Advertisement

ދިވެހިން ދަންނަ ހަންޑި ފުރޭތައިގެ ވާހަކަ

6 އޮގަސްޓު 2021 - 09:18 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އަދަދު އާޓްވޯކް: އަހުމަދު އިހްސާން (އަރަކަ އާޓްސް)


ދިވެހިން ދަންނަ ހަންޑި ފުރޭތައިގެ ވާހަކަ

6 އޮގަސްޓު 2021 - 09:18 3

މިއަދު އަޅުގަނޑު މި ހުޅުވާލަނީ ބޮޑުތަޅުއަޅުވާފައި އޮތް، ބޮޑު، ބަރު، ހިރަފުސް ބޯ ފޮތެކެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ ދިވެހި ފޯކްލޯރުގެ އެންމެ މުއްސަނދި އެއް ބާބެވެ. އިހު ޒަމާނުއްސުރެ އަޅުގަނޑުމެން ދިވެހިންނަކީ ޖިންނި ޝައިޠާނުންނާއި ހަންޑި ފުރޭތަ އާއި އެ ނޫންވެސް ރޫޙާނީ ކަންކަމުގެ ބިރަށް ބަރޯސާވެ، ދިރިއުޅުމުގެ ދުވަހީ ކަންތައްތައްވެސް ބައްޓަންކުރަމުން އައި ބަޔަކީމު އެވެ.

ފްރަންސުއާ ޕިރާޑް ޑިލަވާލް ދިވެހިންނާމެދު ލިޔުއްވާފައިވާގޮތުން ނަމަ، ދިވެހިން ފަޖުރުލުމާއެކު ފަތިސް ނަމާދަށް ދިއުމުގައިވެސް އޭރު އާދަޔާޚިލާފު ޤަބޫލުކުރުންތަކެއް ގެންގުޅުނެވެ. ޕިރާޑު ލިޔުއްވާ ގޮތުންނަމަ، ދިވެހިން އޭރު ޤަބޫލުކުރަނީ ދުނިޔެއަކީ އޭގެ ވަށައިގެން ލޯފާރެއް ލާފައި އޮންނަ ފަތި އެއްޗެއްކަމުގަ އެވެ. އަދި އެ ފާރުން ބޭރުގައި އޮންނަ ބޮޑު ފެންގަނޑު އައިސް ބިން ފޮރުވާނުލެވެނީ އެ ފާރު ހުންނާތީކަމަށެވެ. ޕިރާޑު ވިދާޅުވާގޮތުން، ދިވެހިން ޤަބޫލުކުރި ގޮތުގައި ކޮންމެ ރެއަކު ޝައިޠާނާ ހުންނަނީ އެ ފާރުގައި ބާގަނޑެއް ހަދަން ތައްޔާރުވެގެންނެވެ. އެ ސޮރަށް ނާކާމިޔާބު ވަނީ ފަތިސް ނަމާދުކޮށް ޤުނޫތު ކީމަ އެވެ.

ޕިރާޑު މި ވާހަކަތައް ދިވެހި ޤަބޫލުކުރުމެއްގޮތަށް ޖެނެރަލައިޒް ކުރައްވާ ނަމަވެސް، މީގައި ދީނީ ހަވާލާތަކެއްވެސް ނުވޭތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެ އެވެ. މިއީ ޛުލްޤަރްނައިން ރަސްގެފާނު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ލޯފާރެއްގެ ފުރަގަހުގައި ބަންދުކުރެއްވި ވާހަކަ އާއި ޤިޔާމަތްދުވަހަށް ކުރެވޭ އިޝާރާތެއް ނޫން ބާއޭ ހިތަށް އަރަ އެވެ.

ޕިރާޑު ވިދާޅުވާ އަނެއް ވާހަކައަކީ، އޭރު ދިވެހިންގެ ތެރޭގައި ބޭސްވެރިންނަށް ވުރެ ކަންވެރިންގެ ބަސް ވިކޭ ވާހަކަ އެވެ. ބަލިބަލީގެ ފަރުވާ ބޭނުންވާ ޙާލަތްތަކުގައްޔާއި އިޖުތިމާޢީ އަދި އިޤްތިޞާދީ މޮޅުތައް ބޭނުންވާ ޙާލަތްތަކުގައިވެސް ކަންވެރިޔާ އާއި، އޭނާގެ އެކުވެރި ޖިންނީންގެ އެހީގައި އެ ހޯދާ ހޯދުންތަކާއި އެ ލިޔާ ތަވީދުތަކުގެ އަގު ދިވެހިންގެ ކައިރީގައި ބޮޑު ވާހަކަ އެވެ.

މި ފަދަ އަނެއް ޤަބޫލުކުރުމަކީ، ޕިރާޑު ލިޔުއްވާފައިވާ، ޖިންނި ޝައިޠާނުން އުޅޭ ރަށުގެ ވާހަކަ އެވެ. ޕޯލާވައްސެވެ. އެރަށަކީ ޖިންނި ޝައިތާނުންގެ ރަށެއް ކަމަށް ދިވެހިން ޤަބޫލުކުރެ އެވެ. އަދި އެ ސޮރުމެންގެ އުނދަގުލާހެދި އެ ރަށަށް ނުދެވޭ ކަމަށާއި، ދެވިއްޖެނަމަ، ސަލާމަތުން އެނބުރި އައުންދަތިކަމަށް ދިވެހިން ޤަބޫލުކުރާކަމަށް ޕިރާޑު ލިޔުއްވަ އެވެ.

މި ފަދަ ކޮންމެ ޤަބޫލުކުރުމެއްގެ ފަހަތުގައި ވަނީ ދިވެހިން ގެންގުޅޭ ޚިޔާލީ ދެވިތަކާއި ހަންޑިތަކާއި ފުރޭތަތަކުގެ ވާހަކަ އެވެ. މި ފަދަ ގިނަ ވާހަކަތައް އަދިވެސް އަޅުގަނޑުމެންނާ ހަމައަށް އަންނަނީ ތުންތުންމަތިންނެވެ. ތުންތުންމަތިން، އެއް ޖީލުން އަނެއް ޖީލަށް މި ފަދަ ވާހަކަތައް ދައުރުވަމުންދާއިރު ނިކުންނަ އެންމެ ބޮޑު މައްސަލައަކީ އެކި ޒާތްތާކުގެ ފުރޭތަތަކަށް ދީފައިވާ ނަމާއި އެ ސޮރުމެންނަށް ދިވެހިން ދޭ ސިފަތައް އެކި ގޮތަށް ކިޔައި ބަދަލުވަމުން ދިއުމެވެ. މިއަދު އަޅުގަނޑު މި މަސައްކަތްކުރަނީ މި ފަދަ އެކި ހަންޑި ފުރޭތަ ސިފަކުރެވޭ ގޮތްތަކަށް ބަލާލާށެވެ.

"ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް 1" ގައި ހިމަނުއްވާފައިވާ، ފަޞީލަތުއްޝައިޙް ޙުސައިން ޞަލާޙުއްދީން "އަލްއިޞްލާޙު" ގެ 3 ވަނަ ޢަދަދުގައި ލިޔުއްވާފައިވާ "ތާރީޚާއި ގުޅޭ ވަކި ޚަބަރެއް" މިލިޔުމުގައި ދިވެހިން އިސްލާމް ދީން ޤަބޫލުކުރެއްވުމަށްފަހު، ކުރިން ބުދުދީނުގައި ގެންގުޅުނު ދެވިތަކަށް ދިން ދަރަޖަ ބަދަލުވެގެންދިޔަ ގޮތުގެ މައްޗަށް ތަފްޞީލާއެކު ލިޔުއްވާފައިވެ އެވެ. ޞަލާޙުއްދީން މި މާނަކުރުންތައް ހޯއްދަވާފައިވަނީ އެޗް.ސީ.ޕީ. ބެލްގެ ސުވާލެއްގެ ޖަވާބުގައިކަމަށް ލިޔުއްވާފައިވެ އެވެ. މި ލިޔުމުގައި ސޯޅަ ވައްތަރެއްގެ ދެވީގެ ވާހަކަ ލިޔުއްވާފައިވެ އެވެ.

ޞަލާހުއްދީން ސިފަކުރައްވާ ގޮތުންނަމަ "ބުއްޑެވި" އަކީ ބުދުތަކުގެ ރޫޙާނީ ކަމެވެ. މިއަދު ބުއްޑެވި މާނަކުރުމުގައި ބުދު ދީނުގެ ވާހަކައެއް ނާދެ އެވެ. ބަސްފޮތުގައި ބުއްޑެވި މާނަކޮށްފައިވަނީ، މީހުންނަށް ބަލިޖައްސާ ޚިޔާލީ ފުރޭތައެއްގެ ގޮތުގަ އެވެ.

ޞަލާޙުއްދީން ދެން މާނަކުރައްވަނީ "ރަވޯ" އެވެ. އެއީ ޅަކުދިންނާ ފާވެއުޅޭ ޝައިޠާނެކެވެ. ކުދީންނަށް ޒާތްޒާތުގެ އުނދަގޫދީ، ހަށިހިއްކައި، ރޮއްވައި، އަރާމުލިބުނަ ނުދީ އުޅެ އެވެ. ރަވޯގެ މާނަކުރުމަށް މިއަދި މާބޮޑު ބަދަލެއް އައިސްފައިވާކަމަކަށް ނުބެލެވެ އެވެ. ބަސްފޮތުގައިވެސް އޮންނަނީ މި ފަދަ މާނައެކެވެ. ބަސްފޮތްވެސް ބުނަނީ ރަވޯއަކީ ކުޑަކުދިންނާ ފޮށިގަންނަ ދެއްވެއްކަމަށެވެ. މީގެ އުނދަގޫޖެހުމުން ކުއްޖާ ބަލިވެ އުޅެން ފަށަ އެވެ. މަތިބަލައި ރޮއި ހަދަ އެވެ. ބޮޑުވުން ހުއްޓި ކަޅުކަޅީގެ ކުލަ ހުދުވެ އެވެ. ބޯ ބޮޑުވެ ގާތުން ކިރުނުބޯން އުޅެ އެވެ. މި ބަލި ޖެހިފައިތިބޭ ކުދިންނަށް ރަވޯ ކައިފައިތިބޭ ކުދިންނޭވެސް ކިޔަ އެވެ.

ދެން އޮތީ "އޮޑިތާން"ގެ ވާހަކަ އެވެ. ޞަލާޙުއްދީން ވިދާޅުވަނީ އެއީ ކަނޑުގެ ފަހުލަވާނެއްކަމަށެވެ. ކަޅުހިލަދާޔަކަށް އަރައިގެން ބިންހިމަ ފަތަކުން ރިޔާ ނަގައިގެންވެސް އޭނާ ހިނގައިދޭނޭކަމަށް އެމަނިކުފާނު ލިޔުއްވަ އެވެ. ބަސްފޮތުގައި އޮންނަނީ އޮޑިތާންކަލޭގެގެ ވާހަކަ އެވެ. ބަސްފޮތް ބުނަނީ މިއީ އިހުގައި އުޅުނު ފަންޑިތަވެރި ރައިވަރުހަދާ މީހެއް ކަމަށެވެ. އަދި އޭނާ ހަދާ ރައިވަރުގައި ބަނޑުވައްއަކުރެއް ނިމޭ އަކުރެއް އެއްގޮތް ނުކުރާ ވާހަކަ އެވެ. މިހާ ހިސާބުން މިއީ ގުޅުމެއް ނެތް، ނަން ވައްތަރު ދެ މީހެއްގެ ވާހަކަ ކަމަށް ބެލެވިދާނެ އެވެ. އޮޑިތާނަކީ ދެވި ކަމަށާއި، އޮޑިތާންކަލޭގެ އަކީ މަޝްހޫރު މަޖާޒު "އޮޑިތާންކަލޭގެ ރައިވަރު"ގައި އިޝާރާތްކުރާ އޮޑިތާންކަލޭގެކަމަށް ބެލެވިދާނެ އެވެ. ހެއިމޫސާ އަކީވެސް ޞަލާޙުއްދީން އެ ވިދާޅުވާ "އޮޑިތާން" ފަދަ ދެއްވެއްކަމަށް ލިޔުއްވާފައިވެ އެވެ. ބަސްފޮތްވެސް މި ދަންނަވާ ހެއިމޫސަ ސިފަކުރަނީ ޚިޔާލީ ދެއްވެއްގެ ގޮތުގަ އެވެ.

ދެން އޮތީ ދިޔޯގެ ވާހަކަ އެވެ. ޞަލާޙުއްދީން ވިދާޅުވާގޮތުންނަމަ ދިޔޯ އަކީ ރޫޙާނީ އަންހެކެވެ. ބަސްފޮތުގައި ދިޔޯ މާނަކުރަނީ "ރީތި އަންހެނާ" ގެ ގޮތުގަ އެވެ. ދިވެހި އަދަބިއްޔާތުގައި "ދިޔޯ" މި ލަފުޒަށް އޮންނަ އެންމެ އިހުގެ އެއް ހަވާލާއަކީ ބަނޑޭރި ހަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރެވެ. މީގައި ވެސް މި ދައްކަނީ މުސިންބީ އާއި ދެކުނުގައި ތިބި ދެ އަންހެނުންގެ ވާހަކަ އެވެ. އެހެންނަމަވެސް މިއީ ރޫޙާނީ ބާރުތަކެއް ލިބިފައިތިބި އަންހެނުންތަކެއްކަމަށް ބެލެވިދާނޭ މިސާލުތައް ދިޔޯގެ ރައިވަރުން ފެންނާތީ، މީގައި ވެސް ބޮޑަށް ބުރަވެވެނީ ޞަލާޙުއްދީންގެ މާނައަށެވެ. އެހެންނަމަވެސް މިހާރު، ރޫޙާނީ ބައި ނުހިމެނޭގޮތަށް، ހަމައެކަނި ރީތި އަންހެނުން ސިފަކުރުމަށް ދިޔޯ ބޭނުންކުރުން ވަނީ ޢާއްމުވެފަ އެވެ.

މިސްކިތްދާރައިގެ ވާހަކައަކީވެސް އަޅުގަނޑުމެން އަޑުއަހާ ވާހަކައެކެވެ. ޞަލާޙުއްދީން މި ޖިންނި ވެސް ހިމަނުއްވާފައިވަނީ އެއްކަލަ ލިސްޓުގަ އެވެ. ބަސްފޮތުގައިވެސް ވަނީ އެ މާނައަށް ކުރައްވާފައިވާ އިޝާރާތެކެވެ. ޞަލާޙުއްދީން ވިދާޅުވާ ގޮތުން މިސްކިތްދާރައަކީ ރާއްޖެ އިސްލާމްވުމަށްފަހު އުފެދުނު ދެއްވެކެވެ. އެއީ އޭގެ ސަބަބުން ނުބައިކަމެއް ނާންނަ، މުއުމިނު ޖިންނިއެކެވެ.

ޞަލާޙުއްދީން ދެން ވިދާޅުވަނީ ހަންޑީގެ ވާހަކަ އެވެ. މިއީ ވަރަށް ދެރަ، ހަޑި މުޑުދާރު އަންހެން ޝައިޠާނެއްކަމަށް ޞަލާޙުއްދީން ސިފަކުރައްވަ އެވެ. ބަސްފޮތުގައި ހަންޑި ސިފަކުރުމުގައި އޭގެ ހަޑި މުޑުދާރު ވާހަކައެއް ގެނެސްފައެއް ނުވެ އެވެ. ދިވެހި އަދަބިއްޔާތާއި ފުލޯކު ވާހަކަތަކުން މާނަ ނަގާނަމަ، ހަންޑިއަކީ ހަޑިމުޑުދާރު އެއްޗެއްކަމުގައި ޤަބޫލުކުރި ޤަބޫލުކުރުން ބަދަލުވެފައިވާކަން ދޭހަވެ އެވެ. މިސާލަކަށް ދިވެހިންނަށް އެންމެ ފަރިތަ އެއް ހަންޑިކަމަށްވާ ހަންޑިގަނޑުވަރު ދޮންކަމަނަ ވެސް ސިފަކުރެވިފައި އޮންނަނީ އާދަޔާ ޚިލާފު ރީތި އަންހެނެއްގެ ގޮތުގަ އެވެ.

ޢާއްމު ގޮތެއްގައި ވިގަނިވެސް މާނަކުރެވެނީ ޚިޔާލީ ފުރޭތައެއްގެ ގޮތުގަ އެވެ. ޞަލާޙުއްދީން ވިދާޅުވާ ގޮތުގައި ވިގަންޏަކީ މަރުގެ ރޫޙާނީކަމެވެ. ކުއްލިކުއްލިއަށް މީސްތަކުން މަރުވުމާއި، ވަބާތަކާއި، ރޯގާތަކުގެ ސަބަބަކީ އެއީކަމުގައި ދިވެހިން ހީކުރިކަމަށް އެމަނިކުފާނު ލިޔުއްވަ އެވެ. ތުންތުން މަތިން އައިސްފައިހުރި ވާހަކަތަކުން ވިގަންޏާ ކަނޑާ ކޮންމެވެސް ގުޅުމެއްވާކަމަށް ބުނެވެ އެވެ. "ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ބައެއް މަޖާޒާއި މިސާލުބަސް" މި ފޮތުގައި، ޢަބްދުލް ޙަކީމް ޙުސައިން މަނިކާ ހަވާލާދެއްވައި ޢަބްދުﷲ ޞާދިޤު ލިޔުއްވާގޮތުގައި މީހަކުމަރުވީމާ ގަބުރު ތެދުވެ، އަތިރިމައްޗަށް ގޮސް ކަނޑުގައި ފައިޖެހުނީމާ ދެން ކަނޑުން އަރަނީ ވިގަންޏެވެ. ދެން އެ ވިގަނި ރަށް ބަރުބާދުކޮށްލަނީ ކަމުގައި އެ ފޮތުގައި ލިޔުއްވާފައިވެ އެވެ.

ދެން އޮތީ މި ޒަމާނުގެ ކުޑަކުދިން ވަރަށް އަޑުއަހާ ނަމެކެވެ. ކުޑަފޫޅެވެ. މި ޒަމާނުގެ ދިވެހިން ދަންނަ ކުޑަފޫޅަކީ ފާރޮށި ކާން މާ ވަރެއް ހުންނަ އެއްޗެކެވެ. މާނަ މާ ދުރެއް ނޫނެވެ. ބަސްފޮތުގައި އޮންނަނީ ކުޑަފޫޅަކީ މީހުންނަށް ބަލިޖައްސާ ޚިޔާލީ ދެއްވެއްކަމަށެވެ. އަދި އެ ޖައްސާ ބަލީގައި ދަހިވެގެން ކާހިތް ނުފިލާކަމަށް އޮވެ އެވެ. ޞަލާޙުއްދީން އެހާ ތަފްޞީލެއް ނުދެއްވަ އެވެ. ވިދާޅުވަނީ އެއީ ވަރަށް މުޑުދާރު ޝައިޠާނެއްކަމަށެވެ. މީސްތަކުންނަށް ވަރަށް ގިނަ ދުއްތުރާ ދޭ އެއްޗެއްކަމަށެވެ.

ދެން އޮތީ ފަންޑިތަވެރިން މާ ގާތްކޮށްގެން އުޅުނު ދެއްވެއްގެ ވާހަކަ އެވެ. ބަސްފޮތުގައި އެ ދެވި، "އިފުރިންފުރާ" މާނަކޮށްފައި އޮންނަނީ ފަންޑިތަވެރިން ތަކެތި ޤުރުބާންކޮށް އުޅުނު ޚިޔާލީ ދެއްވެއް ގޮތަށެވެ. ޞަލާޙުއްދީން އިތުރު ތަފްޞީލުދެއްވާފައި އޮވެ އެވެ. އެމަނިކުފާނު ސިފަކުރައްވާގޮތުން އެއީ ރޫޙާނީ ރަސްކަލެކެވެ. ބޮޑެތި ކިޔެވެލި ކިޔަވާފައި ވެވޭ ޤުރުބާން އެއިގެ މައްޗަށް ކަތިލެވޭކަމަށް ބުނެއުޅޭކަމަށް ޞަލާޙުއްދީން ވިދާޅުވެ އެވެ.

ދެން މި އޮތީ "އޮޑިވަރުރެއްސި"އެވެ. މިއީ އޮޑިދޯނިފަހަރާ އަޅައިގަނެގެން އުޅޭ ދެއްވެއްކަމަށް ބުނެވެ އެވެ. ޞަލާޙުއްދީންވެސް ވިދާޅުވަނީ މިއީ ކަނޑުގައި އުޅޭ، މަސްވެރީންނާ ދިމާކޮށްގެން އުޅޭ ޝައިޠާނެއްކަމަށެވެ.

ކިއްސައްދެއްވާއި މުޅަދެއްވަކީ ޤަބުރުސްތާނުގައި އުޅޭ ދެ ދެއްވެވެ. ޞަލާޙުއްދީން ވިދާޅުވާގޮތުގައި ކިއްސައްދެވި މީހުންނަށް ބަލިޖައްސައި ކުލަ ރީނދޫކޮށް، މާ ބަނޑުމީހުންގެ ބަނޑުގައި ރޮނގުއަޅައި އުޅެ އެވެ.

ކުޑަކުދިން ފުނާ ނާޅައި ތިބޭ އިރު ނުވަތަ ބޯހާވައިގެން ތިބޭ ނަމަ، ހާމުންޑިއެއްހެން ބޯހާވައިގެންނޭ ކިޔާ އުޅެ އެވެ. އެއީ ބޯހޭވީމާ ފިޔޮއް ނުވަތަ ކުކުޅު ހާލާ ވައްތަރުވީމާ ބާވަ އެވެ؟ ޞަލާޙުއްދީން ވިދާޅުވަނީ މިއީވެސް ދިވެހިން ދެއްވެއްގެ ގޮތުގައި ބަލައިގަތް އެއްޗެއްކަމަށެވެ. މިއީ ގެއަށް އޮޅުވެގެން އުޅޭ ދޫނިސޫފާސޫފީގެ ދެއްވެއްކަމަށާއި، އިންނާނީ ހިޔަ ފިޔޮއް ގޮވައިގެން އިންނަ ފީކުކުޅެއްހެން ކަމަށް އެމަނިކުފާނު ލިޔުއްވަ އެވެ.

ދެން މި އޮތީ އެންމެ މަޝްހޫރު އެއް ދެއްވެވެ. ބަބުރުކަލޯ އެވެ. މިސޮރަށް ވަރަށް ގިނަ ނަން ކިޔައި އުޅެ އެވެ. ބަޑިއެދުރުކަލޭގެ، ބަޑިއެދުރުކަލޭގެފާނު، މާބެއި، ކިރުފެލިހުނި ހުސެންކަލޭގެ އަދި ބަޑި ފުރޭތަ ކިޔައި އުޅެ އެވެ. ޞަލާޙުއްދީން ވިދާޅުވާގޮތުގައި މިއީ ކުއްފާރު ޖިންނިއެކެވެ. މާ ގަދަފަދަ ޝައިޠާނެކެވެ. އަބަދުވެސް ބޮޑު ބަޑިއަކާއި ފިސްތޯލައަކާ ގެންގުޅެ އެވެ. އަދި އޭނާގެ ނަން ގަނެވިއްޖެ ކޮންމެ ތާކު ހުރެ އެވެ.

ވިލްމޮޓް ކްރިސްޓޮފާ ލިޔުއްވާފައިވެ އެވެ.

"އެބައިމީހުން ޔަޤީންކުރާ ގޮތުގައި އެރާއްޖޭގައި މީހުންނަށް ނުފެންނަ ރޫޙާނީ ބަޔަކު އުޅެ އެވެ. އެބައިމީހުންނަކީ، އާދަޔާ ޚިލާފު މަތިވެރި ބާރެއް ލިބިފައިވާ ބައެކެވެ. އެބައިމީހުން ބޭނުންގޮތަކަށް އިންސާނުންނަށް ނުބައި ކަންތައްކޮށް އުނދަގޫދީ ބަލިޖައްސާ ހަދަ އެވެ. ބައެއް ފަހަރަށް އެކި ސިފައިގާ އިންސާނުންނަށް ފެނިދެ އެވެ. ޢަޖާއިބުވާ ފަދަ ބޮޑެތި ކަންތައް ދައްކާ ހަދަ އެވެ. އެ ރާއްޖޭގައި ކިތަންމެ ބަޔަކު ލޮލުން ދެކެ އަތުން ހިފައިގެން އަހަރުމެން ގާތު މި ބާވަތުގެ ވާހަކަތައް ދެއްކި އެވެ. ބައެއް މީހުން މި ބާވަތުގެ ވާހަކަ ދައްކާއިރުވެސް ތިބެނީ ބިރުންނެވެ. އަދި އެ ނުބައި ރޫޙް ޔޫރަޕުގެ މީހުން ތިބޭ ހެދުމުގައި ބަޑި ހިފައިގެން ހުއްޓާ ފެންނަ ވާހަކަވެސް ބުނެ އެވެ. (ބަޑި އެދުރު ކަލޭގެ). އެބައިމީހުން ބުނާގޮތުގައި މި ރޫޙު ފެނިއްޖެނަމަ އެދުށް މީހާ މަރުވާނެ އެވެ. ނުވަތަ މޮޔަވާނެ އެވެ. ބަލިވެއިން އަންހެނަކު ނަމަ ހައްޔަރުން ނެއްޓޭނެއެވެ. ނޫނީ އެހެންވެސް ބޮޑު ގިލަންވެރިކަމެއް ޖެހޭނެ އެވެ."

ބަސްފޮތުގައިވެސް ބަޑިއެދުރު ސިފަކޮށްފައި އޮންނަނީ ކްރިސްޓޮފާ އެ ވިދާޅުވާފަދަ ގޮތަކަށެވެ. އެއީ ރަތް ކުރުއްޕިއެއް (ބަނޑުފަޅާލާފައި ހުންނަ ކޯޓެއް) ލާފައި ބަޑިއެއް ހިފައިގެން ހުންނަ ޚިޔާލީ ފުރޭތައެއް ކަމަށެވެ. ދިވެހި ފޯކުލޯރުގެ ތެރެއިން، އަމުދުން ފުރޭތައެއްގެ ގިންތީގައި، އިނގިރޭސިވެރިންގެ "ރެޑްކޯޓްސް" ފެންނާނެއެކޭ ހަމަގައިމުވެސް އަޅުގަނޑު، ދުވަހަކުވެސް ހިތަށްނާރަ އެވެ.

ޞަލާޙުއްދީން މި ލިޔުއްވާ ދެވިތަކުގެ އިތުރުންވެސް، ދިވެހިން ނަންދީގެން "ގެންގުޅޭ" ހަންޑި ފުރޭތަތައް ހުރެ އެވެ. މިފަދަ ބައެއް މިސާލުތަކަށް ނަޒަރު ހިންގާލަމާތޯ އެވެ. ސަންތިމަރިޔަނބަކީ، އަނގަގަދަ މިތުރާއި އަނގަމަޑު މިތުރުގެ ވާހަކައިގައި ދަތްގޯންޏެއް ހިފައިގެން އުޅޭ އަންހެން ހަންޑިއެކެވެ. ސަފަރުކަތްދަ އަކީ ކޮންމެ ސަފަރު މަހެއްގެ ފުރަތަމަ ދުވަހު، ދަރިންފަތި ގޮވައިގެން ކަނޑުން އަރާ އަންހެން ހަންޑިއެކެވެ. ފޫޅުދިގު ހަންޑިއަކީވެސް މިފަދަ ފުލޯކު ވާހަކައެއްގައި އުޅޭ ވަރަށް ދިގު ފޫޅެއް ހުންނަ ފުރޭތައެކެވެ. މިއީ ސީދާ ދިވެހި ފުލޯކު ވާހަކަތަކުން ފެންނަ ބައެއް ހަންޑިފުރޭތަ އެވެ.

އަލިފްލައިލާ ވާހަކައިގެ ޖިންނި ތަކާއި ހަންޑިތަކާއި ފުރޭތަތަކަކީ އަދި ވަކި ބާބެކެވެ. ދީވަލްޕާ ފަދަ ސިންދުބާދާ އެ ދިމާވާ ހުރިހައި ޖިންނި ފުރޭތައިގެ ސިފަތަކުން އެކަނިވެސް އެތައް ސަފުޙާއެއް ފުރާލެވިދާނެ އެވެ.

މީގެ އިތުރުންވެސް ހުޅުލޭ ބޮޑުމީހާ އާއި އަވައްޓެހިކުދިންގެ ވާހަކައަކީވެސް އަޑުއިވޭ ވާހަކަތަކެވެ. "މިސްޓިސިޒަމް އިން ދަ މޯލްޑިވްސް" މި ފޮތުގައި އަލްމަރްހޫމް ޢަލީ ޙުސައިން ހުޅުލޭ ބޮޑުމީހާގެ ވާހަކަ ވިދާޅުވެދެއްވަނީ ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގައި ހުޅުލޭގައި ހުރި ކ. އޮތޮޅު އޮފީހުގައި މަސައްކަތްކުރި ޢަބްދުﷲ ކިޔާ މީހަކާ ހަވާލާދެއްވާފަ އެވެ. ޢަބްދުﷲ ސިފަކުރެއްވި ގޮތުގައި ހުޅުލޭ ބޮޑުމީހާއަކީ އަށާރަ ފޫޓު ދިގު، ހަފޫޓު ފުޅާ މީހެކެވެ. ބޮލުގައި އިސްތައްޓެއް ނުހުރެ އެވެ. ހުންނަނީ އިންސާނެއް ހެނެވެ. ދެލޯ ދެކިބަ ކާށިވަރުވެއެވެ. ހުންނަނީ ރަތްކުލައިގަ އެވެ. އޭނާގެ ފައި ބިމަކު ނުޖެހެއެވެ. އެހެންނަމަވެސް މި ޢަބްދުﷲ އާ ދިމާއަށް ގުދުވެ ހީލާފައިދަނީ އެއްވެސް ގެއްލުމެއް ނުދީ އެވެ. އެކަމަކު އޭނާ ހުޅުލޭ ބޮޑުމީހާއާ ދިމާއަށް ދިއްކުރި ޓޯޗު ހަލާކުވެ އޭގެ ފަހުން ބޭނުންނުކުރެވޭކަމަށް ވިދާޅު އެވެ.

އަވައްޓެހި ކުދިންނަކީވެސް މީހުންނަށް ގެއްލުން ނުދޭ އެއްޗެއްކަމަށް ބުނެވެ އެވެ. މިއީ ގޭގައި ގެންގުޅޭކަމަށް ބުނެވޭ ރޫޙާނީ، އަންހެން އެއްޗެކެވެ. މި ގެންގުޅޭން އެނގިއްޖިއްޔާ ގޭގައި މަސައްކަތްކޮށްދޭކަމަށްވެ އެވެ. އަގަކަށް ބޭނުންވަނީ ހަމައެކަނި މަހުގެ ކަށިފަތިކަމަށްވެ އެވެ.

ލިޔަން ފައްޓަމުންވެސް ދެންނެވި ފަދައިން ހަންޑި ފުރޭތައިގެ ވާހަކައަކީ ދިވެހި ފޯކްލޯރުގެ އެންމެ މުއްސަނދި އެއް ބާބެވެ. މި ދެންނެވި ނަންތަކުގެ އިތުރުން، ފަންޑިތަވެރިންނާއި ސިހުރުވެރިން ދަންނަ އެތައް ނަންތައް ހުރެއެވެ. ހަންޑީގެ އެތައް ބާވަތެކެވެ. ޖިންނި ޝައިޠާނުންގެ އެތައް ގިންތިއެކެވެ. މި ވާހަކަތައް ދައްކާއިރު، ހަމައެކަނި ނަންތަކާއި ދިވެހިން އެކި ޒަމާނުގައި އެ ތަކެއްޗަށް ދިން ސިފަތައް ކިޔުމަކުން ނުފުދޭނެ އެވެ. މިފަދަ ޤަބޫލުކުރުންތަކަކީ އޭގައި އެކި މިންވަރުގެ ދީނީ ޤަބޫލުކުރުންތައްވެސް ހިމެނޭ ކަންކަން ކަމުން، މި ޖިންނި ފުރޭތައިގެ ވާހަކަތައް ދީނީ ނަޒަރަކުންވެސް އޮޅުންފިލުވުން މުހިއްމެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީ ދިވެހި ފޯކުލޯރަށް އިތުރު މުއްސަނދިކަމެއް ދޭ، އަދި އަޅުގަނޑުމެންގެ މުނިފޫހިފިލުވުމާއި އަދަބިއްޔާތައް އިތުރު ބާރެއް ދިން ބާބެއްކަމެވެ.