Advertisement

އަލަށް ކިޔަވައިދޭން ފަށަން ތައްޔާރުވި 3 ސްކޫލު ހުޅުވަން ވަގުތު ނަގާނެ

7 އޮގަސްޓު 2021 - 12:22 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބ. ފެހެންދޫގައި އިމާރާތްކުރާ ސެޓްލައިޓް ސްކޫލު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ: އެސްކޫލްގައި ކިޔެވުމަށް މި ވަގުތު ލިބިފައިވަނީ 19 ކުދިން ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: ފެހެންދޫ ކައުންސިލް


އަލަށް ކިޔަވައިދޭން ފަށަން ތައްޔާރުވި 3 ސްކޫލު ހުޅުވަން ވަގުތު ނަގާނެ

7 އޮގަސްޓު 2021 - 12:22 0

ދިރާސީ އާ އަހަރާ އެކު ހުޅުވަން ނިންމި ވ. ރަކީދު އާއި އެ އަތޮޅު ތިނަދޫ އަދި ބ. ފެހެންދޫ ސްކޫލުގެ ކިޔެވުން ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ކައުންސިލްތަކުން ބުނެފި އެވެ.

ކިޔަވާ ކުދިންގެ އަދަދު މަދުވުމުން ސަރުކާރުން ނިންމީ "ސެޓްލައިޓް" ސްކޫލު އެ ތިން ރަށުގައި އެޅުމަށެވެ. އޭރުން ފަހިވާ ފުރުސަތަކީ އަތޮޅުގެ އެހެން ރަށްތަކަށް ދަތުރުކުރަން ނުޖެހި ރަށުގައި ތިބެގެން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހަމަހަމަކަމާ އެކު ފަހިވުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އަހަރު ފަށާއިރު އެ ތިން ސްކޫލު ނިންމާ ކިޔަވައިދޭން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެ ރަށްރަށުގެ ކައުންސިލްތަކުން ލަފާކުރާ ގޮތުގައި ސްކޫލްތައް ނިންމައި ކިޔެވުން ފަށަން އަދި ދެތިން މަސް ނަގާނެ އެވެ.

އާބާދީގައި 300އެއްހާ މީހުން ދިރިއުޅޭ ބ. ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ ވިދާޅުވީ ކިޔެވުން ކުރިއަށް ގެންދާނެ ގޮތަކާ މެދު މިނިސްޓްރީއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ނިންމާފައި ވަނީ އެ އަތޮޅު ގޮއިދުއަށް ގޮސްގެން ދަރިވަރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ. އާ އަހަރު ފެށެން ވާއިރަކަށް ނުނިންމޭނެ," އޭނާ ވިދާޅުވި އެވެ.

ބ. ފެހެންދޫގައި އިމާރާތްކުރާ ސެޓްލައިޓް ސްކޫލު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: ފެހެންދޫ ކައުންސިލް


އެ ރަށުން 19 ދަރިވަރަކު އެ އަތޮޅު ގޮއިދޫ އަށް ކިޔަވަން ދިއުމަށް ކަނޑު ހުރަސްކޮށް ދަތުރު ކުރެ އެވެ. އެންމެ ފަހުން އެ ރަށުގައި ދަރިވަރުންނަށް ކިޔަވައިދިނީ 2008 ގަ އެވެ.

ވ. އަތޮޅު ރަކީދޫ ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލު ފެށުމާ ގުޅޭގޮތުން މިނިސްޓްރީއާ މަޝްވާރާ ކޮށްފައިވާ ކަމަށާއި އެ ސްކޫލު ހުޅުވޭނެ ކަމަށް ބުނެފައިވާ ތާރީހަކީ އޮކްޓޫބަރު 22 ކަމަށެވެ.

އެ ރަށުގެ ދަރިވަރުން ކިޔަވަން ނިންމާފައި ވަނީ އެ އަތޮޅު ކެޔޮދޫގަ އެވެ.

"ސްކޫލުގެ މަސައްކަތް ކުރިއަށްދޭ. އެކަމަކު އަދި ނިމެން ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެނީ. އަނެއްކޮޅުން ސްކޫލުތައް އެޅުމަށް ދިން ކޮންޓްރެކްޓު ވެސް އޭރަށް ހަމަވާނީ. އެހާ އިރަށް ނިންމޭނެ ކަމަށް ބެލެވޭ," ރަޝީދު ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވީ ސްކޫލް ނުހުޅުވިއްޖެ ނަމަ ވާނެ ގޮތަކާ މެދު އެޑިއުކޭޝަން މިނިސްޓްރީއާ ވަނީ ސުވާލުކޮށްފަ އެވެ.

"އެ ކޮންސާން އޮވެގެން މިނިސްޓްރީގަ ސުވާލު ކުރީ، އާ އަހަރު ފެށޭއިރު ކިޔަވައިދޭން ނުފެށިއްޖާ ތިބި ކުދިން ވެސް ރަށުން ހިނގައިދާނޭ. އެކުދިން ވެސް ނުތިބޭނެއެއްނުން ސްކޫލުތައް ހުޅުވަންދެން ގޮތެއް ނުނިންމައެއް," އޭނާ ވިދާޅުވި އެވެ.

ބެލެނިވެރިންގެ ބޭނުން ވަނީ ފެލިދޫ ސްކޫލަށް ކުދިން ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވ. ތިނަދޫ ސްކޫލް އަޕްގްރޭޑިން މަސައްކަތަށް ބޭނުންވާތަކެތި ގެނެސް މަސައްކަތް ފެށުމަށް ތައްޔުާރުވެފައި-- ފޮޓޯ/ ތިނަދޫ ކައުންސިލް


ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދާއިރު ތިނަދޫ ސްކޫލް މެނޭޖުކުރާނީ ފެލިދޫ ސްކޫލްގެ ޕްރިންސިޕަލެވެ. އަދި އެސްކޫލްގައި ކިޔެވުމަށް މި ވަގުތު ލިބިފައިވަނީ ހަތް ކުދިންނެވެ.

އަންނަ އަންގާރަ ދުވަހު ސްކޫލުތަކުގައި ކިޔެވުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، އެ ތިން ރަށުގައި އަޅާ ސްކޫލުތައް ނިމޭނެ ތާރީހެއް ނޭނގެ އެވެ. މިނިސްޓްރީން ބުނީ މައުލޫމާތު ހިއްސާ ކުރުމަށް މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.