Advertisement

އަސްލު ޔޯގަޓް ދެނެގަންނާނީ ކިހިނެއް؟

20 އޮގަސްޓު 2021 - 05:54 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


އަސްލު ޔޯގަޓް ދެނެގަންނާނީ ކިހިނެއް؟

20 އޮގަސްޓު 2021 - 05:54 0

ވިސްނާލަ ބަލާށެވެ. އުމުރުގެ ދެބައިކުޅަ އެއްބައި މި ހޭދަކުރެވުނީ ބޮޑު އޮޅުވާލުމެއްގެ ތެރޭގަ އެވެ.

މާ ބޮޑަށް މީހާ ފަލަވެ ދުވަހަކު ނުވާވަރަށް ބަރުދަން އިތުރުވުމުން، ކުރަން ހުރި ހުރިހާ ކަމެއް މަޑުޖައްސާލަފައި ނިންމީ އަމިއްލަ ހަށިގަނޑާއި އަދި މުސްތަގުބަލަށް ވިސްނައި ކުޑަކޮށް ހިކިލުމަށެވެ. އެންމެ ރަނގަަޅަށް މިކަން ކުރެވެން އޮތް ގޮތަކީ ޑައިޓީޝަނެއްގެ އެހީތެރިކަން ހޯދައިގެން ކަމުގައިވާތީ ލަސްނުކޮށް ހޯދީ ޑައިޓީޝަނެއްގެ އެޕޮއިންޓްމަންޓެކެވެ. ގާތްގަނޑަކަށް ސާޅީހަކަށް މިނިޓުވީ ފުރަތަމަ ސެޝަން އިން ކުޑަވަރެއްގެ ފޮތެއް ލިޔެވޭހާ ގިނަ މައުލޫމާތު ލިބިގެން ހިނގައްޖެ އެވެ. އަދި އެންމެ މުހިންމުކަމަކަށް އެނގުނު އެއް ކަމަކީ އުމުރު ދުވަހު 'ޔޯގަޓް' ކަމަށް ހީކޮށް މިކެވެނީ މުޅީން އެހެން އެއްޗެއް ކަމެވެ. ވީދެރަ ކިތަންމެ ބޮޑަސް، އަލުން އަނބުރައި އެ ހުރިހާ އެއްޗެއް ނުނެގޭނެތާއެވެ.

އަސްލު ޔޯގަޓަކީ ކޮބާ؟

ޔޯގަޓް އުފައްދަނީ ކިރު ބޭނުންކޮށްގެން ވަކި ހާއްސަ ގޮތަކަށް ބެކްޓީރިއަލް ފާމެންޓޭޝަން ކިޔާ ޕްރޮސެސްއަކުންނެވެ. އަދި ޔޯގަޓްގައި މި ބުނާ ބެކްޓީރިއާތައް އަބަދުވެސް ހުންނާނީ 'އެކްޓިވް' ކޮށެވެ. މިއީ ވަރަށް ގަދީމީ ޒަމާނުއްސުރެ ކެއުމުގައި ބޭނުންކުރެވެމުން އައި އެއްޗެކެވެ.

ޔޯޯގަޓް ދެނެގަންނާނީ ކިހިނެއް؟

ރާއްޖޭގެ ލައިސަންސްޑް ޑައިޓީޝަންއެއް ކަމުގައިވާ އިއާޝާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މިކަމާއި ބެހޭ ގޮތުން ވަރަށް ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. މިގޮތުން ކާންދޭ އުމުރުގެ ތުއްތު ކުދިންގެ ކެއުމާ ބެހޭގޮތުން އެންމެ އާންމުކޮށް ކުރެވޭ އެއް ސުވާލަކީ މިއީ ކަމުގައި ވިދާޅުވެ، ގިނަ ބަޔަކަށް އަރާފައިވާ އޮޅުން އޭނާ ވަނީ ސާފުކޮށްދެއްވާފަ އެވެ.

ޔޯގަޓް ތަށްޓެއް ގަންނަން ބަލާއިރު، ބަލަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ފިހާރަތަކުގައި ޔޯގަޓް ބެހެއްޓިފައިވާ ތަން ކަމުގައި އިއާޝާ ވިދާޅުވިއެވެ. މިގޮތުން ފްރިޖުގައި ބެހެއްޓިފައިވާނަމަ އެއީ ޔޯގަޓް ކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ފްރިޖުން ބޭރުގައި ނުވަތަ އާންމު އެހެން ކާބޯތަކެތި ހުންނަ ފަދަ ރެކެއްގައި ޕެކެޓްކޮށް ބެހެއްޓިފައިވާނަމަ 'ޔޯގަޓް'ގެ ނަން ދެވުނަސް އެއީ ޔޯގަޓް ނޫން ކަމަށް އިއާޝާ ވިދާޅުވެ އެވެ.

އަސްލު ޔޯގަޓް ނަމަ އަބަދުވެސް ފިނިކޮށް ބެހެއްޓުން ވަރަށް މުހިންމެވެ. އެނޫންނަމަ އޭގައި އެކުލެވޭ ބެކްޓީރިއާތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ނިކަން އަވަހަށް މަގުފަހިވާނެ އެވެ.

ދެވަނަ ކަމަކަށް ޔޯގަޓް ޕެކިން ބޭރުގައި ކޮންމެހެންވެސް 'ލައިވް ލެކްޓިކް ކަލްޗާސް' ނުވަތަ ލައިވް ޔޯގަޓް ކަލްޗާސް' މިހެން ލިޔެވިފައި އޮންނަން ޖެހޭނެއެވެ. ނޫންނަމަ ޔޯގަޓް ކަމަށް ހީކޮށް އެ ތަށި ނުވަތަ ޕެކެޓް ގަތުމަށް ހިޔާލުވެސް ކުރާނެ ކަމެއް ނެތެވެ.

ދެން އޮތް ސުވާލަކީ އެކި ފްލޭވާތަކުގައި މިހުންނަނީ ހަމަ ޔޯގަޓްތޯއާއި އަދި އަސްލު ޔޯގަޓްގައި ހަކުރު ހިމެނޭނެ ބާވައެވެ. ޑައިޓީޝަން އިއާޝާ ގެ ޕޯސްޓްގައިވާ ގޮތުން މި ދެ ޝަރުތު އަސްލު ޔޯގަޓްގައި ހިމެނިދާނެ އެވެ. ނަމަވެސް މިފަދަ ޔޯގަޓަކީ އެންމެ ތުއްތު ކުދިންނަށް ދިނުން އެކަށީގެންވާ ޔޯގަޓެއް ނޫނެވެ.

އެހެންކަމުން ދެން ފަހަރަކުން ޔޯގަޓް ގަންނަން ގޮސް މިބުނި ކަންތައްތައް ފުރިހަމަވޭތޯ ބަލައިލާށެވެ.