Advertisement

ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރަން ސުލޫކީ ކޮމިޓީއަށް

17 އޮގަސްޓު 2021 - 10:30 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ގާސިމްއާ އެކު އަލީ ވަހީދު: ޖޭޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ވަނީ ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ އުފުލާފައި.


ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރަން ސުލޫކީ ކޮމިޓީއަށް

17 އޮގަސްޓު 2021 - 10:30 0

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅަން ރޭ ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޕާޓީގެ ރައީސް ކަަމަށް ވަޑައިގަތް އަލީ ވަހީދު މަގާމުން ވަކިކުރުމުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމީ ގާސިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގަ އެވެ.

އެ ޕާޓީގެ 142ވަނަ ކައުންސިލް ބައްދަލުވުން ރޭ ބޭއްވީ ގިނަ ދުވަސްތަކެއް ވަންދެން ރަސްމީ ހަރަކާތެއް ނުބާއްވައި މެދުކެނޑުމަށް ފަހު އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަދި އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ބޭފުޅަކު ޕާޓީގެ އިސް މަގާމެއްގައި ހުންނެވުމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރި ކަމަށެވެ. އެ ވާހަކަތައް އަޑުއައްސަވައި ގާސިމް ނިންމެވީ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހަޅަން ކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ހިންގާ ގަވާއިދާ އެއްގޮތަށް މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމުނުން ކައުންސިލް ބައްދަލުވުމުން ގޮތެއް ނިންމާނެ އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާ އަށް ބޭރަށް ވަޑައިގެންނެވި ގޮތަށް އަލީ ވަހީދު އުޅުއްވަނީ ދައުލަތަށް ފިއްލަވައިގެންނެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލައިގެން އޭނާ ދެ މަހަށް ޖަލަށް ލާން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.

އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމަށް ހާޒިރުވާން އެންގުމުން ވެސް އަމަލުކޮށްފައި ނުވާތީ އެވެ.

މި ހުކުމް ތަންފީޒުކުރުމަށް އޭނާ ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ކުރަމުންނެވެ.