނުންގެ މަރުގެ ވާހަކަ ދައްކަވަމުން، ހަމަ އެ ނޭވާގައި މާލޭގެ އޭރުގެ ޙާލަތު ސިފަކުރެއްވުމަށް "މަރުގެ ސަހަރާއެއް" މި ބަސްކޯޅި ބޭނުންކުރެއްވުމުން، ޅެމުގެ އެމުނިއެކުލެވުމުގައި ހުރި ޚިޔާލުގެ ބުގިސްކަން ހާމަވެގެންދެ އެވެ. ކަނޑުގައި އެމީހުން މަރުވި ވާހަކައިން ދެ ބައިތު ގުޅުވާލަދޭއިރު، ޚާއިނުންގެ މަރާއި މާލޭގެ ޙާލަތުގެ ސިފަކުރެއްވުމުން ބައިތުގެ ޞަދުރާއި ޢަޖުޒު ބަދަހިކަމާއެކު ގުޅިލާމެހިގެން ދެ އެވެ.

މި ޅެމުގެ ބަސްކޮށާރަށް ވިސްނާލުމުންވެސް، މިއީ ވަރަށް ޙިކުމަތްތެރިކަމާއެކު ލަފުޒުތައް ބޭނުންކުރައްވާފައިވާ ޅެމެއްކަން ހާމަވެ އެވެ. އެއް ކަމަކީ ބަސްކޮށާރުގެ މުނާސަބުކަމެވެ. އަނެއްކަމަކީ ލަފުޒުތަކުގެ އަޑުތައް ޙާލަތާ ގުޅުވާލާފައިވާ މޮޅު ގޮތެވެ. މި ޅެމާ މެދު ވާހަކަދައްކަވަމުން އާދަމް ނަޞީރު ވިދާޅުވި އެވެ.

"ޅެންވެރިކަމުގެ ބައެއް މަޒްހަބުތަކުގައި ބައެއް ބޭފުޅުން ވިދާޅުވާނެ، ޅެމުގައި ހުންނަންވާނީ ވަރަށް ރީތި، ވަރަށް ނާޒުކު، އޮމާން، ލުއި ލަފުޒުތަކެކޭ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ، އޮމާން ލަފުޒު ހުންނަންވާ ތަނުގައި އޮމާން ލަފުޒު ބަހައްޓާށޭ. އެކަމަކު އެހެންވާން ނުޖެހޭ ތަންތަން އަންނާނެ. އެތަނުގަ ޖެހޭނީ ބާރުހުރި، ތަދުވާކަހަލަ ލަފުޒު ލާން. އަޅުގަނޑު ޤަބޫލުކުރަނީ އެ މަޒުހަބު،"

އިތުރަށް ތަފްޞީލު ދެއްވަމުން، ޅެމުގެ ފެށުމުގައި ހޮޅިންގެ ހަމަލާގެ ކުރިން ދިވެހިން ދިރިއުޅެމުންގެންދިޔަ އަމާން މާހައުލު ސިފަކުރެއްވުމަށް އޮމާން ލަފުޒުތައް ބޭނުންކުރައްވާފައިވާނޭކަމަށް އާދަމް ނަޞީރު ވިދާޅުވި އެވެ. އެހެން ނަމަވެސް ހަނގުރާމައިގެ ބައިތުތަކުގައި ވަރުގަދަ ލަފުޒުތައް ބޭނުންކުރައްވާފައިވާނޭކަން ފާހަގަކުރައްވަމުން، 8 ވަނަ މަންޒަރުގެ ފަހު ބައިތަށް އިޝާރާތްކުރެއްވި އެވެ.

"ފޭހިފައިހުރި އިލޮށިތައް ދިވެހިން ލޮލަށް ހެރުމަށްޓަކައި،

މޭރުމެއްވެސް ނުވެ ހޮޅިން ތިއްބާ ލޮލަށް ގޯޅާލަނީ"

މަތީގައިވާ ބައިތުގައި "ގޯޅާލުން" މި ލަފުޒަށްވުރެ އޮމާން ލަފުޒުތައްވެސް ވަޒަނަށް ޢައިބުކަމެއް ނާންނާނޭގޮތަށް ބޭނުންކުރެވޭނެ ފުރުޞަތު އޮވެމެ، އެ ޙާލަތުގައި އެ ލަފުޒު ބޭނުންކުރައްވާފައިވަނީ، ޙާލަތާއި އިޙުސާސްތަކާ މުނާޞަބު ބަސްކޮށާރެއް ބޭނުންކުރެއްވުމަށް އަހައްމިއްޔަތުކަން ދެއްވާފައިވާތީކަމަށް ޅެންވެރިޔާ ވިދާޅުވި އެވެ.

އެހެން ބައިތެކެވެ. ހަވަނަ މަންޒަރުގެ 3 ވަނަ ބައިތެވެ. އެބައިތުގެ ޢަޖުޒުގައި، ދުނިޔެއަކީ ވަގުތީ ތަނެއްކަން ސިފަކުރެއްވުމަށް ޅެންވެރިޔާ ބޭނުންކުރައްވާ ލަފުޒާމެދު ވިސްނާލަމާތޯ އެވެ.

"ކޮންމެ ނަފުސެއްވެސް ޖެހޭނޭ މަރުގެ ރަހަ އިޙުސާސްކުރަން

ކޮންމެވެސް އެއް ވަގުތަކުން ދުނިޔޭގެ ދަންފަޅި ހަމަކުރަން"

މަތީގައިވާ ބައިތުގައި ދުނިޔެއަކީ އިންސާނާގެ ޙަޔާތުގެ "ދަންފަޅި" އެއްކަން ހަނދާންކޮށްދެއްވަމުން ޅެންވެރިޔާ މި ދެއްވާ މުހިއްމު މެސެޖު ވަރަށް ރަނގަޅަށް، ކިޔުންތެރިންނަށް އިހުސާސްކުރެވެ އެވެ. އެންމެ ލަފުޒެކެވެ. އެތައް މެސެޖެކެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމެވެ. އެ މަންޒިލަކީ ދާއިމީ ޖަގަހަކަމުގައި ދެކެގެން ދިރިއުޅެވެން ނެތްކަމެވެ. މަރަކީ އެއަށް ބޮނދައިގެން އުޅެވޭނޭ އެއްޗެއް ނޫންކަމެވެ. ދޮންބަންޑާރައިގެ އަޤީދާގެ ހަރުދަނާކަމެވެ.

ކުރިންވެސް ދެންނެވި ފަދައިން މި ޅެމަކީ ދެލިގަނޑަށް އެކުލަވާލައްވާފައިވާ ޅެމެއް ނޫނެވެ. ތަމްސީލަކަށް އެކުލަވާލައްވާފައިވާ ޅެމެކެވެ. އެހެންކަމުން، ބަސްކޮށާރު ބޭނުންކުރެއްވުމުގައި ލަފުޒުތަކުގެ އަޑުތަކަށްވެސް ޅެންވެރިޔާ ވިސްނަވާފައިވެ އެވެ. އެގޮތުން އަމާންކަމާއި މަޑުމޮޅިކަން ދައްކުވައިދޭ ބައިތުތަކުގައި ލުއި އަޑުތަކެވެ. އޮމާން ކާފިޔާއެކެވެ.

ޅެމުގެ ފުރަތަމަ ބައިތުގެ ފިލިކޯޅިއާއި ކާފިޔާއަށް ބަލާލަމާތޯ އެވެ.

"އިލާހިއްޔަ ޤުދުރުތަކުގެ ކީރިތި އަސަރުގާ

ވިލާތައް އެތުރިލައިފި ނޫ ދިވެހި އުޑުގާ

ކިލާކަން މިޖައްވުން ފިލައިގެން މި ހިނދުގާ

ދިލާސާކަމޭ ވީ މި ލޮބުވެތި ވަޠަނުގާ"

އޮމާން ލުއި އަޑުތަކެކެވެ. ދެމޭ ފިލިތަކެކެވެ. ބަނޑުވައްއަކުރަކީ ލުއި އަކުރެކެވެ. ތަކުރާރުކުރެވޭ އަޑުތަކަކީ "ލ" އަދި "އައިބައިފިލީގެ" އޮމާން އަޑުތަކެވެ. މިއާ ޚިލާފަށް ފުރަތަމަ ފައްތަރަށް ބަލާލަމާތޯ އެވެ. އެ ފައްތަރުގައި ޅެންވެރިޔާ ސިފަކުރައްވަނީ، ހޮޅިންގެ ހަމަލާގެ ފެށުމެވެ.

"ހިޖުރައިން ހާހާ ސަތޭކަ ސަހައްޓި ވަނައަށް ވީ އަހަރު

ފަޖުރުލީ ހިނދު ތޭރަވަނައަށް ވީ ދުވަހު މަހުގައި ޞަފަރު

ތަޖުރިބާކުރަނީ މި އުއްމަތް ފިތުނަޔާ ބޭރުގެ މަކަރު

މުޖުރިމުން ހަނގުރާމަވެރި އޮޑިފަހަރުގައި ޖެހުމުން ބަނދަރު"

ކާފިޔާއަށް ބަލާލަމާތޯ އެވެ. އުބުފިއްޔެކެވެ. "ރ" އުބުފިއްޔަށް ނިމޭ ވަރުގަދަ، ބަރު ލަފުޒުތަކެކެވެ. ބަނޑުވައްއަކުރަކީ "ޖ" އެކެވެ. ފިލިކޯޅި އާއި ކާފިޔާގައި ދެމޭ ފިލީގެ ބަދަލުގައި ކުރު ފިލިތަކެވެ. ޙާލަތުގެ ނުރައްކާ އަންގައިދޭ ފަދަ އަވަސްކަމެއް ޅެމަށް ގެނުވަ އެވެ. ތަކުރާރުވާ އަޑުތަކަށް ބަލާލާއިރުވެސް ބަރު އަޑުތަކެވެ. "ޖ"، "ރ"، "ޓ"، "ދ" އަދި "ޑ" ފަދަ ވަރުގަދަ އަޑުތަކެވެ. ފުރަތަމަ ބައިތުގައި އެހެރަ އޮމާންކަމުގެ ޒައްރެއްގެ މިންވަރުވެސް މި ބައިތަކުން ނުފެނެ އެވެ. އެހެން ނަމަވެސް އެ ތަފާތު ވެގެންދަނީ މި ޅެން އިތުރަށް ފުރިހަމަކުރާ ތަފާތަކަށެވެ.

ކަންފަތައް، ތަމްސީލަކަށް، އެކުލަވާލައްވާފައިވާ މި ޅެމުގައި އާދަމް ނަޞީރު ދެން ބޭނުންކުރައްވާފައިވާ ޚާއްޞަ އުކުޅަކީ ދިވެހި އެހެން "ނެރެޓިވް" ނުވަތަ ވާހަކަ ޅެމެއްގައި އަދި ފެނިފައި ނުވާ ސިފައެކެވެ. އެއީ މަންޒަރު ބަދަލުވެގެން ދާއިރު ޙާލަތާ އެއްގޮތަކަށް ވަޒަނަށް އަންނަ ބަދަލުތަކެވެ. މުޅި ޅެމަށް ބަލާއިރު، އެންމެ ބައިތެއް އެކުލަވާލައްވާފައިވަނީ ރާގަކަށެވެ. ދެން ހުރި ހުރިހާ ބައިތެއްވެސް ޅެން ވަޒަނަށެވެ. ކޮންމެ މަންޒަރަކަށް ވަޒަން ބަދަލުވާގޮތަށް ބަލާއިރު، ފުރަތަމަ މަންޒަރާއި، ދެވަނަ މަންޒަރާއި، ތިންވަނަ މަންޒަރާއި، ދެވަނަ ފައްތަރާއި، ފަސްވަނަ މަންޒަރާއި، ތިންވަނަ ފައްތަރާއި ހަވަނަ މަންޒަރާއި ހަތްވަނަ މަންޒަރާއި އަށްވަނަ މަންޒަރު ފަސޭހަ ވަޒަނަށެވެ. ބާކީ ހުރި މަންޒަރުތަކާއި ފައްތަރުތައް ރޯޝަނީ ވަޒަނަށެވެ. މިގޮތަށް ވަޒަން ބަދަލުކުރެއްވުމުން، އެއް މަންޒަރު އަނެއް މަންޒަރާ ވަކިވެ، އެއް ޙާލަތުން އަނެއް ޙާލަތައް ބަދަލުވެގެންދިއުމުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. އަމާންކަމުން ނާމާންކަމަށް ބަދަލުވާއިރު އަދި ނާމާން ކަމުން އަމާންކަމަށް ބަދަލުވާއިރު، ވަޒަނަށް ބަދަލުއާދެ އެވެ. ވަޒަނަށް އަންނަ ބަދަލުން ޕްލޮޓަށް އަންނަ ބަދަލުތައް ފެނެ އެވެ.

ނެރެޓިވް ނުވަތަ ވާހަކަ ޅެމުގެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޅެމުގެ ޝަޚުޞިއްޔަތުތައް ތަރައްޤީކުރުމާއި، އެ ޝަޚްޞިއްޔަތުތަކުގެ ސިފަތައް ކިޔުންތެރިޔާއާ ހަމައަށް ޅެންބަހުރުވައިން ގެނެސްދިނުމެވެ. މި ޅެމުގައި އާދަމް ނަޞީރު، ދޮންބަންޑާރައިންގެ ޝަޚުޞިއްޔަތާއި، ޚާއްޞަކޮށް ތާރީޚީ ހަވާލާތައް ލުއި ފަސޭހަކަމާއެކު ހުށަހަޅުއްވާފައިވަނީ އެންމެ ހައެއްކަ ބައިތުގެ އެހީގައި، އެންމެ މަންޒަރަކުންނެވެ. ޅެމުގެ 6 ވަނަ މަންޒަރުގައި ޖިހާދަށް ވަޑައިގަތުމުގެ ކުރިން ދޮންބަންޑާރައިން އަނބިކަނބަލުންނަށް ވަދާޢުކުރައްވަމުން ދެ ބޭފުޅުންގެ މެދުގައި "ޑަޔަލޮގެއްގެ" ސިފައިގައި ޅެންބަހުން ބަދަލުކުރެވޭ ވާހަކަތަކެއްވެ އެވެ. އެ މަންޒަރު، މި ލިޔުމުގައި ނަކަލުކޮށްލާނަމެވެ.

(އ)

ތިޔަ ނިކުންނަވަނީ ނުލާހިކު ތޫނު، ވިހަ ކަނޑިތަކު ދަށަށް

މިއަދުވެސް މާފަށް އެދެން ވެވިފައި ކުށެއް ވާނަމަ ކުށަށް

ކިހިނަކުންތޯ އަޅުގަނޑާ، ނިދިފައި އެތިބަ ކުޑަކުޑަ ދެބެން

ރަޙުމުނެތް މި ޙަޔާތުގައި މާދަން ޖެހޭނީ ދިރިއުޅެން

(ފ)

ކޮންމެ ނަފުސެއްވެސް ޖެހޭނޭ މަރުގެ ރަހަ އިޙުސާސްކުރަން

ކޮންމެވެސް އެއް ވަގުތަކުން ދުނިޔޭގެ ދަންފަޅި ހަމަކުރަން

މި ހިނދު ކަމަނާޔާ މަގޭ މަޢުޞޫމު ތުއްތު ދެބެން ޙަވާލު!

މިހިނދު މިހިނދަށްވެސް މިހިތް ލޮބުވެތިކަމާ ކުލުނުން ފުރަން

(އ)

ލެއްވިކަން މައްޗަށް ތިބާ ފަދަ ދިވެހި ދަރިޔަކު މިބިމުގާ

އެންމެ ދީލަތިވަންތަ ﷲއަށް މިހާރު ޝުކުރުކުރަން

އެންމެ ރަނގަޅު ވަޑައިގަނޭ! ޤައުމާ މި މާތް ދީނަށްޓަކާ

އެންމެހާ އުފަލެއް ތިބާ ހެކިކޮށް މިތާ ޤުރުބާންކުރަން

(ފ)

ލޯފުޅުން ކަމަނާގެ ތިޔަ އޮހޮރޭ މުތީތައް ކަރުނައިން

ލޯދެކެން ބޭނުން ވިޔަސް ވަގުތެއް ދެނެއް ނެތް މަޑުކުރަން

ހިއްސުތައް ނުރުހޭނެ ދުވަހަކުވެސް މި ފަދަ ހޮޅި ބާރަކަށް

ފަސްގަނޑުން ދިވެހިންގެ، ކުޑަކުޑަ ވެލިފުކެއްވެސް ދޫކުރަން

މި ދެކުދިންނަށް އަންގަވާ!... ދިނާ، މި ޤައުމަށް، ބައްޕަހެން

ތެދުހިތުން، ތެދު ނިޔަތުގައި، ނަފުސާ ފުރާނަ، ވަޤުފުކުރަން"

ޅެންވެރިޔާ ދޮންބަންޑާރައިންގެ ޒިކުރާ އާކުރައްވާފައި މިވަނީ ހާދަ ފުރިހަމަކަމާއެކުގަ އެވެ. ޤައުމީ އަބުޠާލުންނަކީ އަޅުގަނޑުމެންނޭ އެއްފަދަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އިހުސާސްތައް ހުންނަ އިންސާނުންގެ ގޮތުގައި ސިފަކުރަން ދަތިވެ އެވެ. އެހެން ނަމަވެސް މި މަންޒަރުން އެކަނިވެސް، ދޮން ޙަސަން މަނިކުފާނަކީ ހަމައެކަނި ދިވެހިންގެ ދޮންބަންޑާރައިން ނޫންކަމާއި އެއީ ފިރިއެއް، ބަފައެއް، ދަރިއެއްކަން ޅެންވެރިޔާ ކިޔުންތެރިންނަށް ދައްކުވައިދެ އެވެ. ޤައުމީ ލޯތްބާއި މަސްއޫލިއްޔަތު އިސްކުރެއްވި ކަމުގައިވިޔަސް، އެމަނިކުފާނުގެ ވެސް ޒާތީ، ޢާއިލީ ޒިންމާތަކާއި، އިޝްޤީ ލޯބީގެ ބަނދެވުންތައްވެސް ހުރީސްކަން ކިޔުންތެރިންނަށް ހަނދާންކޮށްދެ އެވެ. ޤައުމު އަޅުވެތިކޮށްގެން ތިބި ބޭރުގެ ހަނގުރާމަވެރިންތަކަކާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ނިކުންނަވާއިރު، އެމަނިކުފާނުވެސް ގިނަ ފިކުރުތަކެއް ކުރައްވާނޭކަން ހަނދާނަށް އާދެ އެވެ.

ދޮންބަންޑާރައިން ޤައުމަށް ކުރެއްވި ޚިދުމަތުގެ އިތުރުން، އެމަނިކުފާނު ދިވެހި ތަޚުތައް ބެހެއްޓެވި ވަފާތެރިކަމުގެ ވާހަކައަކީ ދިވެހި ތާރީޚުގައި ރަންއަކުރުން ފެވިފައިވާ ރިވާޔަތެކެވެ. ހޮޅިންގެ ކިބައިން ދިވެހިން މިނިވަންކުރެއްވުމަށްފަހު ތަޚުތު ޤަބޫލުފުޅުނުކުރައްވައި، ކުރިން ވެރިކަމުގައި ހުންނެވި އައްޞުލްޠާން މުޙައްމަދު އިމާދުއްދީންގެ ދަރިކޮޅަށް އަލުން ވެރިކަން ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި، ދޮންބަންޑާރައިގެން ވެރިކަމަށް ފަހުވެސް، އައްޞުލްޠާން މުޙައްމަދު އިމާދުއްދީންގެ ދަރިކޮޅަށް ރަސްކަން ވާރުތަވާގޮތައް ނިންމެވި ނިންމެވުމަކީ މަޝްހޫރު ވާހަކައެކެވެ. އިސްވެދިޔަ މަންޒަރުގެ ފަހު ބައިތުގައި އެވާ "ތެދު ހިތުން، ތެދުނިޔަތުގައި، ނަފުސާ ފުރާނަ ވަޤުފް"ކުރެއްވުމަށް އެމަނިކުފާނުގެ ދަރީންނަށް އެކުރައްވާ ވަޞިއްޔަތުގެ ސަބަބުން، އެ މަނިކުފާނުގެ އިޚުލާސްތެރިކަން ހަނދާނަށް އާދެ އެވެ.

އެ ޑަޔަލޮގަކީ، ޙުއްބުލްވަޠަން އާއި އިޝްޤީ ލޯބީގެ އިހުސާސްތައްވެސް ކިޔުންތެރިޔާގެ ހިތުގައި ހިލުވާލާ ޑަޔަލޮގެކެވެ. ފިރިމީހާދެކެ ލޯބިވާ އަންބަކު، އޭނާގެ ފިރިމީހާ ހަނގުރާމައަށް ފޮނުވުމަށްޓަކައި އުފާތައް ޤުރުބާންކުރާ ވާހަކަ އެވެ. ފިރިއަކު އަނބިދަރިންގެ ކަރުނައަށް ފުރަގަސްދީ ޙުއްބުލްވަޠަން އިސްކޮށް، ޖިހާދަށް ނިކުންނަ ވާހަކަ އެވެ. ދިވެހި ފަސްގަނޑުގެ އެންމެ ވެލިފުކެއްވެސް ބޭރުގެ "ހޮޅި" ބާރަކަށް ދޭން ނޭދޭ މިންވަރަށް، ނަފުސާ ފުރާނަ އެ ޤައުމަށްޓަކައި ވަޤުފް ކުރަން ޖެހިލުން ނުވާ މިންވަރަށް ޤައުމުދެކެ ވާ ލޯބީގެ ވާހަކަ އެވެ.

2020 ވަނަ އަހަރު "އައްޑަނަ" މަޖައްލާއަށް ޚުދު ޅެންވެރިޔާ ލިޔުއްވާފައިވާ މަޒުމޫނެއްގައި ދޮންބަންޑާރައިންގެ އިޚުލާސްތެރިކަން ސިފަކުރައްވަމުން ލިޔުއްވާފައިވެއެވެ.

" އިޚްލާޞްތެރީންނަކީ ތިބޭ ބައެކެވެ. އިޙްސާންތެރީންނަކީ ދުނިޔެ ދެކެފައި ވާ ބައެކެވެ. ޤައުމުޤައުމަށް ހެޔޮ އެދޭ ފަހުލަވާނުންނަކީ، ޒަމާނުގެ ފުރޮޅުންތަކުގެ ތެރެއިން ހާމަވެ ފާޅުވެފައި ވާ، އަދި ފާޅުވަމުންދާނެ ބައެކެވެ. އަގުހުރި މަޢުދަންތަކުން ފުރިފައި ވާ ބިންބިމުންނާއި، ވެލައި ކަހަނބު ބިސްއަޅައި އުޅޭ ދޮންވެލި [ފުށިރަށްތަކުން] ވެސް މެއެވެ.

އައްސުލްނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އަކީ ދިވެހި ތާރީޚުގައި މި ފަދަ މަތިވެރި ޝަޚުޞިއްޔަތެކެވެ. އެ ރަދުން ތާރީޚަށް ދޫކުރައްވައިފައި ވަނީ އަޖައިބެއް ފަދަ ރީތި ނަމޫނާއެވެ. ޢިބްރަތުގެ ރަން މުތްތަކެކެވެ. ކޮންކަމެއްގައި ތޯއެވެ؟ އަޅުގަނޑުމެންނަށް މިއަދު އެންމެ އުނދަގޫ ވާ ކަންތަކުގައެވެ. އަމިއްލަ މަޞްލަޙަތުގެ މައްޗަށް ދީނާއި ޤައުމާއި ރައްޔިތުންގެ ޙައްޤުތައް އިސްކުރުމުގައެވެ. ދުނިޔެއަށް ވުރެ އާޚިރަތް މުހިންމުވުމުގައެވެ."

"ދޮންބަންޑާރައިންގެ ޖިހާދު" މި މަސައްކަތަކީ "ދިޔޯގެ ރައިވަރު" ފަދަ އެޕިކް ޅެމަކަށް ނުވާނަމަވެސް، އެޕިކް ޅެމުގެ ސިފަތައްކަމުގައިވާ ހަނގުރާމައާއި، ލޯތްބާއި، ޤުރުބާނީ ފެންނަ ރީތި ޅެމެކެވެ. މިޒަމާނުގެ އާބާދީއަށް ފަހުމު ވާނެ ފަދަ ބަސްއޮޅުވުމެއް ނެތް ސާދާ ޅެންވެރިކަމެކެވެ. ޒަމާނާއި ޙާލަތައް މުނާސަބު ބަސްކޮށާރެކެވެ. އަދި މިއުޒަކަލް ތަމްސީލުގެ ލެނބުންތަކާ މުނާސަބު ގޮތަކަށް ޅެންވެރިކަމުގެ ހަތިޔާރުތައް ބޭނުންކުރައްވާފައިވާ މޮޅު، ތަފާތު މަސައްކަތެކެވެ. ދިވެހި ޅެންވެރިކަމުގެ މުސްތަޤުބަލަށް އަލިކޮށްދޭ ދަންމަރެކެވެ.