Advertisement

ޔަމަނުގެ އަލް ގައިދާ އިން ތާލިބާނުންނަށް މަރުހަބާ ކިޔައިފި

20 އޮގަސްޓު 2021 - 05:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގެ ތާލިބާނުން ވެރިރަށް ކާބުލްގެ މަގުމަތީގައި. ތާލިބާނުން ވެރިކަމަށް އައީ މިދިޔަ އާދީއްތަ ދުވަހު.-- ފޮޓޯ: ނިއު ޔޯކް ޓައިމްސް


ޔަމަނުގެ އަލް ގައިދާ އިން ތާލިބާނުންނަށް މަރުހަބާ ކިޔައިފި

20 އޮގަސްޓު 2021 - 05:09 0

ޑުބާއީ، ޔޫއޭއީ (އޯގަސްޓު 19) - ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމުން އަލް ގައިދާގެ ޔަމަނު ބްރާންޗުން މަރުހަބާ ކިޔައިފި އެވެ.

އަލް ގައިދާ އިން ދަ އަރަބިއަން ޕެނިންސުލާ (އޭކިއުއޭޕީ) އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "މި ލިބުނު ނަސްރާއި ބާރުން ހާމަވަނީ ޖިހާދާއި ހަނގުރާމަ ރަމްޒުކޮށްދެނީ އިސްލާމީ ޝަރީއަތް،" ކަމަށާއި "ބިމަށް ވެރިވެގަނެގެން އުޅޭ މީހުން ފައްސާލުމަށް އޮތް ހައްގު މަގަކީ މިއީ" ކަމަށެވެ.

"ޑިމޮކްރަސީގެ ކުޅިވަރަކީ ހިޔާނާތްތެރި މަންޒަރެއް، ވަގުތީ ހިޔަންޏެއް އަދި ސުމަކުން ފަށައިގެން ސުމަކުން ނިމޭ ވިހަ ވައްބުރެއް،" ޓެރަރިސްޓް ޖަމިއްޔާތަކުގެ ހަރަކާތް މޮނިޓާ ކުރާ ސައިޓް އިންޓެލިޖެންސް ގްރޫޕަށް ލިބިފައިވާ އެ ބަޔާނުގައި ވެ އެވެ.

ތާލިބާނުން 1996 އިން 2001 އަށް އަފްގާނިސްތާނުގައި ވެރިކަން ކުރިއިރު، އަލް ގައިދާގެ އޭރުގެ ލީޑަރު އުސާމާ ބިން ލާދިން ދިރިއުޅުނީ އަފްގާނިސްތާނުގަ އެވެ.

އެމެރިކާ އާއި ގިނަ ގައުމުތަކަކުން ދެކޭ ގޮތުގައި އޭކިއުއޭޕީ އަކީ އަލް ގައިދާގެ ބައިނަލްއަގްވާމީ ނެޓްވޯކްގެ އެންމެ ނުރައްކާތެރި ބްރާންޗެވެ. އެމެރިކާ އިން ވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް ފަހު ޔަމަނުގެ އަލް ގައިދާ ހަނގުރާމަވެރިންނަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދީފަ އެވެ.

ޔަމަނުގެ ބައިދާ އާއި ޝަބްވާގައި ތިބި އޭކިއުއޭޕީ ހަނގުރާމަވެރިން މިދިޔަ އާދީއްތަ ދުވަހު ވަނީ ތާލިބާނުންނަށް ކުރި ލިބުމުން އުފާ ފާޅުކޮށްފަ އެވެ. އެ ތަންތަނުގެ އާއްމުން އޭއެފްޕީ އަށް ބުނީ ހަނގުރާމަވެރިން އުފާ ފާޅުކުރުމަށް ހަވާ އަރުވައި، ވައިގެ ތެރެއަށް ބަޑި ޖެހި ކަމަށެވެ.

ސުންނީ މުސްލިމުން ހިމެނޭ ހަރުކަށި ފިކުރުގެ އެ ގްރޫޕުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ބޭނުން އަމިއްލަ ފައިދާ އަށް ހިފަމުންނެވެ.

ޔަމަނުގައި ހަނގުރާމަ ކުރަނީ ބައިނަލްއަގްވާމީ މުޖުތަމައިން ބަލައިގަންނަ ސައުދީ އަރަބިއްޔާގެ ތާއީދު އޮތް ސަރުކާރާއި ޝިއައީ އިރާނުގެ ތާއީދު އޮތް ހޫތީންނާ ދެމެދު އެވެ.

ޔަމަނުގެ އަލް ގައިދާ ނުވަތަ އޭކިއުއޭޕީ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ދިވެހިރާއްޖެ އިން ވެސް ވަނީ ކަނޑައަޅާފަ އެވެ.