Advertisement

އަކްރަމް އާއި މަހްލޫފް ވިދާޅުވަނީ އެމްޑީޕީގެ ނިންމުން "ހުދުމުހުތާރު" ކަމަށް!

17 އޮގަސްޓު 2021 - 12:24 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މަހްލޫފާއި އަކްރަމް: އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ދެ ބޭފުޅުންނަށް ވަނީ ފުރުސަތު ގެއްލިފައި.


އަކްރަމް އާއި މަހްލޫފް ވިދާޅުވަނީ އެމްޑީޕީގެ ނިންމުން "ހުދުމުހުތާރު" ކަމަށް!

17 އޮގަސްޓު 2021 - 12:24 1

ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ނުދިނުމަކީ "ހުދުމުހުތާރު" ނިންމުމެއް ކަމަށް ސިފަކުރައްވައިފި އެވެ.

މަހްލޫފް އާއި އަކްރަމް "އަދަދު"އަށް މިއަދު ވިދާޅުވީ ޑިމޮކްރަސީ ކުރިއަރުވާ ޕާޓީގެ ނިންމުން ޑިމޮކްރަސީގެ ރޫހާ ހިލާފު ކަމަށެވެ. އެ ނިންމުން ބަލައިނުގަންނަ ކަމުގެ ޝަކުވާ ޕާޓީއަށް ހުށަހަޅުއްވާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މިދިޔަ އެޕްރީލް 24 ގައި ހުޅުވާލުމުން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ރޭ އާންމުކުރީ މަހްލޫފާއި އަކްރަމްގެ ނަން އުނިކޮށްފަ އެވެ.

މަހްލޫފް ވާދަކުރައްވަން ހުށަހެޅުއްވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ. އަކްރަމް ވާދަކުރައްވަން ނިންމެވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއާ ވާދަކުރައްވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

މަހްލޫފާއި އަކްރަމްގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކުރިއިރު، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އަކްރަމް ވިދާޅުވީ އެމްޑީޕީން ފާސްކޮށްފައިވާ ގަރާރުގައިވާ ވާހަކަތަކާއި، އޭނާ އަށް ވާދަނުކުރެވޭނެ ކަމަށް ނިންމައި ފޮނުވި ސިޓީގައި ހިމަނާފައިވާ ވާހަކަތަކާ ދިމާ ވެސް ނުވާ ކަމަށެވެ. އޭސީސީން ވެސް އޭނާގެ މައްސަލައެއް ނެތް ކަަމަށް ނިންމާފައިވާ އިރު މަޖިލީހުން އާންމުކުރި ރިޕޯޓުން ވެސް އޭނާގެ މައްސަލައެއް ނެތް ކަން ސާފުވާ ކަމަށް ވިދާޅުވި އެވެ.

ތަހުގީގީ އިދާރާތަކުން ހޯދައި މަޖިލީހުން އާއްމުކުރި ލިސްޓުގައި އަކްރަމްގެ ނަން އޮތްއިރު، އޭގައި ބުނެފައި ވަނީ ޖިނާއީ މައްސަލަ ހިންގޭ ވަރަށް ހެކި ނެތުމުން، މަދަނީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އިންތިހާބުގައި ވާދަނުކުރެވޭނެ ކަަމަށް ނިންމައި އަކްރަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ، ކަމާގުޅުން ހުރި މުއައްސަސާތަކުން ހޯދި މައުލޫމާތުގައި، އަކްރަމްގެ މައްސަލައެއް އޭސީސީން ބަލާ ކަމަށް އަންގާފައިވާތީ ކަމަށް ވެސް ސިޓީގައި އޮތެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެސެޓް ރިކަވަރީން މައްސަލަ ނުބަލަނީ އޭނާ ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅިގެން ޖިނާއީ ކަމެއް ނެތް ކަން ސާފުވާތީ އެވެ. މަދަނީ ދައުވާއެއް އެކަމުގައި ކުރިއަށް ގެންދަން އޮތަސް އެކަން ކުރެވޭނެ ކަމަަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އަކްރަމް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ އެ ނިންމުމަކީ މާލެ ދާއިރާ ރައީސްކަން ޝިފާއަށް ތަބަބަކަށް ލާފައި ދިނުމެވެ.

"ހަމަ ޓާގެޓްކޮށްގެން ގަރާރު ފާސްކޮށްފައި އޮތީ ޝިފާ ހޮވަންވެގެން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީއަށް މައްސަލަ ހުށަހެޅުމަށް ފަހު ގާނޫނީ ގޮތުން ވެސް މި މައްސަލައިގައި ކުރަން ޖެހޭ ހުރިހާ ކަމެއް އޭނާ ކުރައްވާނެ އެވެ.

"އަޅުގަނޑު ދޫކޮށްލާ ގޮތަށް ނޫން މިހިރީ،" އަކްރަމް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމާއި މަޖިލިސް މެމްބަރު ކަމުގެ އިތުރަށް ކައުންސިލް އިންތިހާބަށް ވެސް އޭނާގެ ޝަރުތު ހަމަވެ އެވެ. އެއާއެކު ވަޒީރެއްގެ ހައިސިއްޔަތުން ޕާޓީގެ ގައުމީ މަޖިލީހުގައި އިންނެވޭ އިރު، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވުން ހަމައެއް ނުޖެހޭ ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިހާބުން ފުރުސަތު ގެއްލިގެން ނުވާނެ އެވެ. އެ ހައްގު ހޯދަން މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީން އަބަދު ވަކާލާތު ކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާ ދިމާ އިދިކޮޅު އަަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް. އެމްޑީޕީގެ ރައީސް ނައިބު ރައީސް، ޗެއާޕާސަން އަދި ޕްރައިމަރީތަކަށް ވެސް ޝަރުތު ހަމަވޭ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފަށް ވާދަނުކުރެއްވޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާ އިރު އޭނާގެ މައްޗަށް ދައުވާ އުފުލައިދޭން އެދުމުން ވަޒީރު ކަމުން ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަތުއަޑުކިޔާފައި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ އެމްއެމްޕީއާރުސީއާ ގުޅޭ ވެސް ކަމެއް ނޫނެވެ. ސިޔާސީ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މި ބޭފުޅުންނަށްޓަކައި އެތައް ގުރުބާނީއެއްވެދީ އަދި މިހާރު ވެސް ސަރުކާރުގައި ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާ އިރު، ވެގެން މިއުޅޭ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" މަހްލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރުގައިވާ ފަދަ ތުހުމަތެއް ކުރެވޭކަން ޕާޓީއަށް ނޭނގި ވަނިކޮށް، ގައުމީ މަޖިލީހަށް އެ މީހަކު އިންތިހާބު ފަހުން އެކަން އެނގޭ ހިސާބުން ވެސް އެ މެމްބަރަކު ވަކިކުރަން އޮތީ ނިންމައިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަ އެވެ. ރައީސް ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި އެކަން ބޮޑުވެފައިވާތީ މި އިންތިހާބުގެ ވާދަވެރިކަން ބޮޑުވާނެ ކަަމަށް ލަފާކުރެވެ އެވެ.

މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.