Advertisement

އުތުރު ކޮރެއާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

8 އޮގަސްޓު 2021 - 11:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ކޮމިއުނިސްޓް ޕާޓީގެ ބައްދަލުވުމެއްގައި.-- ފޮޓޯ: އޭއެފްޕީ


އުތުރު ކޮރެއާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

8 އޮގަސްޓު 2021 - 11:18 0

ސޯލް، ދެކުނު ކޮރެއާ (އޯގަސްޓު 8) - ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، އުތުރު ކޮރެއާގެ ހާހަކަށް ވުރެ ގެއަށް ގެއްލުންވެފައި ވާއިރު 5،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

ދައުލަތުގެ މީޑިއާ، ކޭސީޓީވީން ބުނީ ދަނޑުބިންތަކުގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގައި ކަމަށެވެ. މިދިޔަ ޖޫން މަހު އެ ގައުމުން ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ.

ކޭސީޓީވީން ދެއްކި މަންޒަރުތަކުން ފެންނަނީ ގެތަކުގެ ފުރާޅާ ހަމައަށް ފެންބޮޑުވެފައިވާ ތަނާއި ބައެއް ބްރިޖުތަކަށް ގެއްލުންވެފައިވާ ތަނެވެ.

އެ ޓީވީން ބުނީ ދެކުނު ހަމްގްޔޮންގް ޕްރޮވިންސްގައި "އެތައް ސަތޭކަ ހެކްޓަރުގެ ދަނޑުބިން" ވެސް އޮތީ ފެނު އަޑީގައި ކަމަށާއި ގެތަކާއި މަގުތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނީ ދެކުނު ހަމްގްޔޮންގް ޕްރޮވިންސަށް އެހީވުމަށް ލީޑަރު ކިމް ޖޮންގް އުން އަމުރު ކުރައްވާފައިވާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އުތުރު ކޮރެއާއިން ވަނީ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް، ކުރިއަށް ވުރެ ވެސް ބޮޑަށް ދުނިޔޭގެ އެހެން ގައުމުތަކާ އެކަހެރިވެފަ އެވެ.

ކުރިން ޗައިނާ އާއެކު ގަވާއިދުން ވިޔަފާރި ކުރަމުން ދިޔަ ނަމަވެސް ބަލިމަޑުކަމަށް ފަހު އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިއަށް އަސަރުކޮށް، އިގްތިސާދު ވަނީ މަޑުޖެހިފަ އެވެ.