Advertisement

ޔުއެފާ އެވޯޑަށް ވާދަކުރަނީ ކާންޓޭ، ޖޯޖީނިއޯ އަދި ޑިބްރޭނާ

20 އޮގަސްޓު 2021 - 08:05 0


ޔުއެފާ އެވޯޑަށް ވާދަކުރަނީ ކާންޓޭ، ޖޯޖީނިއޯ އަދި ޑިބްރޭނާ

20 އޮގަސްޓު 2021 - 08:05 0

ޒިއުރިކް (އޮގަސްޓް 20) - މި ފަހަރުގެ ޔުއެފާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ލިސްޓުގެ ގަދަ ތިނެއްގައި ޗެލްސީގެ އެންގޯލޯ ކާންޓާ އާއި ޖޯޖީނިއޯ އަދި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ހިމެނިއްޖެ އެވެ.

މިދިޔަ މެއި މަހު މެންޗެސްޓާ ސިޓީ 1-0 ބަލިކޮށް ޗެލްސީން ވަނީ އެ ކްލަބްގެ ތާރީހުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. ޗެލްސީން ޗެމްޕިއަންސް ލީގުގައި ހޯދި ކާމިޔާބީ އިތުރަށް ފުރިހަމަވީ ދާދި ފަހުން ވިޔަރެއާލް ބަލިކޮށް ޔުއެފާ ސުޕަ ކަޕް ކާމިޔާބު ވުމުންނެވެ. މި ދެ ކާމިޔާބީގައި ވެސް ކާންޓޭ އާއި ޖޯޖީނިއޯގެ ދައުރު ބޮޑެވެ. ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ލެގާއި ފައިނަލްގެ މޮޅު ކުޅުންތެރިޔަކީ ކާންޓޭ އެވެ. އޭނާއާ އެކު ޗެލްސީ މެދުތެރެ ހިފެހެއްޓުމުގައި ޖޯޖީނިއޯ ވެސް ތަފާތު ދެއްކި އެވެ. މި ފަަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް މި ދެ ކުޅުންތެރިން ވާދަކުރާނެ ކަމަށް ބެލެވެ އެވެ. އެ ވޯޑަށް ވާދަކުރާއިރު ކާމިޔާބީ އަށް ބަލާނަމަ ޖޯޖީނިއޯ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އޭނާ އަކީ އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި މޮޅަށް ކުޅުނު ކުޅުންތެރި އަކަށްވުމެވެ.

ބެލްޖިއަމް އަށް އުފަން ޑި ބްރޭނާ އަކީ މިދިޔަ އަހަރު ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގެ ކްރެޑިޓް އެންމެ ބޮޑަށް ހައްގުވާ އެއް ކުޅުންތެރިޔާ އެވެ. މުހިއްމު ވަގުތުގައި ގޯލު ޖަހައި އެހެން ކުޅުންތެރިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

މި ތިން ކުޅުންތެރިންނަށް ފަހު ދެން ޔުއެފާ އެވޯޑްގެ ގަދަ 10 ގައި ހިމެނެނީ ހަތަރެއްގައި ލިއޮނަލް މެސީ، ފަހެއްގައި ރޮބަޓް ލެވަންޑޯސްކީ، ހައެއްގައި ޖިއަންލުއީޖީ ޑޮންނަރުންމާ، ހަތެއްގައި ކީލިއަން އެމްބާޕޭ، އަށެއްގައި ރަހީމް ސްޓާލިން، ނުވައެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ދިހަ ވަނައިގައި އާލިން ބްރައުޓް ހާލަންޑް އެވެ.

ޔުއެފާ އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ޗެލްސީގެ ތޯމަސް ޓުޗެލް، ސިޓީގެ ޕެޕް ގާޑިއޯލާ އަދި އިޓަލީ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ އެވެ.