Advertisement

ފުޅާއި ކޮޅުގެ ޒަމާން އަދިވެސް ނުނިމެނީބާ؟

13 އޮގަސްޓު 2021 - 08:49 4

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ފުޅާއި ކޮޅުގެ ޒަމާން އަދިވެސް ނުނިމެނީބާ؟

13 އޮގަސްޓު 2021 - 08:49 4

މީގެ 42 އަހަރު ކުރިން ދިވެހި ބަހަވީ ޢިލްމާއި އަދަބިއްޔާތުގެ ކަންކަމުގައި ނަންހިނގާ ދެ ބޭފުޅަކު ކުރެއްވި ވަރުގަދަ ބަޙުޘެކެވެ. 1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ "ފަތްތޫރަ" މަޖައްލާގައި "'ކޮޅު' މުޅީން ނައްތާލައި 'ފުޅު' މަދުކުރުމާ ހިންގަވާށެވެ." މި ސުރުޚީގެ ދަށުން ޢަލީ އަޙުމަދު ލިޔުއްވާފައިވާ މަޒުމޫނެއްގައި ވިދާޅުވާގޮތުން ދިވެހިންގެ ތެރޭގައި އެއްޗެތި މޮޅުކުރުމުގެ ގޮތުން "ފުޅު" އަދި "ކޮޅު" ބޭނުންކުރަން ފައްޓާފައިވަނީ ޝާހީވެރިކަން އުފެދުމާއެކު، އެފަދަ ގަނޑުވަރުތަކުގެ ތެރޭގައި، ނަޞްލީ އިމްތިޔާޒުގެ ގޮތުންނެވެ. ޢަލީ އަޙުމަދު ލިޔުއްވާފައިވެ އެވެ.

"މިހާރު މިވަނީ މިހުރިހާ ގަނޑުވަރެއް އުވި، ގޭގެއަށް ވެފައެވެ. ވީމާ ގޭގެއަކު އެނދުދާންކޮޅެއް، ގޮނޑިކޮޅެއް، ޖޯޑުކޮޅެއް ފަދަ ކޮޅުތަކެއް ނުހުންނާނެއެވެ. އަދި އެފަދަ ގޭގޭގައި، ފުޅުކިޔޭ ތަކެއްޗެއްވެސް ނުހުންނާނެއެވެ."

މި މަޒުމޫނުގައި ޢަލީ އަޙުމަދު ވަނީ، ބައެއް ބާވަތްތަކުގެ "ފުޅު" ނޫން އެހެން ހުރިހާ ފުޅެއް އުވާލެއްވުމަށް ހުށަހަޅުއްވާފަ އެވެ. އިސްތިސްނާކުރައްވާފައިވަނީ ގެފުޅު، ޒިޔާރަތްފުޅު، އިބްރާހިމްގެފާނުގެ މަޤާމްފުޅު ފަދަ "ފުޅު"ތަކާއި މޫނުފުޅާއި އަނގަފުޅާއި ލޯފުޅު ފަދަ، އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކާ ގުޅުވައިގެން ކިޔާ ފުޅުތަކެވެ.

އެމަނިކުފާނުގެ ރަޢުޔަކީ، މި ބަދަލު ވެގެންދާނީ ދިވެހި ބަހަށް ގެނެވޭ އިސްލާޙަކަށް ކަމުގަ އެވެ. އަދި މިއީ، މާތްބަހުން ވާހަކަދެއްކުމާ ދެކޮޅުވުން ނޫންކަމުގައިވެސް ޢަލީ އަޙުމަދު ފާހަގަކުރައްވާފައިވެ އެވެ.

އެއާ ޖެހިގެން އައި މަހު، 1979 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ "ފަތްތޫރަ" މަޖައްލާގައި މަތީގައި މި ދެންނެވި މަޒުމޫނާ ހަލާވާދެއްވާ އިބްރާހީމް ޝިހާބު ވަނީ އެމަނިކުފާނުގެ ރަޢުޔު ހާމަކުރައްވާފަ އެވެ.

އެގޮތުން، ބައެއް "ފުޅު" އަދި "ކޮޅު" ބޭނުންކުރުން ހުއްޓާލުމަށް ޢަލީ އަޙުމަދު އެ ކުރެއްވި އިލްތިމާހަށް ޝިހާބު ތާއީދުކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑުވެސް އެއްބަހެވެ. އަތިރީ ގަނޑުވަރު މެދުގޮމާގެ ތުއްތުމަނިއްޕުޅުގެ ކުކުޅުފުޅު އެޅުއްވި ބިސްފުޅު"ގެ ޒަމާނަށް އަލްވަދާޢު ކިޔަންވީތާ ކިތައްމެ ދުވަހެކެވެ."

އެހެން ނަމަވެސް މިއީ ވަގުތުން ވަގުތަށް ކުރެވިދާނޭ ކަމެއް ކަމާމެދު ޝިހާބު ސުވާލުއުފެއްދެވި އެވެ. އެހެނީ، ޒަމާނުއްސުރެ ބައެއް ޚާއްޞަ ފަރާތްތަކަށް ދިވެހިންގެ ހިތުގައި ދީފައިވާ އިޙުތިރާމާއި ޤަދަރުގެ ސަބަބުން ކުއްލިއަކަށް އެ ބާވަތުގެ ޢަމަލުކުރެވޭނޭކަމަށް ޝިހާބު ދެކިވަޑައިނުގަންނަވާތީ އެވެ.

"ފުޅު" އަދި "ކޮޅު" ދިވެހިންގެ ބަސްމޮށެއުޅުމަށް ތަޢާރަފުވީ ގޮތާމެދުވެސް ދެ ބޭފުޅުންގެ ޚިޔާލު ތަފާތެވެ. ޢަލީ އަޙުމަދު ވިދާޅުވާ ނަސްލީ އިމްތިޔާޒުގެ ރަޢުޔު ބައްލަވައިގަންނާނީ އެކަމުގެ ތާރީޚީ ހެކި ލިބިވަޑައިގަތީމާކަމަށް ޝިހާބު ވިދާޅުވި އެވެ.

އެހެން ނަމަވެސް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވަނީ، 1979 ވަނަ އަހަރުގައިވެސް، "ފުޅު"ތަކާއި "ކޮޅު"ތަކުގެ މައްސަލަ ބޮއްސުންލީ، އެ ބޭނުންކުރާނޭ ގޮތުގެ ޤަވާއިދެއް އޮވެމެ، އެ ޤަވާއިދުންވެސް ނެއްޓިގެންކަމަށް ދިޔުމުންކަމަށެވެ.

މިހާރު އޭގެ ފަހުން 42 އަހަރު ފާއިތުވެ 43 އަހަރު ފާއިތުވާން ތައްޔާރުވަނީ އެވެ. އަދިވެސް އަޅުގަނޑުމެންނަށް މި އުޅެނީ "ފުޅު" ތަކާއި "ކޮޅު"ތައް ދޫކުރަން ދަތިވެގެންނެވެ. އޭރު ޢަލީ އަޙުމަދު އެ ވިދާޅުވި ޒަމާނީ އިޖުތިމާޢީ ބަދަލުތައް ބާވެ، އޭގެ މައްޗަށް އިންސާނީ ޙައްޤުތަކުގެ ޒަމާން އުފަންވެ، އެ ޒަމާނާ މުނާސަބު ޤަވާއިދުތައް ހަދަމުން އެބަގެންދެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އަދިވެސް މި ތިބީ ކުރީގައި ރަސްރަސްކަލުންނާ ނިސްބަތްކޮށް އެ ބޭނުންކޮށްއުޅުނު ބައެއް އާދަތައް، އަޅުގަނޑުމެންގެ "ރައްޔިތުންގެ ލީޑަރުންނާ" ނިސްބަތްކޮށް ބޭނުންކުރުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.

ދެތިން މިސާލަށް ބަލާލަމާތޯއެވެ. ދާދިފަހުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވި ނުރައްކާތެރި ހަމަލާގެ ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރަމުން އެއް ނޫހެއްގައި އެމަނިކުފާނުގެ " ހިތްޕުޅާއީ ހަށިކޮޅާއި މޭފުޅު"ގެ ވާހަކަ ލިޔެފައި އޮތެވެ. ޖަލްސާއެއްގައި ކޮންމެ މީހަކުވިޔަސް ދައްކަވާނީ "ވާހަކަފުޅެވެ". ވިދާޅުވަނީ "ބަސްފުޅެ"ކެވެ. އޮބާމާ އާއި މެލާނިޔާ ޓްރަމްޕާއި ރާއްޖޭގެ މަޖިލީހުގެ މެމްބަރުންނާއި ސަހާބީންނަށް ނިސްބަތްކުރާއިރުވެސް، "އިސްތަށިފުޅެވެ". ކިމް ޖޮންގް އުން އާއި ދިވެހި ރިޔާސަތުގައި އެ ހުންނަވާ ބޭފުޅަކާއި ކީރިތި ރަސޫލާގެވެސް "ފައިންޕުޅެވެ".

ސުވާލު އުފެދެނީ މި ފަދަ މިސާލުތައް ގިނަވާން ފެށީމަ އެވެ. އޮޅުންބޮޅުން ގިނަވާން ފެށީމަ އެވެ. ޝިހާބާއި ޢަލީ އަޙުމަދުގެ ބަޙުޘަށް ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޙާލަތު މިއޮތީ، މާތް ބަހުރުވަ އާއި އެންމެ މާތް ބަހުރުވައިގެ ތަފާތުތަކަކީވެސް އޮންނާންޖެހޭ ތަފާތެއްތޯ ސުވާލު އުފައްދާ ހިސާބުގަ އެވެ.

އަޅުގަނޑުމެން މިހާރުވެސް ރިޢާޔަތްކުރާ، ޤަވާއިދުފޮތްތަކަށް ބަލާލަމާތޯ އެވެ. "ފިޔަވަޅު 3" ގައި މުޙައްމަދު ޖަމީލު ލިޔުއްވާ ގޮތުން، މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ލަފުޒުތަކަކާއި، ކީރިތި ރަސޫލާއަށް ޚާއްޞަ ލަފުޒުތަކަކާއި، ރަދުންނަށް ޚާއްޞަ ލަފުޒުތަކެއް ހުރެ އެވެ. އެއަށްފަހު މި އަންނަނީ ދެން ތިބި މީހުން ބައިކުރާ ބައިތަކެވެ. އެއީ ބޭކަލުން، ބޭފުޅުން، އަދި މީހުންނެވެ. ކުރިން މި ދެންނެވި "ކޮޅު" އަދި "ފުޅު" މިއީ ރަސޫލާއަށް ޚާއްޞަ ބައެއް ލަފުޒުތަކުގެ ފަހަތަށްވެސް އިތުރުކުރެވޭ "ސަފިކްސް"އެކެވެ.

ޖަމީލު ލިޔުއްވާގޮތުންނަމަ "ފުޅު"، "ކޮޅު" އަދި "ފޮދު" ބޭނުންކުރަނީ ބޭފުޅުންނާ ވާހަކަދެއްކުމުގަ އެވެ. ބޭކަލުންގެ ނަން ދީފައިވާ ފަރާތްތަކުގެ ތެރެއިން މަލާއިކަތުން، ރަސޫލުން، ނަބިއްޔުން، އާލުން، އަޞްޙާބުން، ދީނުގެ އިމާމުން، ބޮޑެތި ވަލީވެރިން، މި ފަރާތްތަކާމެދު ވާހަކަދައްކާއުޅެނީ ބޭފުޅުންނާ ވާހަކަދައްކާ ގޮތަށެވެ. ފުރާނަ ހުންނަ ތަކެއްޗާއި މަޢުނަވީ ސިފަތަކަށް އިތުރުކުރަނީ "ފުޅު"އެވެ. ފުރާނަނެތް ތަކެތީގެ ތެރެއިން ހަރުތަކެއްޗަށް "ކޮޅު" ދިޔާ ތަކެއްޗަށް "ފޮދު" (މިސާލު: ފެންފޮދު ހިއްޕަވާ ތަށިކޮޅު) އިތުރުކުރެވެ އެވެ.

ޙުސައިން ޞަލާޙުއްދީންގެ "ތުޙުފަތުލް އަދަބިއްޔާތު"ގައި ވެސް ވަނީ މި އުޞޫލެވެ. މި އުޞޫލުން އިސްތިސްނާވާ ލަފުޒުތަކަށް ރިޢާޔަތްކުރައްވައި، "ގެފުޅު"، "ގެފުޅު އަތަރުފުޅު"، "ޒިޔާރަތްފުޅު" ފަދަ ލަފުޒުތައް އިސްތިސްނާކުރަނީ، ބަސްމޮށެއުޅުމުގައި އެތަންތަނުގެ މާތްކަން ބޮޑުކުރުމަށް، ފުރާނަހުރި ތަކެތީގެ ދަރަޖަ ދިނުމަށްކަމަށް ވިދާޅުވެފައިވެ އެވެ.

މިހާހިސާބުން ޤަވާއިދު ފޮތް ލައްޕާލާނަމެވެ. އެހެން ނަމަވެސް ޤަވާއިދު ފޮތަށް ރިޢާޔަތްކުރުމުންވެސް ސުވާލުތައް ވީ އިތުރެވެ. މި ޒަމާނުގައި "ފުޅު" އަދި "ކޮޅު" ބޭނުންކުރުމުގައި ޖަމީލާއި ޞަލާޙުއްދީން ވިދާޅުވާ އުޞޫލަށް ތަބާވެވެނީ ކޮން މިންވަރަކަށް ބާވައެވެ؟ އެއް ސުވާލަކީ، އަދިވެސް އަޅުގަނޑުމެން ރިޢާޔަތްކުރަންވީ މީގެ އެތައް ޤަރުނެއް ކުރިން ލިޔެފައިވާ، އަދި މިހާރު ބަހަށް އައިސްފައިވާ ބަދަލުތަކާ ބީރައްޓެހި ޤަވާއިދު ފޮތްތަކަށް ހެއްޔެވެ؟ ފަހަރުގައި ދަރަޖަތައް ބޭނުންކުރުމުގައިވެސް، ޒަމާނާއެކު އިޖުތިމާޢީ ގޮތުން އައިސްފައިވާ ބަދަލުތައް ފެންނަ ޤަވާއިދު ފޮތަކުން މި މައްސަލު ހައްލުވެދާނެ ނޫންތޯ އެވެ؟ މި ޒަމާނުގެ ދިވެހިންނަށް، ޖަމީލު ދީދީ އެ ވިދާޅުވާ ފަދައިން، މަލާއިކަތުން، ރަސޫލުން، ނަބިއްޔުން، އާލުން، އަޞްޙާބުން، ދީނުގެ އިމާމުން، އަދި ބޮޑެތި ވަލީވެރިންގެ ވާހަކަ ދައްކާއިރު، މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކުރާ ދަރަޖަ ބޭނުންކުރަން ހަމަ އެންމެ ރަނގަޅުބާވަ އެވެ؟

މިއަދު ވެރިންނަށް ކުރާ ޤަދަރަކީ ވަރަށް ތަފާތު އެއްޗެއްކަން ބަލައިގަންނަން އެބަޖެހެ އެވެ. ޚުދު މިއަދުގެ ހުރިހާ ވެރިންނަކީވެސް ރަސްމަތިފުށު ޢާއިލާތަކަށް ނިސްބަތްވެ، ގަނޑުވަރު ތެރޭ ބަހުރުވައަށް އަހުލުވެރި "ބޭފުޅުންނެއް" ނޫނެވެ. އެހެންކަމުން އެފަދަ ވެރިންނަށްވެސް ފެންފޮދު ހިއްޕަވާފައި، ގަމީސްކޮޅު ތުރުކުރައްވައިގެން އިސްތަށިފުޅުގައި ޖެލްކޮޅު ތުރުކުރައްވަން ފަސޭހައެއް ނޫނެވެ.

ބަހުގެ ދަރަޖައިގެ ނިޒާމަށް ނުވަތަ ހޮނޮރިފިކް ސިސްޓަމަށް ގެންނާން ފެންނަ ބަދަލުތަކުގެ ވާހަކަ އަކީ މިހާރު ވަރަށް ހޫނުކޮށް ދެކެވޭ ވާހަކައެކެވެ. ޚާއްޞަކޮށް، ދަރަޖަތަކަކީ ބަހުރުވައިގައި ހިމަނަން އުނދަގޫ އެއްޗެއްކަމަށްވާ ނަމަވެސް ހަމަހަމަކަން ދައްކާން ބަހުރުވައިން ވާހަކަދައްކާއިރުވެސް މާލޭ ބަހުރުވައިގެ ދަރަޖަ އޭގައި ހިމަނަން "ޖެހުމަކީ" ބަހުރުވައަށާއި، ބަހުރުވަ "މެއިންސްޓްރީމް"ކުރުމުގެ ރޫޙަށް ކުރާ ބޭއިންސާފެއް ނޫންތޯ އެވެ.

ދަރަޖައިގެ ނިޒާމުގެ މަޢުޟޫޢަކީ ބޮޑު މަޢުޟޫޢެކެވެ. މިއަދުގެ މައުޟޫޢު "ފުޅު" އަދި "ކޮޅު" އަށް ހަނިކުރުން ބުއްދިވެރި އެވެ. "ފުޅު" އަދި "ކޮޅު" ބޭނުންކުރަން ފެންނަ ނަމަ، އެ ބޭނުންކުރާނޭ އާ އުޞޫލެއް އެބަ ވުޖޫދުވާން ޖެހެ އެވެ. ޖަމީލް ދީދީ އާއި ޞަލާޙުއްދީންގެ ޒަމާނުގައިވެސް "ފުޅު" އަދި "ކޮޅު" ބޭނުންކުރުމުގައި އިސްތިސްނާ ގިނައެވެ. މިއަދު މި ފެންނަނީ ހައްތަހާ އިސްތިސްނާ ނޫންބާވަ އެވެ.

ހާމަވާ ޙަޤީޤަތަކީ، ދިވެހިން ދެކޭގޮތުގައި ގޮއްވާލީ "ރައީސް ޔާމީންގެ ލޯންޗުކޮޅު" ކަމެވެ. ހަމަލާދީފައިވަނީ "ރައީސް ނަޝީދުގެ ފުރާނަފުޅަށް" ކަމެވެ. ތުހުމަތުތައް އަޅުވަނީ ބޭފުޅުންގެ "އިސްތަށިފުޅު"ގައިކަމެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާގައި އަނދާހުލިވީ ޢާއްމު ރައްޔިތު މީހާގެ ލޯންޗެވެ. ލޯންޗުކޮޅެއް ނޫނެވެ. ތުހުމަތު އެޅުވީ ކޮންމެވެސް މީހެއްގެ ބޮލުގަ އެވެ. އިސްތަށިފުޅަކު ނޫނެވެ. ނުރައްކާވަނީ ރައްޔިތުންގެ ފުރާނައަށެވެ. ފުރާނަފުޅަކަށް ނޫނެވެ.

1979ގައި ކުއްލިއަކަށް ނުވި ކަންތައްކަމުގައިވާ "ފުޅު" މަދުކޮށް "ކޮޅު" ނައްތައިލުން އެއީ މިއަދު ނުވާނެ ކަމެއްތޯ އެވެ؟ ނޫންނަމަ، ހަމަހަމަކަމާއި ޑިމޮކްރަސީގެ ވިސްނުމުގައި އަޅުގަނޑުމެން އަދިވެސް ޅައީ ހެއްޔެވެ؟ ޖަމީލް ދީދީ ވިދާޅުވާފަދައިން އަދިވެސް ދިވެހިންނަށް "ދަރަޖަ"އިގެ ނިޒާމު ދޫކޮށްލަން ދަތިވަނީ ބާވަ އެވެ؟ ސާޅީސް އަހަރު ވީ އިރު، މި ފަދަ ތަފާތުކުރުމަށް ވާގިވެރިވެދޭ ނިޒާމެއް ބަދަލުނުކުރެވެނީ، ހަމަ ޙަޤީޤަތުގައިވެސް ޢަލީ އަޙުމަދު އެ ވިދާޅުވިފަދައިން މިއީ ނަސްލީ އިމްތިޔާޒުން މޫލައި ކުރިފަޅާފައިވާ ވިހަ ގަހަކަށް ވީތީބާވަ އެވެ؟ ގަނޑުވަރުތައް އުވި ގޭގެއަށް ވީނަމަވެސް، އަދިވެސް އިޙުތިރާމު މިނެކިރަނީ ރަސްމަތިފުށު އާދަތަކާ އަޅަ އެވެ.