Advertisement

ސިޔާސީ މަގާމްތަކުގެ ގާތްގަނޑަކަށް 95 ޕަސެންޓް ހިއްސާކުރަނީ އެމްޑީޕީ: ރައީސް

19 އޮގަސްޓު 2021 - 13:35 3

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ސަރުކާރުގައި އެމްޑީޕީގެ ހިއްސާ ބޮޑު ކަމަށް ވިދާޅުވި.


ސިޔާސީ މަގާމްތަކުގެ ގާތްގަނޑަކަށް 95 ޕަސެންޓް ހިއްސާކުރަނީ އެމްޑީޕީ: ރައީސް

19 އޮގަސްޓު 2021 - 13:35 3

ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަނަކުން މިވެރިކަން އުފައްދާފައި އޮތަސް ސިޔާސީ މަގާމްތަކުގެ ގާތްގަނޑަކަށް 95 ޕަސެންޓް ހިއްސާކުރަނީ އެމްޑީޕީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގެ ތެރޭގަ އެވެ.

ރައީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާ އެ ވާހަކަ ރައީސް ހިއްސާކުރެއްވީ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޕާޓީއާ ގުޅޭ ބައެއް ކަންކަން ވިދާޅުވެދެއްވުމުގެ ތެރޭގައި ކަމަށެވެ.

ސަރުކާރު އެކުލަވާލީ އެކި ޕާޓީތައް ހިއްސާވާ މިންވަރެއް ކަނޑައަޅައިގެން ވިޔަސް އެމްޑީޕީގެ މެމްބަރުންނަށް ސިޔާސީ މަގާމްތަކުގައި ގިނަ ފުރުސަތުތަކެއް ދީފައި އޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ. މިގޮތަށް މިކަން އޮތްކަން ގަބޫލުކުރަން ދައްޗަސް އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުން ސަރުކާރުގައި ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ތ. އަތޮޅުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ގެންދަވަނީ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އޮތަސް ޕާޓީ ހަލާކުވާން ދޫކޮށްނުލައްވާނެ ކަަމަށް ވިދާޅުވަމުންނެވެ.

ޕާޓީގެ ކުރިއެރުމަށް ހަރަކާތްތައް އިތުރުކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށާއި ޕާޓީ އޮފީސް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.

މި ވެރިކަން އުފެއްދި ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމް އެވެ.

ރައީސް ސޯލިހް އެމަނިކުފާނުގެ ކެބިނެޓާއި އެހެން މަގާމްތައް ވެސް އެކުލަވާލެއްވީ ކޯލިޝަން ޕާޓީތަކާ އެކު އެއްބަސްވެވުނު ގޮތަށެވެ. އެއީ ކެބިނެޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ނޫން ވެސް ސިޔާސީ މަގާމްތަކަށް ޕާޓީތަކުން އައްޔަންކުރަން ފޮނުވާ މީހުން ހިމެނޭ ގޮތުންނެވެ.

ކެބިނެޓާއި ސިޔާސީ މަގާމްތަކަށް އެއްބަސްވީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އެމްއާރްއެމް އަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.

އެކަމަކު ވަޒީރުން އެކި ސަަބަބުތަކާ ހުރެ ވަކިކުރަން ޖެހުމާއި އިސްތިއުފާ ދެއްވުން ފަދަ ސަބަބުތަކާ ހެދި މި ޕަސެންޓޭޖަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ކޯލިޝަނުގެ ވަޒީރުން އިސްތިއުފާ ދެއްވި އަދި ވަކިކުރެއްވި ގިނަ މަގާމްތަކަށް ވެސް ރައީސް އައްޔަންކުރެއްވީ އެމްޑީޕީގެ ވަޒީރުންނެވެ.

ކެބިނެޓަށް އެންމެ ފަހުން ބަދަލު ގެންނަވާފައި ވަނީ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ބައެއް ވުޒާރާތަކުން އެކަށީގެންވާ މަސައްކަތްތައް ނުކުރާތީ އެވެ. އެކި ވުޒާރާތައް ހިންގުމުގައި، ސިޔާސީ މަގާމްތަކަށް ކޯލިޝަން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލަ ރައީސް ވެސް ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކޯލިޝަން ލީޑަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. މިކަމުގެ ސަބަބުން ސިޔާސަތުތަކާއި މަސައްކަތްތައް ތަންފީޒުކުރަން ހުރަސްތައް މެދުވެރިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ގިނައީ އެމްޑީޕީގެ މެމްބަރުން ކަމަށް ރައީސް މި ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އެއްބަސްވީ ހައްގު މިންވަރު ޕާޓީތަކަށް ނުލިބޭ ކަމުގެ ޝަކުވާ ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން އެމްއާރުއެމްގެ އިސް ބޭފުޅުން ވެސް ކުރައްވަނިކޮށެވެ. އެއާއެކު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ އެ ޕާޓީގެ މެމްބަރުންނަށް ވުރެން ކޯލިޝަން ޕާޓީތަކަށް ރައީސް އިސްކަން ދެއްވާ ކަމަށް ވިދާޅުވަމުންނެވެ.