Advertisement

އަންނަ އަހަރުގެ ބަޖެޓު އޮކްޓޯބަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަނީ

3 އޮގަސްޓު 2021 - 13:52 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިނޭންސް މިނިސްޓަރު އަމީރު މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް


އަންނަ އަހަރުގެ ބަޖެޓު އޮކްޓޯބަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަނީ

3 އޮގަސްޓު 2021 - 13:52 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން އެކުލަވާލާ ދައުލަތުގެ ބަޖެޓު، އޮކްޓޯބަރު 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު، މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެ އެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދުގައި ބުނާ ތާރީހަށް ގިނަ އަހަރުތަކުގެ ބަޖެޓު ތައްޔާރުކޮށް ހުށައެއްނޭޅެ އެވެ.

އެގޮތުން، މި އަހަރުގެ ބަޖެޓު ވެސް 2019 ވަނަ އަހަރު ހުށަހެޅުނީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެވެ.

"އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދެ އެވެ.

"އަޅުގަނޑުމެން މި ތައްޔާރުވަނީ މިއަހަރުގެ ބަޖެޓު 31 އޮކްޓޯބަރުގެ ކުރިން މަޖިލީހަށް ހުށަހަޅަން. އަދި ބަޖެޓު ސްޕީޗުވެސް އޭގެ ކުރިން މަޖިލީހުގައި ދޭން،" އަމީރު ވިދާޅުވި އެވެ.

ބަޖެޓާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސޯދު އަދި މުޅީން ރަނގަޅުވެފައިނުވާތީ، އަންނަ އަހަރުގެ ބަޖެޓު ވެސް އެކުލަވާލެވެމުންދަނީ ވީހާވެސް ބޮޑަށް ހަރަދުތައް ކުޑަކޮށްގެން ކަމަށާއި ގަސްދުކުރަނީ މި އަހަރު ޕްރޮގްރާމް ބަޖެޓެއް ހުށަހެޅުމަށެވެ.

އޭގެ އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ އެންމެ މުހިންމު މަޝްރޫއުތައް ހިންގުމަށްކަމަށް ވެސް އަމީރު ފާހަގަކުރެއްވި އެވެ.

"އަންނަ އަހަރު ވެސް އާ މަޝްރޫއުތަކެއް ފެށުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ މިހާރު އެވޯޑްކޮށްފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިލުން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެންމެ އިސްކަމެއް ދެއްވާނީ އާ ކަންތައްތަކެއް ހިމެނުމުގެ ބަދަލުގައި މިހާރު ހުރި ކަންކަން ތަންފީޒުކުރުމަށް ކަމަށެވެ.

މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 33.4 ބިލިއަން ރުފިޔާގެ ހަރަދުގެ ގޮތުގައި ޖަހާފައިވާއިރު، އެއީ 12.3 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން އިސްވެ ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެއާއެކު، ބަޖެޓު ކުރި އަދަދުގެ ތެރެއިން އެއް ބިލިއަނެއްހާ ރުފިޔާ ހަރަދުން ސަލާމަތްކުރެވޭނެކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.