Advertisement

ކޮވިޑް ވެކްސިންގައި މަތިވެރިއަށް ސަތޭކަ

4 އޮގަސްޓު 2021 - 15:58 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މަތިވެރީގައި ކޮވިޑް ވެކްސިން ކެމްޕޭންގައި މީހަކު ބައިވެރިވަނީ: އެ ރަށުގެ 100 ޕަސެންޓް މީހުން ވަނީ ދެ ޑޯޒު ފުރިހަަމަކޮށްފައި.


ކޮވިޑް ވެކްސިންގައި މަތިވެރިއަށް ސަތޭކަ

4 އޮގަސްޓު 2021 - 15:58 0

އއ. މަތިވެރީގެ ރައްޔިތުން ކޮވިޑުގެ ބިރު މިވަގުތަށް ހަނދާން ނައްތާލައިފި އެވެ; ތިން ފަހަރަށް މޮނިޓަރިންއަށް ލައި އުޅެން ޖެހުނު ހާލަތުން އަރައިގަތީ އެންމެން އެކުގަ އެވެ. އެއަށް ވުރެން ބޮޑަށް އެއް ރޫހެއް ނެރުނީ ކޮވިޑުން ދިފާއުވާން ދެ ޑޯޒު ވެކްސިން ފުރިހަމަ ކުރުމަށެވެ.

"އެއީ, މި ރަށަށް އޮތް ހިތްހަމަޖެހުމަކީ," ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވި އެވެ.

މަތިވެރި ހިމެނެނީ, ކޮވިޑް ވެކްސިން ދެވޭ އާބާދީގެ 100 ޕަސެންޓް މީހުން ދެ ޑޯޒު ފުރިހަމަ ކުރި ހަމައެކަނި ރަށުގެ ގޮތުގަ އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުން ދާން ޝަރުތުހަމާވާ ލިސްޓަށް ވެސް އެ ރަށް އޮތީ އަރައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކަށް ބަލާއިރު, މި ރަށާ އެންމެ ގާތްކުރަނީ 99 ޕަސެންޓް މީހުން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ވ. ރަކީދު އާއި 99 ޕަސެންޓް މީހުން ފުރަތަމަ ޑޯޒު އަދި 98 ޕަސެންޓް މީހުން ދެ ވަނަ ޑޯޒު ޖެހި ބ. ފެހެންދު އެވެ. ނ. މަގޫދު ވެސް އޮތީ ވެކްސިން ފުރިހަމަވާން ކައިރި ލިސްޓުގަ އެވެ.

މަތިވެރި: ވެކްސިންގައި އެ ރަށުން ވަނީ ނަމޫނާ ދައްކާފައި.


މަތިވެރީގައި އަދި މުޅި އއ. އަތޮޅުގެ ޕްރޮގްރާމާ ހަވާލުވެ ހުންނެވި މުއައްމަރު މޫސާ "އަދަދު"އަށް ވިދާޅުވީ ވެކްސިން ޖެހުމުގައި އެންމެ ކުރީއްސުރެން ވެސް ދަމަހައްޓަމުން އައި ނަމޫނާ އެ ރަށުން ފެނިގެން ގޮސްފައިވާ ކަމަށެވެ. ކުޑަކުދިންނާއި މާބަނޑު މީހުންނާއި އެހެން ބަލިތަކުގައި ދޭ ވެކްސިނާ ދެކޮޅު ހަދާ މީހަކު އެ ރަށުގައި ނޫޅެ އެވެ.

އާބާދީގައި 1000 އަށް ވުރެން ގިނަ މީހުން ހިމެނޭ ރަށުގެ ވެކްސިން ޖެހޭ އުމުރު ފުރައިގެ އެންމެން ވަނީ ދެ ޑޯޒު ވެކްސިން ޖަހައިފަ އެވެ. އެއީ 450 މީހުންނެވެ. މީގެ އިތުރުން އެ ރަށަށް ދާ ޓޫރިސްޓުންނަށް ވެސް ވެކްސިން ޖަހައިދެ އެވެ.

މުއައްމަރު ފާހަގަކުރެއްވި ގޮތުގައި ވެކްސިންގައި އެ ރަށުން ދެއްކީ ނަމޫނާ އެކެވެ. އާބާދީ އެއަށް ވުރެން މަދު ރަށްތަކުގައި ވެސް އަދި ދެ ޑޯޒު ފުރިހަމައެއް ނުވެ އެވެ.

މުޅި ރާއްޖޭގައި ކޮވިޑާ ދެކޮޅު ވެކްސިން ފެށިއިރު މަތިވެރީގައި ވެސް ބައެއް މީހުންގެ ސުވާލުތައް ހުއްޓެވެ. ވެކްސިން ޖަހަން ފެށުމުގެ ކުރިން އެ ސުވާލުތަކާއި ކަންބޮޑުވުންތައް ފިލުވައިދޭން ގިނަ މައުލޫމާތުތައް އެ ރަށުގައި ފޯރުކޮށްދިން ކަަމަށް ވިދާޅުވި އެވެ. ނަތީޖާ އަކީ އެންމެން ވެކްސިނުން ރައްކާތެރިކަން ހޯދައިގެން ނޫން ގޮތަކަށް އާމްދަނީ ހޯދުމާއި އެއްތަނުން އަނެއް ތަނަށް ދެވެން ނެތް ކަން ރަށުގެ ގިނަ ރައްޔިތުން ގަބޫލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ކަންކަމަށް ސަމާލުކަން ދޭ, ހޭލުންތެރި, އެއްބާރުލުން ދޭ ރައްޔިތުންތަކެއް ތިބުމަކީ ފުލް ކަވަރޭޖަށް ވާސިލްވެވުނު ސަބަބު," މުއައްމަރު ވިދާޅުވި އެވެ.

ގެސްޓް ހައުސްތައް ފުރިފައި

ވެކްސިން ޕްރޮގްރާމް އެ ރަށުގައި ކުރިއަށް ދިޔަ ގޮތާ މެދު ކައުންސިލްގެ ހިތްހަމަޖެހުން ބޮޑެވެ. އެއީ ރައްޔިތުންނަށް އާމްދަނީގެ ދޮރުތައް ހުޅުވިފައި ވާތީ އެވެ.

ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވީ އެ ރަށުގެ 13 ގެސްޓް ހައުސް ވެސް ހުރީ ފުލްކޮށެވެ. ގެސްޓްހައުސްތައް ފުލްވީ ވެކްސިން ފުރިހަމަ ކުރި ރަށްތަކަށް ދިން ލުއިތައް އެ ރަށަށް ދިނުމަށް ކަނޑައަޅާފައިވާތީ އެވެ.

ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ދަތުރުކުރަން ޝަރުތުހަމާވާ ލިސްޓަށް އެ ރަސް އެރުމަކީ ވެކްސިނުން ލިބުނު އުފާވެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށް ބަންދުކޮށް ރައްޔިތުން ދެއަތް އުރާލައިގެން ގެއަށް ވަދެ ތިބުން އެ ރަށުގެ ރައްޔިތުންނަށް ގަބޫލު ނުކުރެވުނީ އެވެ. މަތިވެރީގައި ކޮވިޑް ފެތުރި ތިން ފަހަރަށް ރަށް މޮނިޓަރިންއަށް ވެސް ލި އެވެ.

ފުރަތަމަ އެ ރަށް ބަންދުކުރަން ޖެހުނީ ޓޫރިސްޓުންތަކެއްގެ ފަރާތުން ކޮވިޑް ފެތުރިގެންނެވެ. އެ ފަހަރު ރަށުގެ ހާލަތު ގޯސްވެ 308 މީހުން ޕޮޒިޓިވް ވެސް ވި އެވެ.

އެ ފަހަރު, އެ ރަށް 39 ދުވަހަށް މޮނިޓަރިން އަށް ލާފައި އޮތެވެ.

މަތިވެރި: އެ ރަށުގެ އާމްދަނީ ބަރޯސާވެފައި އޮންނަނީ ޓޫރިޒަމަށް.


މި ހާލަތުން އަރައިގަނެ ރައްޔިތުން އެންމެ ބޮޑަށް ބެލީ ވެކްސިން ފުރިހަމަ ކުރަން ކަަމަށް އަސްލަމް ވިދާޅުވި އެވެ.

"އެކަން މި ރަށަށް ވެއްޖެ," އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ ވަރަށް ސަރުކާރުން ވަނީ ވެކްސިން ހޯދައިފަ އެވެ. އަތޮޅުތަކަށް ވެކްސިން ފޮނުވައި މާލޭގެ ހަތް ސެންޓަރެއްގައި ވެސް އަންނަނީ ވެކްސިން ޖަހަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ ގިނަ ބަޔަކަށް މި މަސް ނިމޭއިރު ވެކްސިން ފުރިހަމަ ކުރުމަށެވެ.