Advertisement

އިއުތިރާފުން އަދުހަމަށް ލުއި؛ 23 އަހަރުގެ ޖަލު ހުކުމަކަށް

3 އޮގަސްޓު 2021 - 15:51 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަދުހަމް: އޭނާގެ އިއުތިރާފާއެކު ދެ ދައުވާއެއް ވަނީ އަނބުރާ ގެންގޮސްފައި - ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު


އިއުތިރާފުން އަދުހަމަށް ލުއި؛ 23 އަހަރުގެ ޖަލު ހުކުމަކަށް

3 އޮގަސްޓު 2021 - 15:51 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި އަހުމަދު އަދުހަމް ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށް 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެއްޖެ އެވެ.

މެއި ހަވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އަދުހަމް ރިމޯޓެއް ބޭނުންކޮށް ބޮން ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯ ވަނީ ތަހުގީގަށް ލިބިފަ އެވެ.

އަދި އޭގެ ފަހުން އޭނާގެ އަމަލުތައް ހުރި ގޮތުގެ ވީޑިއޯތައް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި ބޮން ގޮއްވާލީ އަދުހަމްކަން ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވެ އެވެ.

ނަމަވެސް، އަދުހަމް ކުށަށް އިއުތިރާފުވެ، އެއްބަސްވުމަކަށް ދާން އެދިފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް އެ ފުރުސަތު ދިނީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އަދުހަމްގެ މައްޗަށް ކުރަން ނިންމީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

ނަމަވެސް، އަދުހަމް އިއުތިރާފުވެ އޭނާ ދައުލަތަށް އެއްބާރުލުން ދެމުން ގެންދާތީ، ލުޔެއްގެ ގޮތުގައި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ ވަނީ އަނބުރާ ގެނެސްފައި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިހާރު އެއްބަސްވެފައިވަނީ އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަކަށް ދެ ދައުވާއެއް ކުރުމަށެވެ. އެއީ 20 އަހަރުގެ އަދަބެއް އަންނަ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ތިން އަހަރުގެ އަދަބެއް އަންނަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

އަދުހަމްއާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް އޭނާ ވަނީ ކޯޓަށް ބަޔާނެއް ދީފައި ކަމަށާއި އެ ބަޔާން އެހެން މީހުންގެ މައްސަލަތަކުގައި ވެސް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ. އަދި، ހަމަލާގެ ކަންކަން ހިނގައިދިޔަ ގޮތް ބެލުމަށް ވެސް އެ ބަޔާން ބޭނުން ކުރެވޭނެ ކަމަށެވެ.

ހަރުކަށި ފިކުރުގެ ގަބޫލުކުރުންތަކުގައި ސިކުނޑި ދޮވެވިފައި ހުރި ކަމަށް އާއިލާއިން ވެސް ބުނެފައިވާ އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެ، އެ ހަމަލާއާ ގުޅޭގޮތުން އޭނާއަށް އެނގި ހުރި ގިނަ މައުލޫމާތުތައް ތަހުގީގަށް ދީފަ އެވެ.

އޭނާ ތަހުގީގަށް ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް ސެލްގެ ވެރިޔާ ކަމަށް ތުހުމަތު ކުރެވޭ އިސްހާގު ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި, ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް އެނގިފައިވެ އެވެ.

ފުލުހުން އާންމުކުރި ގޮތުގައި ބޮން ގޮއްވުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލައިދޭން އެދިފައިވާ އެންމެން ވެސް ނިސްބަތްވަނީ އެއް ސެލްއަކަށެވެ. އެހެންވެ އެ އެންމެންނަށް ވެސް އެކަކު އަނެކަކު އެނގެ އެވެ.

އެކަމަކު ބޮން ގޮއްވާލުމުގައި, ހުރިހާ ރޭވުންތަކެއް އަދުހަމަށް ސާފެއް ނޫނެވެ. އޭނާ އަށް އޮޅުންފިލުވައިދީފައި އޮތީ, އެނގިފައިވާ ގޮތުގައި, ހަވާލުކުރި ޓާސްކް އެކަންޏެވެ. އަދި ހަމަލާގައި ހަރަކާތްތެރިވި ކޮންމެ މީހަކަށްވެސް އެނގޭނީ އެ މީހަކު ފުރިހަމަ ކުރަންޖެހޭ ޓާސްކު އެކަނިކަމަށް ވެސް އަދުހަމް ތަހުގީގުގައި ބުނެފައިވެ އެވެ.

އަދުހަމް، ނަޝީދަށް ފާރަލާން ފެށީ ހަމަލާގެ ތިން ދުވަސް ކުރިންނެވެ. ބޮން ހަރުކޮށްފައިވާ ސައިކަލް މަޖީދީމަގާއި ނީލޯފަރުމަގު ގުޅުނު ކަންމަތީގައި ބެހެއްޓީ ހަމަލާގެ އެއް ދުވަސްކުރިންނެވެ. ހުރިހާ ތައްޔާރީތައް ނިންމައި އަދުހަމް ރިމޯޓާ އެކު ގޮސް ނަޝީދުގެ އިންތިޒާރުގައި ހުރީ ހަމަލާގެ ގަޑިއެއްހާ އިރު ކުރިން ކަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވެސް އޮތެވެ.

އޭނާ މަޑުކޮށްގެން ހުރީ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ އެވެ. ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަތަމާ ޕެލަސް އިން ނުކުމެ ދުއްވައިގަތީ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގޮސް ބައްދަލުކުރީ, ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދާ އެވެ.

އޭގެ ފަހުން އެ މީހުން އެކުގައި އެތަނުން ނުކުމެގެން ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން އެނގޭ ވީޑިއޯއެއް ފުލުހުން އޮތީ އާންމު ވެސް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ހަދާފައި ވަނީ ބާޒާރުން އާއްމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.