Advertisement

ނަފުރަތުގެ ބިލު ސަރުކާރުން ހުށަހެޅިގޮތް ރައީސަށް ވެސް ކަމުނުދޭ

11 އޮގަސްޓު 2021 - 20:46 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލާ މެދު ހިޔާލުތަފާތުވުންތައް ބޮޑު. -ވިޝުއަލްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ނަފުރަތުގެ ބިލު ސަރުކާރުން ހުށަހެޅިގޮތް ރައީސަށް ވެސް ކަމުނުދޭ

11 އޮގަސްޓު 2021 - 20:46 0

ދީނާ ގުޅުވައިގެން ނަފުރަތު އުފެއްދުން ހުއްޓުވަން ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އެދިވަޑައިނުގަންނަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު އެންމެ ފުރަތަމަ ހުށަހެޅީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގަ އެވެ.

ނަމަވެސް، އެ ބިލު އޮތްގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން އެ ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ބަންޑުންވި އެވެ.

އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމުގެ އިންޒާރެވެ.

އެ ކަންބޮޑުވުންތަކުގެ އަޑު ގަދަވުމާއެކު ސަރުކާރުން އިސްވެ މުޅި ބިލުގައި އޮތް ހުރިހާ މާއްދާތަކެއް އެކީގައިހެން ބަދަލުކޮށް، ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން މާއްދާއެއް އިތުރުކުރަން ހުށަހެޅި އެވެ.

ނަމަވެސް، އެ ބިލު ހުށަހެޅި މަގުސަދު އޮޅުވާލައި، ނަތީޖާއެއް ނުނެރެވޭ ގޮތަށް ބިލު އެކީގައި ބަދަލުކުރަން އެމްޑީޕީގެ މެމްބަރުންތަކެއް ތެދުވުމުން، މަޖިލިސް ޗުއްޓީއަށް ދިޔައީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލަން ނިންމައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެ ބިލާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފަ އެވެ.

އެ ބިލާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތައް ދިފާއުކުރައްވަމުން އެމަނިކުފާނު މިއަދު ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމާއި އެފަދަ ބިލުތަކުގައި އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެ ކަމެވެ.

އެގޮތުން، ނަފްރަތުގެ ބިލު ފޮނުވުމަށްފަހު އާންމުންގެ ވިސްނުން ވެސް ހުރި ގޮތުން އެ ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަން ފާހަގަކުރެވިގެން ކޮމިޓީ މަރުހަލާގައި އެކަން ކުރަން މަސައްކަތް ކުރެވުނުކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގަންނަންޖެހޭ އިސްލާހުތައް އެބަހުރި. އެ އިސްލާހުތަކާއެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާ ބިލުތައް އަންނަނީ ރައީސް އޮފީސް މެދުވެރިކޮށެވެ. ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓުކުރާ ބިލުތައް ރައީސް އޮފީހުން ސިއްކަ ޖެހުމުން އެ އަންނާނީ އެއިރެއްގައި ވެރިކަން ކުރާ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށެވެ.

މަޖިލީހުގެ ތަޅުމާ ހަމައަށް އަންނަނީ އެ ގުރޫޕުގެ ތެރެއިން ކޮންމެ ވެސް މެމްބަރެއް ސްޕޮންސާ ކުރެއްވުމުންނެވެ.