Advertisement

ދިވެހިންނާއި ބަނބުކެޔޮ

17 އޮގަސްޓު 2021 - 09:25 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ބަބުކެޔޮތަކެއް ބާޒާރު ފިހާރައެއްގައި އަތުރާފައި. --ފޮޓޯ: މުންޝިދު (މުންޗި)/ ފްލިކާ (ޑައިންރެޖީމް)


ދިވެހިންނާއި ބަނބުކެޔޮ

17 އޮގަސްޓު 2021 - 09:25 1

ބަނބުކެޔޮ މޫސުމަކީ ދިވެހިންނަށް ހާދަ ތިޔާގި މޫސުމެކެވެ. ދިވެހިން އެންމެ ލޯބިކުރާ ފަލަމަޑީގެ ބާވަތަކީ ބަނބުކެޔޮ ކަމަށް ނިންމިދާނޭކަމާމެދު މާ ގިނަ ބަޔަކު ސުވާލު އުފައްދާނޭހެނެއް ހިއެއް ނުވެ އެވެ. ކޮއްކޮ ކާން ތެލުލި ބަނބުކެޔޮ ތައްޔާރުކުރާއިރު، މާމައަށް ބަނބުކޭލު ހިއްޗެވެ. ކާފައަށް ފިހުނު ބަނބުކޭލެވެ. މަންމައަށް ބޮނގަރަ އެވެ. ބައްޕައަށް ކުޅި ބަތްޕެނެވެ. ދޮންތައަށް ބަނބުކޭލު ބަތެވެ. ދޮންބެއަށް ބަނބުކޭލު ބޮނޑިބަތެވެ. ތިއްތައަށް އާރޮހެވެ. ތުއްތުބެއަށް ބޯކުރި ބަނބުކޭލެވެ. މިހެން ގޮސް ނަން ހުސްކޮށް، ކުޅިކޮށާއި ފޮނިކޮށް، ހިލައިގެންނާއި ހިއްކައިގެންނާއި ފިހެގެންނާއި ރިހަކައްކައިގެން ބަނބުކެޔޮ ކެއުމަކީ ދިވެހިން ލޯބިކުރާ ކަމެކެވެ.

އެހެންނަމަވެސް އަހަރެމެންނާ މިއޮށް އެކުވެރި ބަނބުކޭލަކީ، ނިސްބަތުން ފަހުގެ ތާރީޚެއްގައި ރާއްޖެއަށް އެތެރެކޮށްގެން ދިވެހި ފަސްގަނޑަށް މުޑުވައްކޮށް ހައްދަންފެށި ފަލަމަޑީގެ ބާވަތެއްކަން ދަންނަނީ ކިތައް މީހުން ހެއްޔެވެ؟ ޙުސައިން ޞަލާޙުއްދީން "ދިވެހިންގެ ވާހަކަ"އިގައި ލިޔުއްވާ ގޮތުންނަމަ، ބަނބުކެޔޮ ގަސް އިންޑިޔާއިން ރާއްޖެއަށް ފުރަތަމަ ގެންނެވީ އައްޞުލްޠާނު މުޙައްމަދު ޣިޔާސުއްދީން (ހާޖީ ބަންޑާރައިން) ނެވެ.

އަލަށް ބަނބުކެޔޮ ގަސް ގެނައި ދުވަސްވަރުގެ ހެއްވާ ވާހަކައެއްވެސް، ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީއާ ހަވާލާދެއްވާ ޞަލާޙުއްދީން ލިޔުއްވާފައިވެ އެވެ. އެގޮތުން، ޣިޔާސުއްދީން ރަދުންގެ ޢަމުރަށް އިންޑިޔާއިން ގެނައި ބަނބުކެޔޮ ގަސްތަކުން ގަހެއް ފުވައްމުލަކު ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުއްވުމުން ދެން ކަންވީ ގޮތުގެ ވާހަކަ ލިޔުއްވާފައިވެ އެވެ. ގަސް ގެންދިޔަ މީހާ، އެއީ ވަރަށް ރަނގަޅު ކާނާއަކަށް ފުދޭ ގަހެއްކަމަށް ދެންނެވުމުން، އެދުރު މަނިކުފާނުގެ ބަހަށް އެ ގަސް އިންދައި މުޑުވައްކޮށްފި އެވެ. ހަމަ މި ދުވަސްވަރު އެދުރު މަނިކުފާނަށް ދުޅަބަލީގެ (ބޭސްވެރިކަމުގެ ބަހުރުވައިން ނަމަ އިޑީމާގެ) އާލަސްކަންފުޅުވެސް ޖެހުނެވެ.

ކޮންމެއަކަސް ބަނބުކެޔޮ ގަހުން ކެޔޮ ނިކުމެ، ދޮންވެ ވެރެންފެށީމާ ކެޔޮތައް ނަގައި ފަޅައިގެން ބެއްލެވުމަށްފަހު ކަރުގަނޑު ދައްކަވާފައި، ކާންވީ އެކަމަށް ވިދާޅުވި އެވެ. އެދުރުމަނިކުފާނުގެ ޢަމުރަށް، ބަޔަކު މި ކަރުގަނޑު ނަގައިގެން ކުދިކޮށް ކޮށައި، ރާފޮނި އަޅައިގެން ކައްކައި އެދުރުމަނިކުފާނަށް ކޭމަށް އަރުވައިފި އެވެ. އެދުރުމަނިކުފާނު މި ފަރީއްކުޅުވުމުން އެރޭ ބޭރަށްހިންގަވާފައި އެ ފަދަ ޙާލެއްގައި ދެތިން ދުވަހަކު އުޅުއްވުމަށްފަހު ބަލި ފަސޭހަވެއްޖެ އެވެ. އެ ހިސާބުން، ބަނބުކޭލުގެ ކަރަކީ ދުޅަބޭހުގެ ފަރުވާކަމުގައި ނިންމައިގެން އެ މީހުން، އެއިން އިތުރު ބޭނުމެއް ނުކޮށް ތިބީ އެވެ. މިހެން ތިއްބައި ރަށުގައި ކާބޯތަކެތީގެ ތަދުކަން އިހުސާސްކުރެވެމުންދިޔަ ދުވަސްވަރެއްގައި، އެ ރަށު މުސްކުޅި ދައިތައަކު ބަނބުކެޔޮތައް ހޮވައިގެން އެ ގޮތް މިގޮތަށް ކައި، ނިކަން ތިޔާގިކޮށް އުޅޭ ވާހަކަ އަޑުއިވިވަޑައިގެން އެދުރުމަނިކުފާނު އޭނާ ގެނެސް ސުވާލުރެއްވުމުން އޭނާ ބުންޏެވެ.

"އަޅުގަނޑު އެއްރެއަކު ފަތިހު ހީކަރުވައިގަނެގެން މި ތަންގަނޑެއްގައި އަލިފާންޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާން ފެށީމާ ބެލިއިރު އެއީ މި ގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެ އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނުކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތައްމެ ދުވަހެކެވެ."

ކޮންމެއަކަސް މި ހާދިސާއާ ގުޅުވައިގެން، "ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކޭ" އޭރު ކިޔައި އުޅުނުކަމަށް ޞަލާޙުއްދީން ވިދާޅުވެ އެވެ.

މި ވާހަކައިގައި ބުނާ ފަދައިން އަލަށް ބަނބުކެޔޮ ގެނައީ ޣިޔާސުއްދީން ރަދުންގެ ޒަމާނުގައި ކަމަށް ވިޔަސް އަދި ނުވިޔަސް، ބަނބުކޭލަކީ އޭގެ ޒާތުގައި ދެކުނު އިރުމަތީ އޭޝިޔާއަށް އުފަން ފަލަމަޑީގެ ބާވަތެއްކަން އެނގެ އެވެ. ބުނެވޭ ގޮތުގައި އިންޑިޔާއަށްވެސް ބަނބުކެޔޮ ގެންދިޔައީ އިނގިރޭސިވެރިންނެވެ. އިންޑޮނޭޝިޔާ ހިސާބުގައި ބަނބުކޭލަށް ކިޔައި އުޅެނީ "ބުއަށް ކެލުވީ" ކަމަށްވެ އެވެ. މިކަންކަމަށް ވިސްނާލާއިރު، ޢުމުރުގެ ބޮޑު ބައެއް އަވަށްޓެރި މަލިކާއި ގަންޖަމްގައި ހޭދަކުރެއްވި ޣިޔާސުއްދީން ރަދުން، ދިވެހިން ނުދަންނަ އެތައް ބާވަތެއްގެ ކާބޯތަކެތި ދެނެވަޑައިގަންނަވާނޭކަން ގައިމެވެ.

ކޮންމެ ހިސާބަކުން އައި ބާވަތެއްކަމުގައިވިޔަސް، ބަނބުކެޔޮ މިއަދު ވެފައިމިވަނީ، މާ ބުރަ މަސައްކަތްތަކެއް ކުރުމަކާ ނުލައި ހެއްދޭ، ދިވެހި ދަނޑުވެރިކަމުގެ އަގުހުރި ބާވަތަކަށެވެ. ވިހި މީޓަރަށްވުރެވެސް އުހަށް ހެދޭ ހިޔާ ބޮޑު ގަހެކެވެ. ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގައި، ބޮޑު ތަދުގެ ތެރޭގައިވެސް އެ ގަހެއްގެ މޭވާއާއި ފަތާއި ތޮށީންވެސް ބޮޑެތި ފައިދާތަކެއް ލިބުނު ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ ގަސް ހިމެނެ އެވެ. މިއަދުވެސް، ކާބޯތަކެތީގެ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހިން ވުމަށް އަދި ކޮވިޑް ޕެންޑަމިކް ފަދަ، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރާ ފެންވަރުގެ ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި ދިވެހިންނަށް ބަނޑުފުރާނަ މުއްތިކުރުމަށް އެހީތެރިވެދޭނޭ އެއް ބާވަތަށް ބަނބުކެޔޮ ވާނޭކަމަށް ކަމުގެ މާހިރުން އިއްތިފާޤުވެ އެވެ.