Advertisement

ކަޅު ހުކުރުގެ ބައެއް ހަނދާންތައް!

13 އޮގަސްޓު 2021 - 17:16 3

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

"ކަޅު ހުކުރު"ގެ އެއްވުމުގައި އޯގަސްޓް 13، 2004 ވަނަ ދުވަހު ގިނަ ބަޔަކު ޖުމްހޫރީ މައިދާނުގައި: މި އެއްވުމާ ގުޅިގެން ގާތްގަނޑަކަށް 200 މީހުން ހައްޔަރުކުރި. -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ


ކަޅު ހުކުރުގެ ބައެއް ހަނދާންތައް!

13 އޮގަސްޓު 2021 - 17:16 3

ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި ހުރި ގައިދީއެއް ކަމުގައިވާ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި، ޖެހިގެން އައި ދުވަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރަން ޖަލުގައި ބަޑިޖެހައި މީހުން މަރައި ޒަހަމްކޮށްލުމުން ސިފައިންނާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުތެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގެ އާ ފެށުމަކުން ފެށި އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމުގެ ހުއްދަ ނެތުމުން، 2004 ވަނަ އަހަރުގެ ކުރީކޮޅު ސްރީ ލަންކާގައި އެމްޑީޕީ އިއުލާނުކޮށް ހަރަކާތްތައް ވަރުގަދަކުރި އެވެ. ރައީސް މައުމޫނުގެ ވަރުގަދަ ވެރިކަމަށް ކުރިމަތިވަމުންދިޔަ ޕްރެޝަރާއެކު، 2004 ވަނަ އަހަރުގެ ޖޫން މަހު އިސްލާހީ އެޖެންޑާއެއް އިއުލާނުކުރެއްވި އެވެ. އެއާއެކު ހިޔާލުފާޅުކުރުމަށް ހުޅުވިގެން ދިޔަ ހަނިފުރުސަތުގެ ތެރެއިން މިނިވަން ބަހުސްތަކުގެ ނަމުގައި އެއްވުންތައް ބާއްވަން ފެށި އެވެ. އޭގެ އެއްވުމެއްގައި ރައީސް މައުމޫނުގެ އިސްތިއުފާއަށް ގޮވުމުން، އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރުގެ ވެރިންނަށް އެކަން ހަޖަމެއް ނުވި އެވެ.

"ތޮށިގަނޑު ފަޅާލައި" ރައްޔިތުން ނުކުމެދާނެ ކަމުގެ ބިރު ބޮޑުވުމުން، ކުރީގެ އާދަކާދައިގެ މަތިން ވާނުވާ ނޭނގި މީހުން ހައްޔަރުކުރަން ފެށި އެވެ. މިނިވަން ބަހުސްގައި ރައީސް މައުމޫނުގެ އިސްތިއުފާގެ ކަރުދާސް ބެނާ ދެމި މީހުންނާއި، އިސްލާހީ ބައެއް ހަރަކާތްތެރިން ހައްޔަރުކުރަން ފެށި އެވެ.

ކަޅު ހުކުރު

މަޝްހޫރު "ކަޅު ހުކުރު" ނުވަތަ "އޯގަސްޓް 12-13 ގެ އެއްވުމުގެ ފެށުމަކީ، އިސްލާހީ ހަރަކާތްތެރިން ހައްޔަރުކުރި ސަބަބު ހޯދުމާއި، އެ ނަމުގައި ޖުމްހޫރީ މައިދާން ސަރަހައްދަށް އޯގަސްޓް 12، 2004 ވަނަ ދުވަހުގެ ރޭ އެއްވާން ފެށުމެވެ. އޭރު މީޑިއާ އޮތީ ރައީސް މައުމޫނުގެ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. މީޑިއާއިން ރިޕޯޓްކުރުމުގެ ސަގާފަތް އޮތް ގޮތުން ސަރުކާރާ ދެކޮޅު އެފަދަ އެއްވުންތައް ރިޕޯޓެއް ނުކުރެ އެވެ. އެފަދަ ހަރަކާތްތައް ކަވަރުކުރަން މީޑިއާތަކުން ނޫސްވެރިންނަށް އިރުޝާދެއް ނުވެސް ދެއެވެ. ނަމަވެސް، އެ އެއްވުމުގެ ވާނުވާ ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ނޫހުގެ ވެރިންގެ އިރުޝާދެއް ނެތަސް އަހަރެން އެ އެއްވުމަށް ދިޔައީމެވެ.

އެއްވަމުން ދިޔަ މީހުން މަޑުމަޑުން ޖުމްހޫރީ މައިދާނަށް ޖަމާވެ ތޮއްޖެހުނީ ސިފައިންގެ މައި ގޭޓް ކުރިމައްޗަށެވެ. ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯ ސިފައިން އޮޅުން ފިލުވި އެވެ. އެއްވެފައި ތިބި މީހުންގެ ޑިމާންޑަކަށްވީ ހައްޔަރުކުރި މީހުން ދޫކޮށްލުމެވެ. އެ ޑިމާންޑަށް މާ ގިނަ އިރުތަކެއް ނުވަނީސް ސިފައިން އެއްބަސްވި އެވެ.

އޭރު ފުލުހުން މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކިން ހިންގަން ނުފަށަ އެވެ. އަދި އޭރު އެފަދަ އެއްވުމަށް ކޮންޓްރޯލްކުރުމުގެ ހުނަރާއި މާގިނަ ވަސީލަތެއް ވެސް ސިފައިންގެ އަތުގައި ނެތެވެ. ސިފައިންގޭގެ ދޮރު މައްޗަށް އެއްވި މީހުން މައިތިރިކުރުމަށްޓަކައި އޭރު އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކުގެ ކިބައިން ސަރުކާރުން އެދުނެވެ. އެގޮތުން ހާއްސަ މަޖިލީހުގެ މެމްބަރުން ކަމަށްވާ ގާސިމް އިބްރާހިމް އާއި އިބްރާހިމް އިސްމާއީލް (އިބުރާ) ރައްޔިތުން މައިތިރިކުރަން މަސައްކަތްކުރި އެވެ. އެ ބޭފުޅުންނަށް މައިކާއި ސްޕީކަރު ދިނީ ވެސް ސިފައިންނެވެ.

ކަޅު ހުކުރުގެ އެއްވުމުގައި އޯގަސްޓް 13، 2004 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ވާހަކަ ދައްކަނީ


ސިފައިންގޭގެ ދޮރުމަތިން ޖުމްހޫރީ މައިދާން ތެރެއަށް މީހުން ބަދަލު ކުރުވީ އިބުރާގެ ވާހަކައިންނެވެ. އެއްވެފައިވާ ތަން ބަދަލުކުރުވި ނަމަވެސް، އިބްރާ ވާހަކަ ދައްކަވަމުން ގެންދެވީ އެއްވެފައިވާ މީހުން އެ ސަރަހައްދުގައި ހިފެހެއްޓުމަށް ބާރު އަޅުއްވަ އެވެ. އެއްވުމުގައި ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅުން ގެންދެވީ ރައްޔިތުންގެ ޑިމާންޑްތައް ސަރުކާރަށް އިއްވަމުންނެވެ. އެ ޑިމާންޑްތަކަށް ސަރުކާރުން ދީލާލައި، ހައްޔަރުކުރި އިސްލާހީ ހަރަކާތްތެރިން ދޫކުރަން ފެށުމުން، އެއްވި މީހުންގެ ޖޯޝް އާވި އެވެ. އޭގެތޭގައި ހިމެނޭ ހޮލޯގްރާމް އަހްމަދު އާދަމް އާއި އޭނާގެ ކޮއްކޮ އަބްދުއްރަޝީދު ދޫކޮށްލުމުން، ޖުމްހޫރީ މައިދާނަށް އައީ، ސިފައިން އަތުލި ކޮމްޕިއުޓަރު ސިސްޓަމް ވެސް ކިހިލީގައި ޖަހައިގެންނެވެ. މި މީހުން ހައްޔަރުކުރެވުނީ މިނިވަން ބަހުސްގެ ބައްދަލުވުމެއްގައި އޭރުގެ ރައީސް މައުމޫންގެ އިސްތިއުފާއަށް ގޮވާލާފައިވާތީ އެވެ.

މެންދަންވިއިރު އެއްވުމުގެ ބައިގިނަވެ، އެއްބަޔަކު ތިބީ ޖުމްހޫރީ މައިދާނުގައި އިށީނދެ އެވެ. އެތައް ބަޔަކު ކޮޅަށް ވެސް ތިއްބެވެ. މައިދާނުގައި އެކި މީހުން ވާހަކަ ދައްކަމުން ދިޔަ އެވެ. ޖޯޝާއި ފޯރިދަގަ ވާހަކަތަކާއެކު ކުއްލިއަކަށް ފެށުނީ ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާށެވެ. ހަނދާނަށް އަންނަ ގޮތުން ފުރަތަމަ އިސްތިއުފާއަށް ގޮވީ، އޭރު ގާނޫނީ ވަކީލް އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ސުއޫދު ގޮވާލެއްވީ އޭރުގެ ޖަސްޓިސް މިނިސްޓަރު އަދި އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދުގެ އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވުމަށެވެ. ސަރުކާރުގެ ވެރިންގެ އިސްތިއުފާގެ ލިސްޓުގައި ރައީސް މައުމޫންގެ ނަން ވެސް ގޮވި އެވެ. އެރޭ ރޭވުންތެރިކަމާއެކު، އިސްތިއުފާއަށް ގޮވުން ކުރިއަށް ދިޔަ ނަމަ، (މައުމޫނުގެ އިސްތިއުފާއަށް ނުގޮވި ނަމަ) ކެބިނެޓްގެ ބައެއް ވަޒީރުން އިސްތިއުފާ ދެއްވުން ގާތްކަން އެރޭގެ އޮއެވަރު ހުރިގޮތް ވަޒަންކޮށްލުމުން އިހްސާސްކުރެވެ އެވެ.

އިސްތިއުފާގެ ލިސްޓް އިއުލާނުކުރި ހިސާބުން، ސަރުކާރުގެ ފަރާތުން އަންނަ ވާހަކަތައް އެއްވުމުގެ ބައިވެރިންނަށް ލިބުން ހުއްޓުނެވެ. ފަތިސްވަމުންދިޔަ ވަރަކަށް މީހުން ދިޔައީ ގިނަ ވަމުންނެވެ. އޭރު ރާއްޖޭން ބޭރަށް އަރުވާލެއްވިގެން ހުންނެވި، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިތޯބެއް އޯގަސްޓް 13 ވީ ހުކުރު ދުވަހުގެ ހެނދުނު އެއްވުމުގެ ބައިވެރިންނަށް އިއްވި އެވެ. އެ ހިތޯބު އިއްވައިދިނީ ސަންދާނު އަހައްމައިދީ އެވެ.

އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން ނެރުނު މީހުން ޖުމްހޫރީ މައިދާނުގައި އަޑުގަދަކުރާއެއް ހިފައިގެން ވާހަކަ ދައްކަނީ


އެއްވުމުގެ ބައިބޯ ނަމަވެސް މާބޮޑު ރޭވުންތެރިކަމެއް ނެތުމުން، އެއްވާނެއްގައި ހިފަހައްޓައެއް ނުލެވުނެވެ. ސަރުކާރުގެ ބަޔަކު އަޑީގައި ތިބެ، އެއްވުމުގެ ތެރެއަށް ގްރޫޕެއް ވައްދައި، ހާޖާނު އުފައްދަން މަސައްކަތްކުރި އެވެ. އެ މީހުން ލަކުޑިބުރިބުރި ހިފައިގެން އެއްވުމުގެ ބައިވެރިންނާ ކުރިމަތިލި އެވެ. އެއްވުމުގެ ތެރެއަށް ވަދެގަތުމުގެ ކުރިން، އަހަރެންނަށް "ހިޔާމަތުގެ ފާރަކަށް" ވީ ހުސައިން އާދަމް ބިލްޑިންގުގެ އަތިރިފަރާތުގެ ކަންމައްޗެވެ. އެތަނުގައި އޭރުވެސް ތިބެވެނީ އެތަނުގައި ތިބެން ސިފައިން ހުއްދަ ދިން ބަޔަކަށެވެ. އެހެންވެ، އެ ތަނުގައި ހަމަޖެހިލައިގެން ހުރެ އެ ގޭންގުގެ ފޮޓޯއެއް ނަގަން އުޅުމުން، އޭގެ ތެރެއިން މީހަކު ލަޓިބުރިއެއް ހިފައިގެން އަހަރެންނާ ދިމާއަށް އައެވެ. އެ ހަމަލާއިން ސަލާމަތްވުމަށް އެއްވުމުގެ ބައިވެރިންގެ ތެރެއަށް ފަސޭހަކަމާއެކު އަހަރެން ތޮރުފިގަތީމެވެ. އޭނާއަށް އަހަރެން ގެއްލުނެވެ.

އެ ދަނޑިވަޅު އޭނާ ސިފައިންގެ މީހަކަށް ހަމަލާ ވެސް ދިނެވެ. ހުރަވީ ބިލްޑިންގެ ދޮރެއްގައި އަލިފާން ރޯކުރި އެވެ. އެކަންކަން ކުރީ ސަރުކާރާ ގުޅުން އޮތް ބަޔަކު ކަމަށް އެއްވުމުގެ ބައިވެރިން ތުހުމަތުކުރި އެވެ.

ހައްޔަރުކުރުން

މެންދުރު ދޭއް ޖަހައިފި އެވެ. އެއްވުމުގެ ބައިވެސް މަދުވެއްޖެ އެވެ. ވަގުތުގެ ބޭނުން ހިފައި، އިންޒާރު ދިނުމަށް ފަހު، ސިފައިިންގެ ފައުޖެއް ޖުމްހޫރީ މައިދާންތެރެއަށް ވަދެ، އަތުޖެހުނު މީހަކަށް އަނިޔާކޮށް، ހައްޔަރުކުރި އެެވެ. އޮޑިދޯނި ފަހަރާއި އިމާރާތްތަކަށާއި ގޭގޭގެ ފުރާޅުމައްޗަށް އަރައި ވެސް މީހުން ހައްޔަރުކުރި އެވެ.

ކަޅު ހުކުރުގެ އެއްވުމުގެ ތެރެއިން: އެ އެއްވުމާ ގުޅިގެން ހާއްސަ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހައްޔަރުކުރި


އޭރު އަހަރެން މަސައްކަތްކުރަމުން ދިޔައީ އާފަތިސް ނޫހުގަ އެވެ. އަހަރެންނާއި މިއަދު ނޫހުގެ މުހައްމަދު ޝަނޫންއާ ދެމީހުން މާލެތެރެއަށް ނުކުމެ ފޮޓޯ ހޯދަން މަސައްކަތް ފެށީމެވެ. އަތުގައި އޮތީ އޭރުގެ ވަރުން މޮޅު ޑިޖިޓަލް ކެމެރާއެކެވެ. މެމޮރީ ކާޑު ލައްވާ ކެމެރާއެކެވެ. އެއްވުންތައް ކަވަރުކުރުމަށް އޭރު ހާއްސަ ފާހެއް ނެތަސް، ސިފައިން ބަންދުކޮށްފައި އޮތް ގިނަ ސަރަހައްދުތަކަށް އަހަރެންނަށް ވަދެވުނެވެ. ވެއްދީ ކޮން ނިޔަތެއްގައިކަން ވިސްނަން ވެސް ބޭނުން ނުވި އެވެ. މާލެތެރޭގައި ބޮޑެތި ލޮރީތަކާއި ސިފައިންގެ ވެހިކަލްތަކުގައި މީހުން ހައްޔަރުކުރުމާއި ފޯރިމެރުމުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަ އެވެ.

ސިފައިން އަހަރެން ހައްޔަރުކުރީ އޯކިޑް މަގަށް ނުކުމެވެން އޮންނަ ކާނޭޝަން މަގު (މިހާރު ރެޑްވޭވް ފިހާރަ ހުންނަ މަގު)އިންނެވެ. އެ މަގުގެ ގޯޅިގަނޑެއްގައި ހުރި ގެޔަކަށް ވަން ސިފައިންގެ ބޮޑު ފައުޖެއް ނުކުމެގެން ގުންފައި ޖަހާފައި، ހަރުކޮށް ވަރުގަދަކޮށް، ހަޅޭއްލަވަމުން އަންނަ މަންޒަރު ލެންސަށް ދަމައިލީމެވެ. ކުއްލިއަކަށް އެ ފައުޖުން ބަޔަކު ދުވެފައި އައިސް އަހަރެންގެ "ލަފުގައި" ހިފައި، ހުތުރު އެއްޗެހި ގޮވުމަށް ފަހު ހައްޔަރުކުރި އެވެ. ކައިރީގައި އޮތް ސިފައިންގެ ޖިޕުން ފޭބި ސިފައިންގެ މީހަކު، އަހަރެންނަށް އަނިޔާ ނުކުރުމަށް ނުބުނި ނަމަ، ހޭއަރުވާލީހެވެ. އެވަރަށް ތިބީ ޗާޖުވެފަ އެވެ.

އެއީ އަހަރެންގެ ހަޔާތުގައި ވެސް ހައްޔަރެއްވި ފުރަތަމަ ފަހަރެވެ.

ކަނުބަނދެ، ބިޑިއަޅުވައިގެން ބަންޑާރަ ކޮށްޓަށް ވެއްދުން

އަހަރެން ހައްޔަރުކޮށްގެން ޖިޕަށްލުމަށް ފަހު، ގެންދިޔައީ ސިފައިންގެ މައި މަރުކަޒަށެވެ. ގޭޓު ކުރިމަތީގައި ހުންނެވީ ޒަކަރިއްޔާ މަންސޫރެވެ. ކައިރީގައި ސިފައިންގެ ޒުވާން އަންހެން ބޭކަނބަލަކު ވެސް ހުއްޓެވެ. މަންސޫރު ދުފައި ރަތްކޮށްފައި ހުރިއިރު ވެސް، ދުފުމުގެ ފޯރިއަށް ވުރެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އަހަރެން އެތެރެއަށް ވައްދަން މަންސޫރު އިޝާރާތްކުރުމުން، އަހަރެންނާ ހަވާލުވެތިބި ސިފައިން އަހަރެންގެ ދެލޮލުގެ މަތީގައި ކަފަކޮޅެއް ބޭއްވުމަށް ފަހު ކަނުބަދެ، އަތުގައި ކްލިޕް ބިޑިއެއް އެޅުވި އެވެ.

ބަނޑޭރިކޮށީގެ އެތެރެއަށް ވަދެވުނު ފުރަތަމަ ދުވަހަކީ އެއީ އެވެ. އެހެންވުމާއެކު އެތަން އޮންނާނޭ ގޮތް ތަސައްވަރު ކޮށްލަންވެސް އަހަރެންގެ ތަޖުރިބާ މަދު ސިކުނޑިއަށް ނޭނގުނެވެ. ކަނުބަނދެފައި ހުރިއިރު، އެތެރެއަށް ގެންދިޔައީ އެކި ގޮތްގޮތަށް އަނބުރަމުންނެވެ. ހީވީ މާ އުނދަގޫ ތަނަކުން ގެންދާން އުޅޭ ހެންނެވެ. ބައެއް ފަހަރު ބޮޑު ފިޔަވަޅެއް އަޅަން ބުނެ އެވެ. އެއީ ތަނަކުން ހުރަސްކުރަން ޖެހޭކަން ހީކުރުވުމަށްޓަކަ އެވެ. ބޮޑު ފިޔަވަޅު އެޅުވުމާއި އަރިއަރިއަށް ޖެހެން ބުނުމަކީ ސިފައިންގެ އުފަލަށް އަހަރުމެންނާ ޖެހި ސަކަރާތެއްކަން އިހްސާސްވީ މުޅި ސަރަހައްދުގެ މާހައުލުގެ އަޑުންނެވެ. އަހަރެންނަށްވުރެ ކުރިން ގެންދެވުނު މީހުނަށް އެ ބޮނޑި އޮތީ ދީފަ އެވެ.

ބަނޑޭރިކޮށި އެތެރެއަށް ވައްދައި ބޭއްވީ ތަޅުންގަނޑު މަތީގަ އެވެ. ލޮލަށް ނުފެނުނަސް، އޭރު އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިކަން އެނގެ އެވެ. ބައެއް މީހުން ރޯ އަޑު ވެސް އިވެ އެވެ. އިރުކޮޅަކުން ދަންނަ މީހެއްގެ އަޑު ޖެހުނެވެ. އަހަރެންނާ އެންމެ ކައިރީގައި ބާއްވާފައި އޮތީ މޫސާ ރަމީޒު (މޫސަބެ) އެވެ.

ކަޅު ހުކުރުގެ އެއްވުމުގެ ތެރެއިން: ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހައްޔަރުކުރި


ރޭނގަޑުގެ ކެއުން ގެނެސްދިނީ ސިފައިންގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް އަހަރެން އެނގެ އެވެ. އެހެންވެ، ބާރުކޮށް އަޅުވާފައި ހުރި ކްލިޕް ބިޑި ދޫކޮށްލަ ދިނުމަށް އެދުމުން، އެކަން ކޮށްދިނެވެ. ކޮންމެ ފަދަ އެއްޗެއް ވެސް ކާން ގެނެސްފައި ހުރެދާނެތީ، ކާން ހުރީ ކޮންއެއްޗެއްތޯ އެހީމެވެ. ގެނެސްފައި ހުރީ ގަރުދިޔަ އާއި ބަތް ކަމަށް ބުންޏެވެ.

މާގިނައިން ނުކަމެވެ. ކަނު ބަނދެފައި އިނުމުން ކާންޖެހުނީ ކެވެނީ ކޮންއެއްޗެއްކަން ވެސް ނޭނގި އެވެ. އޭރުވެސް ބިޑި ނައްޓައެއް ނުލަ އެވެ. ކެއުމަށް ފަހު ތަޅުންގަނޑު މަތީގައި ޖައްސާލައިގެން އޮވެ ނިދީ އެވެ. ދޭތެރެދޭތެރެއިން ހޭލެވެ އެވެ. ބައެއް މީހުން "ޑިއުޓީ" އޭ ގޮވާ އަޑުއިވެ އެވެ. އެ ގޮވަނީ ފޯރިއަށް ތިބި ސިފައިންނަށްކަން އެނގުމުން، އަހަރެން ވެސް ފާހާނައަށް ދިއުމަށް ގޮވީމެވެ.

ގެންދިޔަ ތަނަކަށް ގެންދިޔުމަށްފަހު އަވަހަށް ނިންމުމަށް އަހަރެންނަށް އިރުޝާދު ދިނެވެ. އޭރުވެސް ހުރީ ކަނުބަދެ، ކުރިމައްޗަށް ބިޑި އަޅުވާފަ އެވެ. ކޮޅަށް ހުރެ ކުޑަކަމު ދިޔައީ ފާހާނާ ތައްޓަކަށްކަން އިހްސާސްވުން ފިޔަވައި އެތަނުގައި ވަށައިގެންވި އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ތާހިރުވުމަށް ފެން ނެތްހޭ އެހުމުން، ކުޅުން ދޮވެލާށޭ ބުންޏެވެ. އިންސާނިޔަތު ކަމެއް ނެތެވެ. ފުރައްސާރަކުރުމުގެ އިންތިހާ އެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް، ޖަލުގެ ތަޖުރިބާއެއް ނެތުމާއި، އަދި އޭރުގެ އަނިޔާވެރިކަން ހިތަށް ގެނެސް، ބަހެއް ނުބުނެ ހުރީމެެވެ. ދޫކޮށްލުމުން އޭރު އޮތް ހިއުމަން ރައިޓްސް ކޮމިޝަނުން ހިންގި ތަހުގީގެއްގައި އެ ވާހަކަ ކުޓުވީމެވެ.

ގިރިފުއްޓަށް ގެންދިއުން

އޯގަސްޓް 14 ވީ ހޮނިހިރު ދުވަހަށް އިރު އަރަން ކައިރިވެއްޖެކަން އެނގުނީ ފަތިހުގެ ކޮވެލީގެ އަޑަށެވެ. ކަނުބަނދެ، ބިޑިއެޅުވައި، ކަނދު އަތުރާފައި ތިބި ގޮތަށް ބައިތިއްބާފައި ތިބި މީހުން ނަގައިގެން، ސަފުސަފަށް ގެންދާކަން އެނގެ އެވެ. ލައިފް ޖެކެޓެއް ވެސް އެޅުވި އެވެ. އެ ހިސާބުން، ސަލާމަތެއް ނެތްކަމުގެ އިހްސާސްވި އެވެ. ސިފައިންގެ މައި މަރުކަޒުން ނެރެގެން ހުރި ސީދަލަށް ގެންގޮސް އެރުވީ ކޮޅުވެއްޓިއެއް ކަހަލަ އެއްޗަކަށް ނުވަތަ، ސިފައިންގެ ބޮޑު ލޯންޗެއްގެ ޑެކް މައްޗަށެވެ. ކަނޑު މައްޗަށް އެރުވުމަށް ފަހު ވެސް ބިޑި ނައްޓައެއް ނުލަ އެވެ. ލޮލުގައި އަޅުވާފައި ހުރި ފޮތިގަނޑުވެސް ނައްޓައެއް ނުލަ އެވެ. ގެންދަނީ ކޮންތަނަކަށް ކަމެއް ވެސް ނުއަންގަ އެވެ.

އުޅަނދު ނައްޓާލައިފި އެވެ. ގައިދީންގެ ތެރޭގައި ފިލްމީ ތަރި އަލީ ޝިޔާމް ވެސް އިންކަން އޭނާގެ އަޑު ޖެހުމުން ފާހަގަކުރެވުނެވެ. އޭރު އޭނާއާ ސިފައިންނާ ދެމެދު ވާހަކަތަކެއް ދެކެވެމުން ދިޔަ އެވެ. އިރުކޮޅަކުން ސިފައިން "އެ ވާރެޔާ ތެމި ފޯވީ ހަނދާން ނެތީހެ ކަލާ..." މިލަވަ ކިޔަމުން އަލީ ޝިޔާމް ގަޔަށް ލޮނުޖަހަން ފެށި އެވެ. އެ ލަވަޔަކީ އަލީ ޝިޔާމްގެ ރަން ޒަމާނުގައި އޭނާ ކުޅެފައިވާ ލަވައެކެވެ. އަލީ ޝިޔާމް ގަޔަށް ލޮނު ޖެހިއިރު އެހެން މީހުންގެ ގަޔަށް ވެސް ލޮނު ބުރި އެވެ. އެއީވެސް އެ ދަތުރު މަތީގައި ސިފައިން ލިބިގަތް އުފަލެކެވެ.

އިރުގަނޑެއްގެ ދުއްވުމަށް ފަހު ރަށެއްގެ އަތިރިމައްޗަށް ބޭލި އެވެ. އަތުގައި މީހަކު ހިފައިގެން އެއްގަމަށް ގެންދިޔައިރު، ހީކުރީ ދޫނިދޫ ޖަލަށް ގެނައީ ކަމަށެވެ. އަތުގައި ހިފަހައްޓައިގެން ހުރި މީހާ ގާތު ކޮން ރަށެއްތޯ ސުވާލުކުރިޔަސް ޖަވާބެއް ނުދިނެވެ. ގެންދިޔައީ ގިރިފުއްޓަށްކަން އެނގުނީ ފަހުންނެވެ. ހެނދުނު ސައި ބުއީ އެރަށުގަ އެވެ. ގިރިފުއްޓަށް ގެންގޮސް، ކްލިޕް ބިޑި ނައްޓާލުމަށް ފަހު، އާންމުކޮށް މި ގެންގުޅޭ މެޓަލް ބިޑިއަށް ބަދަލުކުރި އެވެ. ކަނު ބަނދެފައި ހުރި ފޮތިގަނޑު ނައްޓައިލީ، 22 ގަޑިއިރު ފަހުން، (އޯގަސްޓް 14، 2004) އެ ދުވަހުގެ ހަވީރު އެވެ.

އޭރު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެނެސްފައި ތިއްބެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. އެންމެ އިސް ބައެއް ހަރަކާތްތެރިންނާއި، މަޖިލީހުގެ މެމްބަރުން ގިރިފުށީގައި ނެތެވެ. އެ މީހުން ތިބީ ދޫނިދޫ ޖަލުގައިކަން އެނގުނީ ފަހުންނެވެ.

ތަހުގީގު ކުރިއަށް ގެންދިއުން

ފުރަތަމަ ވެސް ތަހުގީގަށް ހާޒިރުކުރީ ހޮނިހިރު ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ. ރަނގަޅަށް ނިދާފައި އޮއްވައި ސިފައިންގެ މީހަކު އައިސް ގޮވައި ނަގައިގެން ގެންދިޔަ އެވެ. ދުރުގައި ހުރި އިމާރާތަކަށް ގެންދިޔައިރު، އެ ބްލޮކްގެ ހުރިހާ ގޮޅިއެއްގައި ވެސް ތަހުގީގު ކުރިއަށް ގެންދާ އަޑުއިވެ އެވެ. އެތަނުން އެއްގޮޅީގައި ހުރީ "ބިއްލޫރި މޫސަ" ކަން އަޑުން އެނގުނެވެ. އޭނާއާ ސުވާލުކުރަމުން ދިޔައީ އޭނާއަށް ޖެއްސުމާއި މަލާމާތްކުރަމުންނެވެ.

އަހަރެންނާ ސުވާލުކުރީ ހައްޔަރުކުރިއިރު، ޖިޕްގައި ހުރި އެކަކެވެ. ޖުމްހޫރީ މައިދާނުގެ އެއްވުމުގައި ބައިވެރިވީ ކީއްވެތޯ ސުވާލުކުރި އެވެ. ގާނޫނީ ވަކީލެއް ބޭނުންތޯ ސުވާލެއް ނުކުރެ އެވެ. ގާނޫނީ ހައްގުތަކެއް ބުނެ ނުދެ އެވެ. މާބޮޑަށް ގާނޫނު ނޭނގުނަސް، ނޫސްވެރިޔެއްގެ ހައިސިއްޔަތުން އަހަރެން ކުރީ ކުށެއް ނޫންކަން އޭރުވެސް ގަބޫލުކުރީމެވެ. އަދި ރާއްޖޭގެ މީޑިއާތަކުން އެ ދުވަސް ފުރިހަމައަށް ކަވަރު ނުކުރުމަކީ އަހަރެން އެކަން ނުކޮށް ދޫކޮށްލަންޖެހޭ ކަމެއް ނޫންކަން ގަބޫލުކުރެވޭތީ، ޖަވާބު ދިނީ އެވަގުތު ވެސް އަދި މިހާރު ވިސްނާލިޔަސް އެންމެ ރަނގަޅަށެވެ.

ކަޅު ހުކުރުގެ އެއްވުން ކުރިއަށް ދިޔައިރު، ސިފައިން މަންޒަރު ބެލުމަށާއި ފޯރިމެރުމުގައި ހަރަކާތްތެރި ވަނީ


ތަހުގީގުގައި މާގިނަ ސުވާލެއް ނުވެސް ކުރެ އެވެ. އަހަރެން ބުނީ އެއްވުމުގައި ބައިވެރި ނުވާ ކަމަށެވެ. އަދި އެތަނަށް ދިޔައީ، އަދި ހަރަކާތްތެރިވީ ނޫސްވެރިއެއްގެ ގޮތުން ކަމަށެވެ. އެކަން ކުރުން މަނާ ނޫން ކަމަށެވެ.

ކަޅު ހުކުރުގެ އެއްވުމާ ގުޅިގެން ގާތްގަނޑަށް 200 މީހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރުކުރުމުގެ ތެރޭގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ދީފައި ހުއްޓެވެެ.

އަހަރެން ދޫކޮށްލީ ހައްޔަރުކުރިތާ ނުވަ ވަނަ ދުވަހު އެވެ. އެއީ ގިރިފުށިން ދޫކޮށްލި އެންމެ ފަހު ގްރޫޕެވެ. ދޫކުރަން ފެނިވަޑައިނުގަތް އެންމެން ބަދަލުކުރީ ދޫނިދޫ ޖަލަށެވެ.

އަހަރެން ސިފައިންގެ ބަންދުން ދޫކޮށްލި ލިޔުމުގައި އޮތީ "މާލޭ ބަންދު" ކަމަށެވެ. މާލޭން ބޭރަށް ދާނަމަ ހުއްދަ ހޯދަންޖެހެ އެވެ. ކަޅު ހުކުރުގެ އެއްވުމަކީ ބަގާވާތެއް ގެނައުމަށް ކުރަން އުޅުނު ކަމެއް ކަމަށް އޭރު ސަރުކާރުން ތުހުމަތުކުރި އެވެ. އިސްކޮށް އުޅުނު ބައެއް މީހުންނަށް ކުރި ދައުވާތައް އަނބުރައި ގެނެސް، ރައީސް މައުމޫންގެ "އަފޫއާންމު" އައީ، ސުނާމީއަށް ފަހުގަ އެވެ.

އެއަށް ފަހު އިސްލާހީ ހަރަކާތަށް ހުއްޓުމެއް ނައެވެ. ކަޅު ހުކުރަކީ ވަރުގަދަ ވެރިކަމެއް ނިމުމުގެ ސިއްކަ ޖެހުމުގެ ފާހަގަކޮށްލެވޭ ފެށުމެކެވެ. މިއަދު މި ފެންނަނީ އޭރުގެ އުއްމީދާއި ކާމިޔާބެވެ. ތަޖުރިބާ މިކުރަނީ އެ މަސައްކަތުން ލިބުނު ގާނޫނުއަސާސީ އާއި އެ ގާނޫނުއަސާސީން ލިބުނު ހައްގުތަކާއި އުފާވެރި މިނިވަންކަމެވެ. މިހާރު މިދަނީ އެކަންކަން ފުރިހަމަވަމުންނެވެ.