Advertisement

އޭސީސީން ފުރަތަމަ ތިން މަހު ޕީޖީއަށް ފޮނުވީ ތިން މައްސަލަ!

19 އޮގަސްޓު 2021 - 10:55 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މަޖިލީހުގެ ކޮމިޓީއެއްގައި އޭސީސީގެ މެމްބަރުން: ކޮމިޝަނުން މި އަހަރުގެ ފުރަތަމަ ތިން މަހު ފޮނުވި މައްސަލަތަކުގެ ތަފްސީލް ވަނީ އާއްމުކޮށްފައި.


އޭސީސީން ފުރަތަމަ ތިން މަހު ޕީޖީއަށް ފޮނުވީ ތިން މައްސަލަ!

19 އޮގަސްޓު 2021 - 10:55 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ ތިން މައްސަލަ އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީން މާޗަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތަފްސީލް އާއްމުކޮށްފަ އެވެ.

ޕީޖީ އަށް ފޮނުވި ތިން މައްސަލައިގެ ތެރޭގައި "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

މީގެ އިތުރުން ފޮނުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ހެވީ ވެހިކަލް ހޯދުމަށް ބަޔަކާ ހަވާލުކޮށްފައި އިއުލާން ކުރި މައްސަލައިގެ އިތުރުން އެސްޓީއިން މުއްދަތު ހަމަވެފައިވާ ބޭހެއް 2016 ގައި އެތެރެކުރުމަށް ފަހު، އެ ކުންފުނިން އޭގެ އިތުރު ބެޗެއް 2018 ގައި އޯޑަރުކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެވެ.

މިއީ ފުރަތަމަ ތިން މަހު ދައުވާކުރަން ފޮނުވުނު އަދަދަށް ވި ނަމަވެސް ގިނަ މައްސަލަތަކެއްގެ ތަހުގީގު ހިނގަމުން އަންނަ ކަމަށް އޭސީސީން ބުނެ އެވެ.

ތަހުގީގުތަކުގެ ތެރެއިން މިދިޔަ އަހަރު ދައުވާކުރަން ފޮނުވޭނެ ކަަމަށް އެ ކޮމިޝަނުން ބުނެފައި ވަނީ 35 މައްސަލަ އެވެ.

އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ، ކުރީގެ ސަރުކާރުގައި އޭސީސީއަށް ނުފޫޒު ވަދެ، މައްސަލަތައް ނުބެލި އިތުބާރު ގެއްލިފައި އޮއްވަ އެވެ. ނުބެލި ފުނިޖެހިފައި ހުރި މައްސަލަތައް ބަލައި ދައުލަތަށް ބިލިއަނުން ގެއްލުނު ފައިސާ ހޯދުމުގައި އޭސީސީން ނަތީޖާ ނެރެދޭނެ ކަމަށް ކޮމިޝަނާ މެދު އުއްމީދުތަކެއް ވެސް ކުރި އެވެ.

އެކަމަކު ކޮމިޝަނަށް އަހަރެއް ނުވަނީސް މަސައްކަތް ލަސްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެކި ފަހަރު ޝަކުވާކޮށް، މައްސަލަތައް އަވަސް ކުރަން އެދިފައިވެ އެވެ. މައްސަލަތައް ލަސްވާ އެއް ސަބަބަކީ ހުށަހަޅާ އަދަދާ އެއްވަރަށް ވަސީލަތްތައް ނެތުމުގެ ދަތިކަން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އޭސީސީއާ މެދު މެމްބަރުން ފާޅުކުރި ކަންބޮޑުވުންތަކަށް ރައްޔިތުންގެ މަޖިލީހުގައި، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މެމްބަރުން މަގާމާ ހަވާލުވެވަޑައިގަތްއިރު 800 އަށް ވުރެ ގިނަ މައްސަލަ އޮތް ކަމަށާއި އިންވެސްޓިގޭޓަރުން އަންނަނީ ތަހުގީގުތަކުގައި ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ. މި 800 މައްސަލައިގެ ތެރެއަށް ކޮންމެ މަހަކު ވެސް އެތައް މައްސަލައެއް އިތުރަށް ހުށަހަޅާކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެތެރެއިން ހުރިހާ މައްސަލަތަކަކީ ދައުވާކުރެވޭ ވަރަށް ހެކި ހުންނަ މައްސަލަތައް ނޫން ކަމަށާއި ނުވަތަ ކޮރަޕްޝަން އެކުލެވިގެންވާ މައްސަލަތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.