Advertisement

400 މީޓަރު ދުވުން: ހިމްނާގެ ރެކޯޑް އާކުރުމުގެ ސިލްސިލާ ކުރިއަށް

18 އޮގަސްޓު 2021 - 21:03 0

ހިމްނާ ދުވުމެއްގެ ކުރިން ދުއާ ކުރަނީ.-- ފޮޓޯ: ވޯލްޑް އެތުލެޓިކްސް


400 މީޓަރު ދުވުން: ހިމްނާގެ ރެކޯޑް އާކުރުމުގެ ސިލްސިލާ ކުރިއަށް

18 އޮގަސްޓު 2021 - 21:03 0

އުއްމީދީ އެތުލީޓު އައިޝަތު ހިމްނާ ހަސަން، ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް އަނެއްކާ ވެސް އާކޮށްފި އެވެ.

މީގެ ކުރިން ވެސް 400 މީޓަރުގެ ރެކޯޑް އާ ކޮށްފައިވާ ހިމްނާ، 18، މި ފަހަރު އަނެއްކާ ވެސް އެ ރެކޯޑް އާ ކުރީ ކެންޔާގެ ނައިރޯބީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގަ އެވެ. މި ފަހަރު ރެކޯޑް އާކުރިއިރު ހިމްނާގެ ޓައިިމިން އަކީ 58.90 ސިކުންތެވެ.

މީގެ ކުރިން ހިމްނާ ވަނީ 400 މީޓަރުގެ ދުވުމުގެ ރެކޯޑް 2018 އާއި 2019 ވަނަ އަހަރު އާ ކޮށްފަ އެވެ. މިއަދު އެ ދެ ދުވަހުގެ ޓައިމިން އަށް ވުރެ އަވަހަށް ނިންމައިގެން ކެރިއަރުގައި އިތުރު ފިޔަވަޅެއް ކުރިއަށް އެޅީ އެވެ. ހަތަރު ސަތޭކަ މީޓަރުގެ ޖޫނިއާ އަދި ޔޫތު ރެކޯޑް ހޯލްޑަރަކީ ވެސް ހިމްނާ އެވެ.

ހިމްނާ ވާދަކޮށްފައިވާ ބައިނަލް އަގުވާމީ މުބާރާތްތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް، ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް، އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގެ އިތުރުން 2019 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް ހިމެނެ އެވެ. އަދި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްގައި ވެސް ދުވި އެވެ.

ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑް ވެސް ހޯދާފައިވާ ހިމްނާ ވަނީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގެ އިވެންޓުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ދެކުނު އޭޝިއާގެ ބޮޑު ގޭމްސްއެއްގެ އިވެންޓެއްގެ ފައިނަލުން ހިމްނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ފައިނަލުގައި ހަތް ވަނަ އަށް ދިޔަ ނަމަވެސް އެ ގޭމްސްގެ ތަޖުރިބާ އަކީ ހިމްނާގެ ކެރިއަރުގައި ކުރިއަށްދާން ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށް އޭރު އޭނާ ފާހަގަކޮށްފައިވެ އެވެ.

ހިމްނާ ވަނީ 2019 ވަނަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.