Advertisement

ރިލްވާން މައްސަލައިގައި ސުވާލު ކުރުމަށް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކޮށްފި

3 އޮގަސްޓު 2021 - 12:19 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް އަބްދުﷲ ޔާމީން: މަރު ކޮމިޝަނުން ކުރިން ބުނެފައި ވަނީ ރިލްވާން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު


ރިލްވާން މައްސަލައިގައި ސުވާލު ކުރުމަށް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކޮށްފި

3 އޮގަސްޓު 2021 - 12:19 0

ޓެރަރިސްޓް ޖަމާއަތް އަލް-ގައިދާއާ ގުޅިގެން ހަރަކާތްތެރިވާ ބަޔަކު، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.

ކަޅުފައިސާ ދޮވުމުގެ ކުށް ސާބިތުވެ މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމްގެ ލީޑަރު ޔާމީން، ގާޒީ ބިލްޑީންގުގައި ހިންގާ، ގެއްލިފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުންނެވެ.

މިއީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ފުރުއްވާފައިވާ ބޭފުޅަކާ މަރުގެ މައްސަލައެއްގައި ސުވާލު ކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެމަނިކުފާނާ ސުވާލު ކުރަނީ ރިލްވާން މައްސަލައިގައި ސީދާ ކޮން ކަމަކާ ގުޅިގެންކަން އެނގިފައެއް ނުވެ އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ކުރީގެ ރައީސް ޔާމީންއާ ސުވާލު ކުރާއިރު، ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި ރައީސް ޔާމީންއާ ސުވާލު ކުރާއިރު މިހާރު ވެސް ޖިނާއީ ހަ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ އުފުލައިފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާވެފައި އޮތް މައްސަލައެއްގައި މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ވެސް ކުރިއަށްގެންދިޔަ އެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެއްގަ އެވެ.

އޭގެ އިތުރުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޮތީ ފޮނުވައިފަ އެވެ.