Advertisement

ނަޝީދުގެ ބަޔާނެއް މުހިންމުކަމަށް ޕީޖީ ވިދާޅުވެއްޖެ

3 އޮގަސްޓު 2021 - 15:35 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން އަދިވެސް ބަޔާނެއް ނުދެއްވައި. -


ނަޝީދުގެ ބަޔާނެއް މުހިންމުކަމަށް ޕީޖީ ވިދާޅުވެއްޖެ

3 އޮގަސްޓު 2021 - 15:35 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ބަޔާނެއް އަދިވެސް ނުލިބޭ ކަމަށާއި، އެފަދަ ބަޔާނެއް މުހިންމު ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތަފްސީލް ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ނަޝީދުގެ ބަޔާނެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދި ބަޔާނެއް ދެއްވާފައި ނެތް. އަޅުގަނޑުމެން މަސައްކަތް އެބަކުރަން ބަޔާނެއް ހޯދަން ނުވަތަ މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތެއް ހޯދުމުގެ މަސައްކަތްތަކެއް. އަދިއެއް ކާމިޔާބެއް ނުވޭ އަޅުގަނޑުމެންނަކަށް،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި ޝަރީއަތް ފެށުމުގެ ކުރިން ނަޝީދުގެ ބަޔާނެއް މުހިންމު ނަމަވެސް، އެމަނިކުފާނަކީ މި ހަމަލާގެ ވިކްޓިމްއެއްކަން ގަބޫލުކުރަންޖެހޭ ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ޝުއޫރުތަކަށް ވެސް އިހުތިރާމް ކުރަންޖެހެ އެވެ.

ހަމަލާގެ ތަހުގީގަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

އެގޮތުން، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އެ ވަގުތު އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

އަދި އޭގެ ފަހުން އިތުރު ފަރުވާއަށް ނަޝީދު ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވުމުން ސިޓީއަކުން ނޫނީ އީމެއިލް މެދުވެރިކޮށް ވެސް އެ ބަޔާން ހޯދަން މަސައްކަތް ކުރި ކަމަށް ބުންޏެވެ.

ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު މީގެ ކުރީން ވަނީ ޓްވީޓެއް ކުރައްވާ ރައްދު ދެއްވާފަ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ގިނަ މީހުންގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.