Advertisement

މިޝްކާގެ މަރުގެ މައްސަލައިގެ ލިއުންތައް ފުލުހުން އެދިގެން ފޮނުވައިފި

3 އޮގަސްޓު 2021 - 13:48 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ކޮވިޑުގައި ފަރުވާ ލަސްވެގެން މަރުވި މިޝްކާ: އެ މަރުގައި އިހުމާލުވީ ފަރާތްތަކުގެ މައްްސަލަތައް ފުލުހުން އަންނަނީ ބަލަމުން.


މިޝްކާގެ މަރުގެ މައްސަލައިގެ ލިއުންތައް ފުލުހުން އެދިގެން ފޮނުވައިފި

3 އޮގަސްޓު 2021 - 13:48 0

ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާގައި އިހުމާލުވުމުގެ ސަބަބުން މަރުވި ފާތުމަތު މިޝްކާގެ މަރާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އެދުނު ހުރިހާ މައުލޫމާތެއް ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާން (ތަހޭ) މިއަދު ވިދާޅުވީ ފުލުހުންނަށް ފޮނުވީ އެ މައްސަލައާ ގުޅިގެން މިނިސްޓްރީން ބެލި ބެލުމުން ފާހަގަވެފައިވާ ހުރިހާ ތަފްސީލްތަކެކެވެ. އޭގެތެރޭގައި މިޝްކާގެ މަރުގައި އިހުމާލުވީ ކަމަށް ތުހުމަތު ކުރެވުނު ފަރާތްތައް ވެސް ހިމެނެތޯ އެހުމުން ވިދާޅުވީ "އެދުނު ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާ" ކަަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިޝްކާއަށް ފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން އޮތީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް ނާޅަ އެވެ. އެކަމަކު އޮޕަރޭޝަންގައި ހުރި މައްސަލަތައް އަންނަނީ ހައްލު ކުރަމުންނެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީން ބެލިބެލުމުގައި ފާހަގަވި ކަންކަން ވާނީ ކަމާބެހޭ އިދާރާތަކަށް ފޮނުވައިފަ އެވެ. އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެކަމެއް ކުރިއަށް ގެންދެވޭނީ މައްސަލަ ބަލައި އެ މުއައްސަސާތަކުން ހުށަހެޅުމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިޝްކާގެ މަރާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ރިޕޯޓުގައި ކޯލް ސެންޓަރުގެ ފަރުވާ ކުޑަކަމާއި މިޝްކާއަށް ފަރުވާ ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރުޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާ ކަމަށް ވެސް ވެ އެވެ.

ރިޕޯޓުގައި ވަނީ، ތަކުރާރުކޮށް އާއިލާ އިން ގުޅަމުން ދިޔަ ކޯލްތަކަށް އެޗްއީއޯސީން އަޅާނުލިކަން ފާހަގަކޮށްފަ އެވެ.

"މި ހާދިސާގައި އެޓެންޑްވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާ އެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑް ވެފައިވާ ނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ،" ރިޕޯޓުގައިވެ އެެވެ.

މިޝްކާ ބަލައި ފޮނުވާނެ ކަމަށް ކޯލް ސެންޓަރުން ދިން ޔަގީންކަމަށް ބެލެނިވެރިން އިތުބާރު ކުރި ކަމަށާއި ނަމަވެސް ދެ ގަޑިއިރާއި 26 މިނެޓް ވި އިރު ވެސް އެމްބިއުލަންސް ޓްރިގާކޮށްފައި ނުވާ ކަން ރިޕޯޓުގައި ބުނެފައިވެ އެވެ.