Advertisement

ފުލުހުންގެ އިންޓެލްގައި އުޅުނު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

3 އޮގަސްޓު 2021 - 14:08 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ފާތިހް: އޭނާގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމާފައި.


ފުލުހުންގެ އިންޓެލްގައި އުޅުނު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

3 އޮގަސްޓު 2021 - 14:08 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ފާތިހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން އިތުރު ތިން މީހުންނާ އެކު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް، ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، އެކަން ފުލުހުންނަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަންގައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި ތަހުގީގަށް މިހާތަނަށް ފާތިހުގެ މައްޗަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ދައުވާ ކުރެވެން ނެތެވެ. ނަމަވެސް، ތަހުގީގަށް އިތުރު ކުރިއެރުންތަކެއް ލިބި އޭނާގެ މައްޗަށް ދައުވާ ކުރާނެ ސަބަބެއް ފެނިއްޖެނަމަ ދައުވާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރާތާ 75 ދުވަހުގެ ތެރޭ ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމަން ޖެހެ އެވެ. ފާތިހު ހައްޔަރުކުރިތާ އަދި އެ މުއްދަތު ހަމައެއް ނުވެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ފާތިހުގެ މައްޗަށް ދައުވާ މިވަގުތަށް ނުކުރަން ނިންމާފައިވާތީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުންނާއެކު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. އޭނާ މިވަގުތު ހުރީ 30 ދުވަހުގެ ބަންދެއްގަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވާކަން ހާމަ ކުރައްވައިފަ އެވެ. ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަރުހަލާއަށް ފާތިހު ހިމަނައިގެން ފޮނުވާފައި އޮތީ ފަސް މީހެއްގެ މައްސަލަ އެވެ.

އެހެންކަމުން، ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހުމަދު އަދުހަމާއި މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ މައްޗަށާއި ބޮން ގޮއްވާލި ސައިކަލްގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ އަލީ ހައިޝަމްގެ މައްޗަށެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހުންގެ ތެރޭގައި ހިމެނޭ ފާތިހް ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާ ފުލުހުންގެ އިންޓެލިޖެންސްގައި އުޅުނުކަން ފަޅާއެރީ ހައްޔަރުކުރުމުންނެވެ. ހަމަލާގެ ފަހުން ދަރަވަންދުއަށް ފާތިހު ދިޔައީ ކައިވެންޏަށް ކަމަށް އަނބިމީހާގެ އާއިލާއިން ބުނެ އެވެ. އޭނާ ހައްޔަރުކޮށްގެން ގެނައީ ކައިވެނިކުރި ހަފުތާގަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވިދާޅުވެފައިވަނީ މިދިޔަ ފެބުރުއަރީ މަހު ވަޒީފާއިން ވަކިކުރި ފާތިހު އުޅުނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރީ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސްތަކުގައި ނޫން ކަމަށެވެ. އޭނާ ވަކިކުރީ މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ރިޕޯޓްތަކެއް ލިބުމުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ފާތިހަށް އަންނަމުން ދިޔަ ބަދަލުތައް އޮތީ އެންމެ އެކަށީގެންވާ ވަރަށް ފުލުހުންނަށް ވަޒަން ނުކުރެވި އެވެ. ހަރުކަށި ފިކުރާ ގުޅޭ އެ ބަދަލުތައް އޭނާ އަށް އައީ ވަޒީފާ އިން ވަކިވި ފަހުން ނުވަތަ އޭގެ ކުރިން ކަމަށްވުން ވެސް އެކަށީގެންވާ ކަމަށް އިމްރާން ވިދާޅުވެފައިވެ އެވެ.