Advertisement

ދޮޅު މަހަށް ފަހު މަސްވެރިންނަށް ކޫއްޑޫ ހުޅުވާލައިފި

8 އޮގަސްޓު 2021 - 11:44 0

އަމަން ހަލީމް

އަމަން ހަލީމް

ކޫއްޑޫ މަސް ފެކްޓްރީ: މިއީ ދެކުނުގެ އަތޮޅުތަކުގެ ގިނަ މަސްވެރިންނަށް މުހިންމު ފެސިލިޓީއެއް. -- ފޮޓޯ: މިފްކޯ


ދޮޅު މަހަށް ފަހު މަސްވެރިންނަށް ކޫއްޑޫ ހުޅުވާލައިފި

8 އޮގަސްޓު 2021 - 11:44 0

ކޮވިޑް ކޭސްތަކެއް ފެނިގެން މަސްކިރުން މެދުކަނޑާލިތާ ދޮޅު މަހަށް ފަހު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އިއްޔެ މަސްކިރަން ފަށައިފި އެވެ.

ގއ. ކޫއްޑޫއިން މަސްވެރިންނަށް އަލުން ހިދުމަތްތައް ދޭން ފެށީ އެ ރަށުގައި އިއުލާންކޮށްފައި އޮތް މޮނިޓަރިން ހާލަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އުވާލުމާ ގުޅިގެންނެވެ. އެ ރަށުގެ މޮނިޓަރިން އުވާލީ ކޮވިޑާ ގުޅިގެން ޖޫން 12 އިން ފެށިގެން މޮނިޓަރިންގައި އޮންނަތާ 55 ދުވަސް ފަހުން، އޮގަސްޓް 5 ގަ އެވެ.

މޮނިޓަރިންއަށް ލުމަށް ފަހު ވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައީ މަސްވެރިންނަށް ހިދުމަތް ދެމުންނެވެ. އެ ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ތަނުގެ އޮޕަރޭޝަނަށް ބުރާއަރާ އަދަދަށް މުވައްޒަފުން ކަރަންޓީނު ވާން ޖެހުމުން، ޖުލައި 21 ގަ އެވެ.

ކޫއްޑޫ ފެކްޓްރީ ހިންގުމާ ހަވާލުވެ ހުންނަވާ މިފްކޯގެ އެސިސްޓަންޓް ރީޖަނަލް މެނޭޖާ މުސްތަފާ ޖަމީލް "އަދަދު"އަށް ވިދާޅުވީ، އިއްޔެއިން ފެށިގެން އާންމު ހާލަތާ އެއްގޮތަށް މަސްވެރިންނަށް ކޫއްޑޫ ޖެޓީން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި މަސް ކިރުމާއި އައިސް ވިއްކުމުގެ ހިދުމަތް ކުރިޔެކޭ އެއްގޮތަށް މަސްވެރިންނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅިގެން މުސްތަފާ ވިދާޅުވީ، މިވަގުތު ޕޮޒިޓިވް 11 މުވައްޒަފަކު އެބަ ތިބި ކަމަށެވެ. އަދި އިތުރު ބަޔަކު ޕޮޒިޓިވް ނުވާ ނަމަ، މި މަހުގެ 14 ގައި ހުރިހާ މުވައްޒަފުން ކަރަންޓީނުން ވީއްލި މަސައްކަތާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔައިރު ކޫއްޑޫ ފެކްޓްރީ އަދި މަސް ބޯޓުތަކުގެ މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތަށް ޖުމްލަ 193 ޕޮޒިޓިވް ކޭސް ފެނުނެވެ.

ކޫއްޑޫ އިންޑަސްޓްރިއަލް ކޮމްޕްލެކްސްއަކީ ދެކުނުގައި މަސްވެރިކަން ކުރާ ދޯނި ފަހަރަށް މުހިންމު ފެސިލިޓީއެކެވެ. އެއީ އެއް ތަނަކުން މަސްވެރިންނަށް ބޭނުންވާ ގިނަ ހިދުމަތްތައް ލިބޭނެ ހަމައެކަނި ތަނަކަށް ކޫއްޑޫ އޮންނާތީ އެވެ.