Advertisement

ނާޒިމާއި ރިޔާޒް ޖޭޕީން ވަކިވިކަން މަޖިލީހުން އިއުލާނުކޮށްފި

16 އޮގަސްޓު 2021 - 10:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްއެންޕީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމާއި ރިޔާޒް. --


ނާޒިމާއި ރިޔާޒް ޖޭޕީން ވަކިވިކަން މަޖިލީހުން އިއުލާނުކޮށްފި

16 އޮގަސްޓު 2021 - 10:05 0

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެ ޕާޓީން ވަކިވެފައިވާކަން މަޖިލީހުން މިއަދު އިއުލާނުކޮށްފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ގުޅިވަޑައިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. ސިޔާސީ މަސައްކަތް ޕާޓީއެއްގެ ތެރެއިން ކުރައްވަން ނިންމެވީ ޖުމްހޫރީ ޕާޓީގައި އިސްކޮށް ދެ ބޭފުޅުން އުޅުއްވުމަށް ފަހު އެވެ.

އެ ދެ ބޭފުޅުން ޖޭޕީން ވަކިވެފައިވާކަން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއުލާންކުރެއްވީ މިއަދު އޮތް ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެ ދެ މެމްބަރުން ޖޭޕީން ވަކިވި ކަމުގެ ލިޔުންތައް ރިޔާސަތަށް ފޮނުއްވާފައިވާތީ، މަޖިލިސް ތަމްސީލު ކުރައްވާ މެމްބަރުންގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މަޖިލީހުގެ ދަފްތަރަށް އައި ބަދަލު

  • އެމްޑީޕީ - 65 މެމްބަރުން
    • ޕީޕީއެމް - 6 މެމްބަރުން
    • ޖޭޕީ - 3 މެމްބަރުން
    • ޕީއެންސީ - 3 މެމްބަރުން
    • އެމްޑީއޭ - 2 މެމްބަރުން
    • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 8 މެމްބަރުން

    ދަފްތަރު މިވަގުތަށް އެހެން އޮތް ނަމަވެސް، ނާޒިމާއި ރިޔާޒްގެ އިތުރުން، މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންފަ އެވެ.

    ނަމަވެސް އެ ޕާޓީ މަޖިލީހުން ބަލައިގަންނާނީ، އެ ޕާޓީ އިލެކްޝަންސް ކޮމިޝަންގައި ރަސްމީކޮށް ރެޖިސްޓްރީ ކުރުމަށްފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ.

    އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ދީފައިވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ އެވެ. ރަޖިސްޓްރީކުރުމުގެ ހުއްދަ ދޭނީ 3,000 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އެ ޕާޓީގައި މިހާރު ކުރިއަށް ދަނީ އެ މަރުހަލާ އެވެ.

    އެ މަރުހަލާ ފުރިހަމަވުމުން، ޕާޓީގެ ފުރަތަމަ އަމާޒަކީ މަޖިލީހުގެ މައިނޯރިޓީ ހޯދުން ކަމަށް ނާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.